ކަސްޓަމްސްގެ ބައެއް ހިދުމަތްތައް އަވަސްކުރަނީ

އިމްޕޯޓް އެކްސްޕޯޓް ކްލިއަރެންސްގެ ހިދުމަތްތަކުގެ ތެރެއިން މިހާރު ދެ ގަޑިއިރު ތެރޭ ދެވޭ ހިދުމަތްތައް ދޮޅުގަޑިއިރުން ފުރިހަމަކުރެވޭ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.


ކަސްޓަމްސް އިން މިއަހަރުގެ ފުރަތަމަ ތިން މަހު ކުރާނެ ކަންކަން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ވިދާޅުވީ، އިމްޕޯޓް އެކްސްޕޯޓް ޑިކްލަރޭޝަން މިހާރަށް ވުރެ އަވަސްކުރަން ހިދުމަތްތައް ޒަމާނީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ނުއުމާން ވިދާޅުވީ، ކަސްޓަމްސް އިން ފައިސާ ރީފަންޑްކުރަންޖެހޭ ހާލަތްތަކުގައި ވީހާ ވެސް އަވަސް އަދި ލުއިފަސޭހަކޮށް އެ ފައިސާ އަނބުރާ ރައްދުކުރެވޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށެވެ. އެގޮތުން މިހާރު އެކަމަށް އެދި ހުށަހަޅަން ޖެހެނީ ސިޓީއެއް ކަމަށާއި އޭގެ ބަދަލުގައި ސްޓޭންޑާޑް އެޕްލިކޭޝަންތައް ތައާރަފް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"އިމްޕޯޓް އެކްސްޕޯޓް ހިދުމަތްތަކާ ގުޅޭ ލިޔެކިޔުން ނިންމުމާއި މޫދާ ދޫކުރުމުގައި އަމަލު ކުރާނެ ގޮތް ރިވިއުކުރުން. މި މަސައްކަތް ނިމޭ އިރު އަޅުގަނޑުމެން ކަނޑއަޅާނަން ހިދުމަތްތަކަށް ހޭދަވާނެ ވަގުތުތައް،" އޭނާ ވިދާޅުވި އެވެ.

ނުއުމާން ވިދާޅުވީ، ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވާ ބޭލުމުގެ ހިދުމަތް ހޯދުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ކަސްޓަމްސްގެ ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށެވެ. މީގެ އިތުރުން އެއާ ކާގޯ ބަލާފާސްކުރާ ސްޕީޑް ހަލުވިކުރުމަށް ކަސްޓަމްސް އިން ވަނީ ނިންމާފަ އެވެ. އަދި މުދާ ދޫކުރުމަށް ހަވާލުވެފައިވާ އޮފިސަރުންގެ މައުލޫމާތު ހިދުމަތް ހޯދާ ފަރާތްތަކަށް ފެންނާނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮންޑެޑް ވެއަހައުސް އިން ހިދުމަތް ހޯދާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހިދުމަތްދޭ ވަގުތު ބަދަލު ގެނައުމަށް ކަސްޓަމްސް އިން ވަނީ ނިންމާފަ އެވެ. މި މުއްދަތުގެ ތެރޭގައި ބޮންޑެޑް ވެއާހައުސިން ރީއެކްސްޕޯޓްކުރަން ބޭނުންވާ މުދާ ބެހެއްޓުމުގައި ވެއާހައުސް ހިންގާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލު ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ނުއުމާން ވިދާޅުވި އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ