އެސްއެމްއީ ލޯނަށް މިހާތަނަށް 120 ފަރާތަކުން ހުށައަޅައިފި

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) އަށް އަމާޒުކޮށް ސަރުކާރުން ހެދި ބޭންކުން ލޯނު ހޯދަން މިހާތަނަށް 120 ފަރާތަކުން ހުށައަޅާފައިވާ ކަމަށާއި މިހާރު އަންނަނީ ލޯނު ވެސް ދޫކުރަމުން ކަމަށް، އެ ބޭންކުން މިއަދު ބުނެފި އެވެ.


އެސްއެމްއީ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވިދާޅުވީ ކުރިމަތިލާ ވަރަކުން ލޯނުގެ ކަންކަން ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ލޯނު ދޫކުރި ފަރާތްތަކުގެ ފުރިހަމަ އަދަދާއި އެނޫން ވެސް ބައެއް މައުލޫމާތު މި ހަފުތާގައި އިއުލާންކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ހަތަރު ދާއިރާއަކުން ދޫކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން ދަނޑުވެރިކަމާއި މަސްވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގެ އިތުރުން އައިސީޓީ ވެސް ހިމެނެ އެވެ.

އެސްއެމްއީއަށް ހާއްސަކޮށްގެން ވަކި ބޭންކެއް ސަރުކާރުން އުފެއްދީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް ދީ، ކުރިއެރުވުމުގެ ގޮތުންނެވެ.

ބޭންކް އިފްތިތާހުކުރަން އޮތް ރަސްމިއްޔާތުގައި ޒީނާދު ވިދާޅުވީ ވިޔަފާރިވެރިންނަށް ބޭނުންވާ ފަންނީ އެހީ ވެސް އެ ބޭންކުން ފޯރުކޮށްދޭނެ ކަމަށެވެ.

އެސްޑީއެފްސީން ލޯނު ދޫކުރަނީ ރާއްޖޭގެ އެހެން ބޭންކްތަކަށް ވުރެ ކުޑަ އިންޓަރެސްޓް ރޭޓެއްގަ އެވެ.