އިމްޕޯޓް، އެކްސްޕޯޓް އާމްދަނީ ހަތަރު ޕަސެންޓް ދަށަށް

މިދިޔަ މާޗު މަހުގެ އިމްޕޯޓު ނުވަ ޕަސެންޓަށް ދަށަށް ދިޔަ އިރު ރާއްޖެއިން އެކްސްޕޯޓުކުރި މިންވަރު 39 ޕަސެންޓު އިތުރުވެފައިވާ ކަމަށާއި އެކަމަކު އާމްދަނީ ހަތަރު ޕަސެންޓް ދަށް ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.


ކަސްޓަމްސްގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މާޗު މަހު 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެ އެވެ. މިއަހަރުގެ މާޗު މަހު އެކްސްޕޯޓުކޮށްފައިވަނީ 341 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 95 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެކްސްޕޯޓާއި އިމްޕޯޓުން ދައުލަތަށް މާޗު މަހު ލިބުނު އާމްދަނީ ވަނީ ހަތަރު ޕަސެންޓް ދަށަށް ގޮސްފަ އެވެ. މިއަހަރުގެ މާޗު މަހުގެ ނިޔަލަށް 267 މިލިއަން ރުފިޔާ ދައުލަތަށް ލިބުނު އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 277 މިލިއަން ރުފިޔާ އެވެ.

މިދިޔަ ފެބްރުއަރީ މަހު ވެސް އެކްސްޕޯޓާއި އިމްޕޯޓުން ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ މަހު ފަސް ޕަސެންޓު ދަށަށް ދިޔަ އިރު ދައުލަތަށް ލިބުނީ 240 މިލިއަން ރުފިޔާ އެވެ.

ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ ތެރެއިން 16 ޕަސެންޓުގެ މުދާ އެތެރެކޮށްފައިވަނީ ސިންގަޕޫރުންނެވެ. މީގެ އިތުރުން 15 ޕަސެންޓް ޔޫއޭއީން އިމްޕޯޓްކޮށްފައި ވާއިރު 12 ޕަސެންޓުގެ މުދާ އެތެރެކުރީ ޗައިނާއިންނެވެ. އިމްޕޯޓުކުރި މުދަލުގެ ނުވަ ޕަސެންޓް މުދާ އިންޑިއާ އިން އެތެރެކޮށްފައި ވާއިރު އަޔަލޭންޑުން ވެސް އެތެރެކޮށްފައިވަނީ ނުވަ ޕަސެންޓް މުދަލެވެ.

އެންމެ ގިނަ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ ބޭރުކުރި މުދަލުގެ 48 ޕަސެންޓެވެ. ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ 10 ޕަސެންޓް ފޮނުވާފައި ވަނީ ޖަރުމަނަށެވެ. ފްރާންސަށް ވަނީ ނުވަ ޕަސެންޓްގެ މުދާ އެކްސްޕޯޓު ކޮށްފަ އެވެ. އެމެރިކާއަށް އަށް ޕަސެންޓުގެ މުދާ އެކްސްޕޯޓް ކުރި އެވެ. އަދި އިނގިރޭސިވިލާތަށް ހަ ޕަސެންޓް މުދާ ފޮނުވާފައިވެ އެވެ.