ތިން ގައުމެއްގެ ޔުނިވާސިޓީތަކާ އެކު އެޑްލޮކޭޓް އިން ސްޓަޑީ އެބްރޯޑް ފެއާއެއް ބާއްވަނީ!

މަތީ ތައުލީމާ ބެހޭ ކަންކަމުގައި ކޮންސަލްޓަންސީގެ ޚިދުމަތް ދޭ ލަންކާގެ ކުންފުންޏެއް ކަމަށްވާ، އެޑްލޮކޭޓް އިން "ސްޓަޑީ އެބްރޯޑް ޑޭ 2019"ގެ ނަމުގައި މާލޭގައި ފެއާއެއް ބޭއްވުމަށް ނިންމައިފި އެވެ.


މި މަހުގެ ނުވަ ވަނަ ދުވަހު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ހަވީރު 4-10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއާގައި، އެޑްލޮކޭޓްގެ ކަމާބެހޭ ކައުންސެލަރުންނާއި، އޮސްޓްރޭލިޔާ، ނިއުޒީލަންޑް އަދި މެލޭޝިޔާގެ ޔުނިވާސިޓީތަކުގެ އޮފިޝަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފެއާގައި ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށް، 75 އަށް ވުރެ ގިނަ ޔުނިވާސިޓީގެ ތަފާތު ޕްރޮގްރާމްތަކުގެ މައުލޫމާތު ހިއްސާކުރެވޭނެ އެވެ. މިގޮތުން ހިއްސާކުރެވޭނެ މައުލޫމާތުތަކުގެ ތެރޭގައި ތަފާތު ކޯސްތަކާ ބެހޭ މައުލޫމާތާއި، ފީ ނެގުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި، ސްކޮލާޝިޕްގެ ފުރުސަތުތަކާއި، އެނޫނަސް އެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލްކުރުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ބޭނުންވާ ކޮންމެ މައުލޫމާތެއް ހިމެނެ އެވެ.

މި ފެއާގައި 75 އަށް ވުރެ ގިނަ ޔުނިވާސިޓީތަކުން ބައިވެރިވާނެ--ފޮޓޯ:އައިލެންޑާސް ގްރޫޕް

"މި ފެއާ އަށް ކޮންމެ ބޭފުޅަކަށް ވެސް ވަޑައިގެންނެވޭނެ، އަދި ވަނުމަށް އެއްވެސް ކަހަލަ އެންޓްރާންސް ފީ އެއް ނުނެގޭނެ. އޮސްޓްރޭލިޔާ، ނިއުޒީލަންޑް، އަދި މެލޭޝިޔާއިން ލިބެން ހުރި ތަފާތު ފައުންޑޭޝަން، ޑިޕްލޮމާ، އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ކޯސްތަކާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް މި ފެއާއަކީ ވަރަށް ރަނގަޅު ފުރުސަތެއް،" އެގްޒެކެޓިވް ޑިރެކްޓަރު ތިލަންކާ ޗެތިޔަވަރްދާނާ ވިދާޅުވި އެވެ. "މި ފެއާގައި ބައިވެރިވުމަށްޓަކައި ޔުނިވާސިޓީ އޮފް ޓެޒްމޭނިއާ، ޔުނިވާސިޓީ އޮފް ވެސްޓާން ސިޑްނީ، އާރްއެމްއައިޓީ، ސްޓަޑީ ގްރޫޕް ވިތް ޗާލްސް ސްޓާޓް ޔުނިވާސިޓީ، ޖޭމްސް ކުކް ޔުނިވާސިޓީ، ސްވިންބާން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ (ސަރަވަކް ކެމްޕަސް) އަދި އިންޓި އިންޓާނޭޝަނަލް ޔުނިވާސިޓީސް އެންޑް ކޮލެޖަޒްގެ ބޭފުޅުން ވަޑައިގެން، ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ދެއްވާނެ."

ތިލަންކާ ވިދާޅުވި ގޮތުގައި، މި ފެއާގައި ވަގުތުން ވެސް ދަރިވަރުންނަށް އެޕްލިކޭޝަންތައް ހުށަހެޅޭނެ އެވެ. އެގޮތުން، އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި، ކޮންމެ ދަރިވަރެއް ވެސް ފެއާއަށް ދާއިރު އޯލެވެލް އަދި އޭލެވެލް ސެޓިފިކެޓްތައް (ޕެންޑިން ރިސަލްޓްސް ވެސް ގަބޫލުކުރެވޭނެ)، ޑިގްރީ ސެޓްފިކެޓް (ޕޯސްޓް ގްރެޖުއޭޓް ކޯސްތަކަށް އެޕްލައިކުރަން ބޭނުންވާ ދަރިވަރުން)، އައިއީއެލްޓީއެސް/ ސީއޭއީ/ ސީޕީއީ (ފުރިހަމަކޮށްފައިވާ ނަމަ)، އަދި ޕާސްޕޯޓް ގެންދިއުމަށް އެޑްލޮކޭޓުން އެދެއެވެ.

ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން، ސްރީލަންކާގައި 2000 ވަނަ އަހަރު އުފެއްދި އެޑްލޮކޭޓް ކުންފުނިން ވަނީ އައިލެންޑާސް އެޑިޔުކޭޝަނާ ގުޅިގެން ފާއިތުވި ދެ އަހަރުގެ ތެރޭގައި މިފަދަ އެތައް ފެއާއެއް ބާއްވައި، އެތަކެއް ދަރިވަރުންނަށް ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ޔުނިވާސިޓީތަކަށް އެޕްލައިކުރުމަށާއި، ވިސާ އަށް އެޕްލައިކުރުން ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި އެޑްލޮކޭޓުން މިގޮތަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ވެސް ދެނީ މުޅިން ހިލެއެވެ.

ދުނިޔޭގެ އެންމެ ކުރީގައި އުޅޭ 120 ޔުނިވާސިޓީގެ ތެރޭގައި ހިމެނޭ އޮސްޓްރޭލިއާގެ ގްރޫޕް އޮފް 8 ޔުނިވާސިޓީ ވެސް އެޑްލޮކޭޓުން ރެޕްރެސެންޓްކުރެއެވެ. އެއީ ޔުނިވާސިޓީ އޮފް މެލްބަން، އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީ، ޔުނިވާސިޓީ އޮފް ކުއީންސްލަންޑް، ޔުނިވާސިޓީ އޮފް އެޑިލެއިޑް، ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިޔާ، ޔުނިވާސިޓީ އޮފް ސިޑްނީ، ޔުނިވަސިޓީ އޮފް ނިއު ސައުތް ވޭލްސް އަދި މޮނާޝް ޔުނިވާސިޓީ އެވެ. މީގެ އިތުރުން ވެސް އޮސްޓްރޭލިޔާގެ އެކި ސްޓޭޓްތަކަށް ނިސްބަތްވާ 50 އަށް ވުރެ ގިނަ ޔުނިވާސިޓީ އެޑްލޮކޭޓުން ރިޕްރެސެންޓްކުރެއެވެ.

ނިއުޒީލަންޑަށް ބަލާލާއިރު، ނިއުޒީލަންޑްގެ އެންމެ މަތިން ރޭންކްކުރެވިފައިވާ އަދި ދުނިޔޭގެ ވެސް އެންމެ ގަދަ 100 ގެ ތެރޭގައި ހިމެނޭ ޔުނިވާސިޓީ އޮފް އޯކްލޭންޑަކީ ވެސް އެޑްލޮކޭޓް ރިޕްރެސެންޓްކުރާ ޔުނިވާސިޓީއެކެވެ. މީގެއިތުރުން ޔުނިވާސިޓީ އޮފް ވައިކަޓޯ، ޔުނިވާސިޓީ އޮފް އޮޓާގޯ، ޔުނިޓެކް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، ސަދަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެސްޕަޔަރ 2 އަދި އެންއެމްއައިޓީ ހިމެނެއެވެ. މެލޭޝިޔާއަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލްކުރުމަށް ދާ ގައުމެކެވެ. މިއީ ސަބަބެއް ނެތިއެއް ނޫނެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މެލޭޝިޔާ ވެފައި ވަނީ، ބައިނަލްއަގުވާމީ ފެންވަރުގެ މަތީ ތައުލީމު ލިބިދޭ، ރަނގަޅު ފެންވަރުގެ ޔުނިވާސިޓީތައް ގާއިމްވެފައިވާ ގައުމަކަށެވެ.

މެލޭޝިޔާގައި އެޑްލޮކޭޓް ރިޕްރެޒެންޓްކުރާ ޔުނިވާސިޓީތައް ތެރޭގައި މޮނާޝް ޔުނިވާސިޓީ، އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީ (އައިއެމްޔޫ)، ސްވިންބާން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ (ސަރަވަކް ކެމްޕަސް)، ކާޓިން ޔުނިވާސިޓީ، ޓެއިލާސް ޔުނިވާސިޓީ، އިންޓި އިންޓަނޭޝަނަލް ޔުނިވާސިޓީ އެންޑް ކޮލެޖަޒް، މެލަކާ މަނިޕާލް މެޑިކަލް ކޮލެޖް އަދި މަނިޕާލް އިންޓަނޭޝަނަލް ޔުނިވާސިޓީ ހިމެނެއެވެ.

މިގޮތުން އެޑްލޮކޭޓުން މި ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެއާއާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ ފޭސްބުކް ޕޭޖަށް ޒިޔާރަތްކުރުމަށް އެ ކުންފުނިން އެދެއެވެ.