ކަސްޓަމްސްގެ ހިދުމަތް ރަނގަޅުކުރަން ކުރާނެ 24 ކަމެއް ކަނޑައަޅައިފި

ކުރިއަށް އޮތް ތިން މަސް ތެރޭ ހަ ދާއިރާއަކުން 24 ކަމެއް ހާސިލްކުރަން ކަސްޓަމްސް އިން އަމާޒުހިފައިފި އެވެ.


ކަސްޓަމްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކަސްޓަމްސް އިން މަސައްކަތް ކުރާނީ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ލުއިފަސޭހަކުރަން ކަމަށެވެ. އެގޮތުން ހަ ދާއިރާއަކުން ކަންކަން އިސްލާހުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްޕޯޓް އެކްސްޕޯޓް ކްލިއަރެންސް މަރުހަލާ މިހާރަށް ވުރެ ލުއިފަސޭހަކުރުން

އިމްޕޯޓް އެކްސްޕޯޓް ޑިކްލަރޭޝަން ނިންމުމުގައި ހޭދަވާ ވަގުތު، ދުރާލާ އަންދާޒާކުރުމާއި ޓްރާންސްޕޭރެންސީ އިތުރުކުރުމުގެ ގޮތުން ސަވިސް ސްޓޭންޑާޑް އަލުން ރިވިއުކުރުވޭނެ ކަމަށް ނުއުމާން ވިދާޅުވި އެވެ. އޭގެ އިތުރުން އެކްސްޕޯޓް އަދި އިމްޕޯޓް ކުރާ ފަރާތްތަކަށް ދިމާވާ ދަތިތައް ވެސް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހައްލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުން

ނުއުމާން ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކަސްޓަމްސްގެ ހިދުމަތްތަކާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ރާވަމުން އަންނަ ކަމަށެވެ. އަދި ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާއިރު އެކަންކަން ހައްލު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯޑާ އެންސްފޯސްމެންޓް

ނުއުމާން ވިދާޅުވީ، މިކަމުގެ އެންމެ ބޮޑު މަގްސަދަކީ ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި ދެނެގަތުމަށްޓަކައި ސްކީނު ކުރެވޭ ނިޒާމު ހަރުދަނާކުރުން ކަމަށެވެ.

"މިކަމުގައި އެހީތެރިކަމަށް އެދެން އަޅުގަނޑުމެންނާ ގުޅުން ހުރި އެހެން ދާއިރާތަކަށް. މިސާލަކަށް އެމްއޭސީއެލް އަދި އެމްޕީއެލް. މިތަންތަނާ ގުޅިގެން އަޅުގަނޑުމެއް މަސައްކަތް ކުރާނީ،" އޭނާ ވިދާޅުވި އެވެ.

އިންސާނީ ވަސީލަތްތައް ތަރައްގީކުރުން

އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމްސް އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމެވެ. އެގޮތުން މުވައްޒަފުންގެ ފެންވަރާއި ޝައުގުވެރިކަން އިތުރުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިމާވެއްޓާ ރައްޓެހި މާހައުލެއް ގާއިމްކުރުން

ކަސްޓަމްސްގެ އިން މާލޭގެ އިތުރުން ހއ. އުލިގަމާއި ހދ.ކުޅުއްފުއްޓާއި އައްޑޫގައި ވެސް ހިދުމަތް ދެމުން އަންނައިރު މިތަންތަނުގައި ވެސް ތިމާވެއްޓަށް މުވައްޒަފުން އަހުލުވެރި ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ނުއުމާން ވިދާޅުވި އެވެ.

ޕަބްލިކް ރިލޭޝަން ހަރުދަނާކުރުން

ނުއުމާން ވިދާޅުވި ގޮތުގައި، ކަސްޓަމްސް އިން ހިދުމަތް ހޯދާ ފަރާތްތަކާ އޮންނަ ގުޅުން ބަދަހިކޮށް އެ އިދާރާގެ ތަސައްވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ. ހިދުމަތްތައް ދިނުމުގައި ވީހާވެސް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށްޓަކައި ކަސްޓަމްސްގެ ވެބްސައިޓުން ދިވެހި ބަހުން މައުލޫމާތު އާންމުކުރަން ފެށުމަށް ވަނީ ނިންމައިފަ އެވެ.