ބީއެމްއެލްގައި ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ބީއެމްއެލްއަށް ގިނަ ދުވަހު ޚިދުމަތްކޮށްދިީފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް ރޭ އެވޯޑް ދީފި އެވެ.


ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އޭންޑްރޫ ހީލީ އެވެ.

މި ރަސްމިއްޔާތުގައި، އެ ކުންފުނީގައި 15 އަހަރު، 20 އަހަރު، 25 އަހަރު އަދި 35 އަހަރު މަސަައްކަތްކޮށްފައިވާ 37 މުވައްޒަފަކަށް އެވޯޑް ހަވާލުކޮށްފައިވެ އެވެ.

މި ހަފުލާގައި ވަނީ ބީއެމްއެލްގައި 35 އަހަރު މަސައްކަތްކޮށްފައިވާ ހެޑް އޮފް އިންޓާނަލް އޮޑިޓް ފާތިމަތުު ރަޝީދާއަށް ވަނީ އެ ކުންފުނިން ހާއްސަ އެވޯޑެއް ދީފަ އެވެ. މީގެ އިތުރުން އެ ކުންފުނީގައި 30 އަހަރު މަސައްކަތްކޮށްފައިވާ ޑެޕިއުޓީ ސީނިއާ އޮފިސަރު އައިމިނަތު ނަސީރަށާއި، އިންޓާނަލް އޮޑިޓް މެނޭޖަރު އައިމިނަތު ހަސަނަށް އަދި ކްލަސްޓާ ބްރާންޗުގެ މެނޭޖަރު ހުސެއިން ރަޝީދަށް ވެސް ވަނީ އެ ބޭފުޅުން އަދާކޮށްފައިވާ ހިދުމަތުގެ އަގު ވަޒަންކޮށް އެވޯޑް ދީފައެވެ.

ބީއެމްއެލްއަށް ގިނަ ދުވަހު ހިދުމަތްކޮށްދިން ބޭފުޅުންނަށް އެ ކުންފުނީގެ ސީއީއޯ އެންޑްރޫ ހީލީ ވާހަކަ ދައްކަވަނީ -- ފޮޓޯ: ބީއެމްއެލް

އެވޯޑް ލިބުނު ފަރާތްތަކާ ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ އެ މުވައްޒަފުން އެތައް އަހަރެއް ވަންދެން އެ ކުންފުންޏަށް ކޮށްދީފައިވާ ހިދުމަތަށް ޝުކުރުކުރާ ކަމަށެވެ. އަދި އެ ބޭފުޅުން ބޭންކަށް ކާމިޔާބު ހޯދުމަށް މަސައްކަތްކުރާ ކަން ފާހަގަކޮށް، އެކަމަށް ވެސް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

"ތިޔަ ބޭފުޅުންނަކީ ބޭންކުގައި ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދެއްވައި، ބޭންކަށް ކާމިޔާބު ހޯއްދަވައި ދެއްވުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުން. މުވައްޒަފުން ނަމޫނާ އެއްގެ ގޮތުގައި ބަލަނީ ވެސް ހަމަ ތިޔަ ބޭފުޅުން. ވޭތުވެދިޔަ އަހަރުތަކުގައި ބޭންކަށް ކޮށްދެއްވި މިންނަތް މަސައްކަތަށް ޝުކުރު ދަންނަވަން،" އެންޑްރޫ ވިދާޅުވި އެވެ.

ދިގު މުއްދަތަކަށް ބެންކަށް ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންގެ އަގުވަޒަންކޮށް، އެކަން ފާހަގަކޮށް އެންމެ ފުރަތަމަ އެ ކުންފުނިން އެވޯޑްދޭން ފެށީ 2015 ގައެވެ. އެއަށް ފަހު ކޮންމެ އަހަރަކު މިފަދަ ހަފުލާއެއް ބާއްވައި، ބީއެމްއެލްގައި ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ބޭފުޅުންގެ އަގު ވަޒަން ކުރުމަށް އެވޯޑް ދެއެވެ. ބީއެމްއެލް ވަނީ އެ ކުންފުނިން ގެންގުޅޭ އިންސާނީ ވަސީލަތްތައް ރަނގަޅު ކަމުން ޖެހިޖެހިގެން ދެ އަހަރު "އޭޝިޔާސް ބެސްޓް އެމްޕްލޮޔާ ބްރޭންޑް އެވޯޑް" ހޯދާފަ އެވެ.