ސޮނޭވާފުށީގެ އަގުބޮޑު ވިލާގެ މަގުބޫލުކަން ބޮޑުވަނީ

ބ. އަތޮޅުގައި އޮންނަ ފެންވަރު މަތީ ރިސޯޓް ސޮނޭވާފުށީގެ ނުވަ ކޮޓަރީގެ އަގުބޮޑު ވިލާގެ މަގުބޫލުކަން ވަރަށް ބޮޑު ވާން ފަށައިފި އެވެ.


ޒަމާނީ ޑިޒައިނަކަށް މި ވިލާ ހަދާފައި ވަނީ ގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުން ފޫހިވާނެ ހުސް ވަގުތެއް ނުލިބޭހާ ހިތްގައިމުކޮށެވެ.

ސޮނޭވާގެ "ޕްރައިވެޓް ރިޒާވް" ތަރައްގީކޮށްފައި ވަނީ އެހެން މީހުންގެ އުނދަގޫ ނުވާ ގޮތަށް، ރަށުގެ އިރުމަތި ފަރާތުގައި 5،540 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއްގަ އެވެ. ރިސޯޓުގެ އެހެން ކޮޓަރިތަކާ ދުރުގައި އޮތް ނަމަވެސް މި ވިލާއަށް 24 ގަޑިއިރު ހިދުމަތް ދޭނެ މުވައްޒަފުން ތިބެ އެވެ.

ސޮނޭވާފުށި ޕްރައިވެޓް ރިޒާވް | ފޮޓޯ: ސޮނޭވާ

މި ވިލާގައި ރެއަކަށް ޗާޖުކުރަނީ 28،101 ޑޮލަރު (433،317 ރުފިޔާ) އެވެ. ނުވަ ކޮޓަރިއަކީ ޖުމްލަ ގޮތެއްގައި 18 މީހުންގެ ޖާގަ އެވެ. އެހެންކަމުން ބޮޑެތި އާއިލާތައް ނުވަތަ ރައްޓެހިންގެ ބޮޑެތި ގުރޫޕު އެކުގައި ތިބުމަށް މިއީ ވަރަށް އެކަށީގެންވާ ތަނެކެވެ.

މުޅި ވިލާގެ މެދުގައި ހަދާފައިވާ ޒަމާނީ ސުވިމިން ޕޫލަށް ގިނަ ބައެއްގެ ސަމާލުކަން ލިބިުފައިވެ އެވެ. އެ ޕޫލްގެ މެދުގައި ބަހައްޓާފައިވާ ބޮޑު ސޯފާގައި އޮށޯވެލިޔަސް ދުނިޔޭގެ އެހެން ކަންކަމުގެ މަތިން ހަނދާން ނެތޭހާވެ އެވެ.

ސޮނޭވާފުށި ޕްރައިވެޓް ރިޒާވްގެ ކޮޓަރިއެއް | ފޮޓޯ: ސޮނޭވާ

އޭގެ އިތުރުން، މިތަނުގައި ޓީވީ ލައުންޖް، ޖިމް، ޕްރައިވެޓް ސްޕާ، ސްޓީމް ރޫމް، ސައުނާ، އަދި މަސާޖް ރޫމްގެ އިތުރުން ބަދިގެ އާއި، ޕޫލް ތެރޭ އެންމެން އެކުގައި ނާސްތާ ކޮށްލުމުގެ ފުރުސަތު ވެސް އޮވެ އެވެ.

ކުޑަކުދިންނާ އެކު އަންނަ އާއިލާތަކަށް ފަސޭހައަށް އެ ކުދިން ބަލައިދޭނެ މުވައްޒަފެއް ވެސް އެ ވިލާއަށް ހާއްސަ ކޮށްގެން ހުރެ އެވެ.

ސޮނޭވާފުށި ޕްރައިވެޓް ރިޒާވްގެ ޕޫލް މެދުގައި ރޭނގަޑުގެ ކެއުން | ފޮޓޯ: ސޮނޭވާ