ބީއެމްއެލްގެ ނަމުގައި އަނެއްކާވެސް އޮޅުވާލުމުގެ ކޯލްތަކެއް!

ބީއެމްއެލްގެ ނަމުގައި އޮޅުވާލުމުގެ ކޯލްތަކެއް ކަސްޓަމަރުންނަށް ބަޔަކު ގުޅަމުން ދާތީ އެފަދަ ކޯލްތަކަށް ޖަވާބު ނުދިނުމަށް އެ ބޭންކުން އިލްތިމާސްކޮށްފި އެވެ.


ބީއެމްއެލުން ބުނީ އެ ބޭންކްގެ ކަސްޓަމަރުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދަން ގުޅާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ކަސްޓަމަރުން ކުރަމުންދާ ކަމަށް ވެސް، ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުންޏެވެ.

ކާޑުގެ މައުލޫމާތު ހޯދާށާއި އެހެން ގޮތްގޮތުން ވެސް ބީއެމްއެލްގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންނަށް އޮޅުވާލާތީ، އެ ބޭންކުން ގެންދަނީ ދޭތެރެ ދޭތެރެއިން ހޭލުންތެރިކުރުވުމުގެ ކެމްޕޭންތައް ވެސް ހިންގަމުންނެވެ. އެގޮތުން ބީއެމްއެލްގެ އެއްވެސް ކާޑެއްގެ މައުލޫމާތު ހޯދަން އެ ބޭންކުން ނުގުޅާނެ ކަމަށް ބުނެ، ބޭންކްގެ ބައެއް ބްރާންޗުތަކުގައި އިސްތިހާރު ވެސް ކުރަމުން ގެންދެ އެވެ.

ބީއެމްއެލުން ބުނީ އީމެއިލް އާއި އެސްއެމްއެސް ނުވަތަ ފޯނު ކޯލު މެދުވެރިކޮށް ކާޑު ނަމްބަރު، ކާޑުގެ ސީވީސީ ކޯޑު، އަދި ކާޑުގެ މުއްދަތު ހަމަވާ ތާރީހު އޮޅުންފިލުވަން އެއްވެސް ކަސްޓަމަރަކަށް އެ ބޭންކުން ނުގުޅާނެ ކަމަށެވެ.