މި ރޯދަމަހަކީ ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގު ހެޔޮ މަހެއް

މިދިޔަ އަހަރާ އަޅާ ބަލާއިރު މި ރޯދަ މަހަކީ ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގު ޖުމްލަކޮށް ހެޔޮ މަހެއް ކަމަށް އެ ސަރަހައްދުގައި ވިޔަފާރިކުރާ ބައެއް މީހުން ބުނެފި އެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނި ގޮތުގައި ކުރީ އަހަރުތަކާ އަޅާ ބަލާއިރު، މި އަހަރު ބައެއް ކަބޯތަކެތީގެ އަގު ވަނީ ދެ ގުނަ ދަށަށް ގޮސްފަ އެވެ.


ރޯދަ މަހުގެ ތެރޭގައި އެންމެ ޑިމާންޑް ބޮޑު ކަރާ އާއި ފަތްޕިލާ ވެލީގެ ބާވަތްތައް މި އަހަރު ވަރަށްބޮޑަށް ވަނީ އަގުހެޔޮވެފަ އެވެ. އެގޮތުން މިދިޔަ އަހަރު 45 ރުފިޔާ އަށް ލިބުނު ކަރާ ކިލޯއެއްގެ އަގު ރޯދަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި 20ރ. އަށް ވެއްޓުނު ގޮތަށް އަދިވެސް ހުރީ ހަމަ އެ އަގުގަ އެވެ.

ފަތްޕިލާވެލީގެ އަގުތައް ވެސް ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ އަހަރު 20 ރުފިޔާ އަށް ތިން ފަތް ލިބެން ހުރި ކޮޕީ ފަތް މި އަހަރު ލިބެން ހުރީ 10 ރުފިޔާ އަށެވެ.

ކުއްޅަފިލާ ފަތުގެ އަގު ވެސް ވަނީ ހެޔޮވެފަ އެވެ. މި އަހަރު ކުއްޅަފިލާ ފަތް ބޮނޑިއެއް ލިބެން ހުރީ 10 ރުފިޔާއަށެވެ.

ރޯދަ މަސް ފެށުނުއިރު ކަނޑޫދޫ މިރުހުގެ އަގު ބޮޑުވެ، އާންމުންގެ ތެރޭގައި ވަރަށް ބޮޑު އިޝޫއަކަށް ވެފައި އޮއްވައި، ރޯދަ މަހުގެ ތެރޭގައި އެ މިރުހުގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ބާރަސަތޭކަ ރުފިޔާ އަށް ކިލޯއެއް ލިބުނު މިރުސްގެ އަގު މިހާރު ވަނީ 450ރ. އަށް ވެއްޓިފަ އެވެ. ބޭރު އަނބު ކިލޯއެއް 60ރ. އަށް ލިބެން ހުރިއިރު އެއީ ވެސް އެހެން ރޯދަ މަސްތަކެކޭ ގާތްގަނޑަކަށް އެއްވަރުގެ އަގެކެވެ.

އެހެން ބައެއް އަހަރުތަކާ ހިލާފަށް ލޯކަލް މާރުކޭޓު މިހާރު ފެންނަނީ ވަރަށް ތިޔާގިކޮށެވެ. ތަރުކާރީ އާއި މޭވާގެ ގާތްގަނޑަކަށް ހުރިހާ ބާވަތްތަކެއް ލިބެން އެބަހުއްޓެވެ. އެތާނގައި ކާބޯތަކެތި ވިއްކާ ބައެއް މީހުން ބުނި ގޮތުގައި ހަ ރޯދަ ނިމެންދެން ވެސް އެ މާރުކޭޓު ފެންނާނީ އެކަހަލަ ގޮތަކަށެވެ. އަދި ހަ ރޯދަ ނިމޭއިރު ވެސް އަގުތަކަށް ދެން މާ ބޮޑު ބަދަލުތަކެއް އައުން އެކަށީގެން ނުވާ ކަމަށް އެ މީހުން ދެކެ އެވެ.