މިދިޔަ 13 އަހަރަށް ބަލާއިރު ވެސް އެންމެ ގިނަ ޓޫރިސްޓުން އައީ މި އަހަރުގެ އޭޕްރިލްގައި

ވޭތުވެދިޔަ 13 އަހަރަށް ބަލާއިރު އެންމެ ގިނަ ޓޫރިސްޓުން އައީ މި އަހަރުގެ އޭޕްރިލް މަހު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއީ ސުނާމީ އަށް ފަހު 2000ގެ އަހަރުތަކުގައި އައި ޓޫރިސްޓް އިތުރުވުމަށް ފަހު އައި އެންމެ ބޮޑު އިތުރުވުން ކަމަށެވެ. މިދިޔަ އަހަރުގެ އޭޕްރިލްއަށް ވުރެ މި އަހަރު 36.3 ޕަސެންޓުގެ އިތުރުވުމެއް އައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް އުފާ ކުރަން ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅު މިސްރާބަކަށް ދާން ކުރާ މަސައްކަތްތައް ކާމިޔާބުވަމުން ދާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޭޕްރިލް ރާއްޖެ އަށް އައިސްފައި ވަނީ 119،713 ޓޫރިސްޓުން ނެވެ. ނަމަވެސް މި އަހަރުގެ އޭޕްރީލްގައި 163،114 ޓޫރިސްޓުން އައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް ޖުމްލަ 539،816 ޓޫރިސްޓުން އައިސްފައިވާ އިރު، ޓޫރިސްޓުން އެންމެ ގިނައިން އައިސްފައި ވަނީ މިދިޔަ ދެ މަހެވެ. އަދި އަހަރުގެ ފުރަތަމަ ކުއާޓަރަށް ބަލާ އިރު މި އަހަރުގެ ޖެނުއަރީ އިން އޭޕްރިލް މަހަށް 19 ޕަސެންޓުގެ އިތުރުވުމެއް ފެނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ނޮވެމްބަރު 17 އަށް ފަހު ރައީސުލްޖުމްހޫރިއްޔާ ގައުމަށް ގެނެސްދެއްވި ހަމަޖެހުން، މި ސަކްސެކްގެ ކީއަކަށް އަޅުގަނޑުމެން މި ދެކެނީ،" - މިނިސްޓަރު އަލީ ވަހީދު

މިނިސްޓަރު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާ އިރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް އަންނަނީ އިނގިރޭސިވިލާތުންނެވެ. މި އަހަރުގެ މިހާތަނަށް އެ ހިސާބުގަނޑުން 357،650 ޓޫރިސްޓުން އައިސްފައިވާ އިރު، މިދިޔަ މަހު އެކަނި ވެސް 88،031 ޓޫރިސްޓުން އައިސްފައި ވެ އެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ބަލާ އިރު 40 ޕަސެންޓުގެ އިތުރުވުމެކެވެ. އިނގިރޭސިވިލާތަށް ފަހު ދެން އެންމެ ގިނައިން ޓޫރިސްޓުން އަންނަ ކަމަށް ފާހަގަކުރެވިފައި ވަނީ އޭޝިއާ ޕެސިފިކުންނެވެ. އެފްރިކާގެ ގައުމުތަކުން މިދިޔަ މަހު އެންމެ 1،833 ޓޫރިސްޓުން އައި ނަމަވެސް، މިއީ މިދިޔަ އަހަރުގެ އޭޕްރިލް އަށް ވުރެ 39.7 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމުތަކުގެ ތެރޭގައި މި މަހު ވެސް އެންމެ ކުރީގައި އޮތީ ޗައިނާ އެވެ. އެ ގައުމުން 18،704 ޓޫރިސްޓުން މިދިޔަ މަހު ރާއްޖެ އައި އިރު، މިއީ މިދިޔަ އަހަރަށް ވުރެ 23.9 ޕަސެންޓުގެ އިތުރުވުމުކެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވާހަކަދައްކަވަނީ

ޗައިނާއަށް ފަހު މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިޓަލީންނެވެ. އެ ގައުމުން 67،891 ޓޫރިސްޓުން އައި އިރު، ތިން ވަނައިގައި 54،862 ޓޫރިސްޓުންނާއި އެކު އުޅެނީ ޖަރުމަނެވެ. މީގެ އިތުރުން، ދެ ގައުމަކަށް މާކެޓް ޝެއާއިން އެއް ޕަސެންޓޭޖެއް ލިބިފައި ވެ އެވެ. އިނގިރޭސިވިލާތަށާއި އިންޑިއާ އަށް ލިބިފައި ވަނީ މާކެޓުން 7.6 ޕަސެންޓުގެ ޝެއާއެކެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ސަރުކާރު ބަދަލުވުމަށް ފަހު ގައުމުގެ ހަމަޖެހުން ރަނގަޅަށް ދެމެހެއްޓުމުން ލިބުނު ކާމިޔާބީއެއް ކަމަށެވެ.

"މިއީ ނޮވެމްބަރު 17 އަށް ފަހު ރައީސުލްޖުމްހޫރިއްޔާ ގައުމަށް ގެނެސްދެއްވި ހަމަޖެހުން، މި ސަކްސެކްގެ ކީއަކަށް އަޅުގަނޑުމެން މި ދެކެނީ،" މިނިސްޓަރު ވިދާޅުވި އެވެ.