މުސްތޮ "ރާކަނި ބީޗް" އިން ވިއްކާ ބައެއް ބާވަތްތައް ހިފައިގެން--ފޮޓޯ:ނިޝާން އަލީ/މިހާރު
02 ޖޫން 2019 - 12:22
މާލޭގައި މީރުކޮށް ސީފުޑް ކާން ލިބޭ ތަނެއް ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. މީރު ސީފުޑް ޑިޝްއެއް ހޯދުމަށް ލައްކަ ގިނަ ތަންތަން ބަލަން ޖެހޭނެ އެވެ. އަނެއްކޮޅުން ސީފުޑް ޑިޝްތަކުގެ އަގުތައް ވެސް އިންތިހާ އަށް މައްޗެވެ. އެކަމަކު މިހާރު އެ ހުރިހާ މަސައްކަތް މިއޮތީ ނިމުމަކަށް އައިސްފަ އެވެ. ހުޅުމާލޭގައި ހުރި ކުޑަކުޑަ ސްޓޯލް "ރާކަނި ބީޗް" އިން މަންޒަރު މުޅިންް ބަދަލުކޮށްލައިފި އެވެ. އަގާ ވެސް އެކުގަ އެވެ.
ސްޓްރީޓް ފުޑް ސްޓައިލަކީ ވަރަށް ގިނަ ގައުމުތަކުގައި އާންމު ކަމެއް ނަމަވެސް، ރާއްޖެ އަށް މިކަން މިއީ އާ ކަމެކެވެ. ބޭނުންވާ އެއްޗެއް އެންމެންގެ ކުރިމަތީގައި ފިހެލައިގެން ކާލަން ލިބޭ ރާކަނި ބީޗަކީ މިހާރު ހުޅުމާލޭގައި ދުއްވާލަން ނުކުމެ އުޅޭ ވަރަށް ގިނަ މީހުން މަޑުކޮށްލާ މައި ޖަގަހަ އެވެ.
މިފަދަ ތަފާތު ކަމެއް 51 އަހަރުގެ މުސްތަފާ ހުސައިން (މުސްތޮ) އެންމެ ފުރަތަމަ ފެށީ އަޖުމަ ބަލައިލާށެވެ. މެރިން އިންޖިނިއަރެއްގެ ގޮތުގައި 14 އަހަރު ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅުމަށްފަހު ރާއްޖެ އައިސް އޭނާ ފެށީ އަމިއްލަ މަސައްކަތެވެ.
ސީފުޑްގެ ބާވަތްތައް ފިހެފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުޑަ މޭޒެއްގައި ސޮސެޖާއި ކުކުޅުން މަސައްކަތް ފެށި މި މޭޒުން މިހާރު ތަފާތު އެކި ބާވަތްތަކުގެ ސީފުޑްގެ 15 ބާވަތެއް ލިބެން ހުރެ އެވެ.
"އެންމެ ފުރަތަމަ ދެ ރެއެއްވަރު ހަމަ ހިލޭ މީހުންނަށް ތަކެތި ބެހީ. ދެން އެއަށްފަހު ތަފާތު ވައްތަރުތަކެއް ހިމަނައިގެން ފިހުނު ސީފުޑް ލިބޭ ގޮތް ހެދީ،" މުސްތޮ ބުންޏެވެ.
އާންމުކޮށް ސޮސެޖާއި ކުކުޅު ފަދަ ތަކެތީގެ ބާބެކިއު ސްޓައިލްގައި ލިބެން ހުރި ނަމަވެސް ސީފުޑްގެ ބާވަތްތައް އެގޮތަށް ތައްޔާރުކޮށްފައެއް ނުހުރެ އެވެ. އާ ކަމަކަށްވީ ނަމަވެސް މިކަން ވެގެން ދިޔައީ ޒުވާނުންނާއި ދޮށީ އުމުރުގެ މީހުންގެ މަގްބޫލުކަން ވަރަށް ބޮޑަށް ލިބުނު ކަމަކަށެވެ.
ތަފާތު ކަމެއް ފެށުމުގެ ބޭނުމުގައި މުސްތޮ ފެށި މިކަން ފެށިތާ ދިހަ ވަރަކަށް މަސްވީ އިރު މިކަން ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. މިކަން ފެށީ 9 ވަރަކަށް މީހުންނާ އެކު އެވެ. މިހާރު މޭޒުން ހިދުމަތް ދިނުމަށް 21 މީހުން ބޭނުންކޮށްގެން ފުއްދާލެވެނީ ކިރިޔާ އެވެ. އަބަދު އޮންނަނީ މޭޒުދޮށް ފުރިފަ އެވެ.
މުސްތޮ ވަނީ އެ ސްޓޯލަށް "ރާކަނި" ކިޔުނު ސަބަބު ވެސް ކިޔައިދީފަ އެވެ. އޭނާ ބުނާ ގޮތުގައި ރާކަންޏަކީ މީހުންނަށް ކިޔާލަން ފަސޭހަ، އަޅައިގަންނަ ނަމެއް ކަމެއް ކަމަށް ބަލާފައި އެނަން ކީ ކަމަށެވެ. މުސްތޮ ބޭނުންވި ގޮތަށް އެނަމާ ގުޅިގެން ވެސް އެތަނަށް ގިނަ ބަޔަކު އާދެ އެވެ. އެގޮތުން ރާކަނި މަސް ރަހަ ބަލައިލުމަށް ވެސް މީހުން އެތަނަށް އާދެ އެވެ.
އެ ސަރަހައްދުގައި ކިޔު ހަދާފައި މީހުން ތިބެ، އެކި ބާވަތްތަކުގެ ސީފުޑް ގަންނަމުންދެ އެވެ. ކުޑަ ހަޓެއް ގޮތަށް ހިޔާކޮށްފައި އިންނަ އެ ސްޓޯލުން ބޭބީ ބޯވަ އާއި ރާކަންޏާއި ކަޓުލް ފިޝް އާއި ޖަޔަންޓް ސްކުއިޑްގެ އިތުރުން ސަދަރަ އާއި ޑިނގާ އާއި ސްވީޓް ކޯނާއި ސޮސެޗާއި ކުކުޅު ވެސް ހިމެނެ އެވެ.
ސީފުޑް ގަތުމަށް ކިޔު ހަދާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބޭބީ ބޯވަ ގެންނަނީ ދުބާއީ އިންނެވެ. އެހެން ހުރިހާ ބާވަތްތަކެއް ވެސް ހޯދަނީ ރާއްޖެއިންނެވެ. އެގޮތުން ޖަޔަންޓް ސްއިޑަކީ 500 މީޓަރު އަޑިން ބާނާ އެއްޗެކެެވެ. އެވެސް ހޯދަނީ ދިވެހި ބައެއްގެ އަތުންނެވެ.
ރޯދަ މަހަށް ހާއްސަކޮށް އެތަނުން އަންނަނީ ފިހުނު މަސް ވެސް ވިއްކަމުންނެވެ. އެހެން މަސް މަހާ އެއްގޮތަށް ރޯދަ މަހު ވެސް ގިނަ ބަޔަކު އެތަނަށް ދެ އެވެ. ރޭގަނޑު 9:00 އިން 1 އާ ދޭތެރޭ ހުއްޓުމެއް ނެތި މީހުން އައިސް ގޮސް އުޅެ އެވެ.
މުސްތޮ ބުނި ގޮތުގައި ހެލްމެޓް ނާޅާ އިރު މިހާރަށް ވުރެ ވެސް ޑިމާންޑް ބޮޑެވެ. އޭރު 100 ކިލޯ ބޯވަ އެއްރެއިން ހުސްވެ އެވެ. ހެލްމެޓް އަޅަން ފެށި ފަހުން އަންނަ މީހުން މަދުވި ނަމަވެސް އީދަށް މާލޭގައި ވެސް ރާކަނީގެ އާ ތަނެއް ހުޅުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހެންވޭރު ކޮޅު ނިއު ޕޯޓު ކުރިމަތީގައި ސީފުޑް ލިބޭ ސްޓޯލެއް ހުޅުވާނެ އެވެ.
ބޭބީ ބޯވަ ފިހެފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ކޯން ވެސް ހުސްވާނެ ދެ ދުވަހަކުން 200 ކިލޯ. ބެންކޮކް އިން ގެންނަނީ ދެން. އެންމެ ފުރަތަމަ ފެށި އިރު ދުވާލަކު 6000 ރުފިޔާ ލިބުނު. ފަހުން ދުވާލެއްގެ މައްޗަށް 30،000 ލިބޭ،" އޭނާ ބުންޏެވެ.
ކޮންމެ ދުވަހެއްގެ ހަވީރު 4:00 ޖަހާއިރު މި ސްޓޯލް ހުޅުވަ އެވެ. އާންމުންގެ ބޮޑު މަގްބޫލު ކަމެއް ލިބިފައިވާ މި މަސައްކަތަކީ ވަރަށް ބަލައިގެން ކުރަންޖެހޭ ކަމެއް ކަމަށް މުސްތޮ ބުންޏެވެ. ހުރިހާ ބާވަތެއްގެ ސީފުޑް ބަހައްޓަން ޖެހެނީ ވަކި ވަކި ފްރިޖުގައި ވަކި ޓެމްޕަރޭޗާއެއްގަ އެވެ.
"މައްސަލައެއް ދިމާވެއްޖިއްޔާ ކަރު ބުރި ވާނީ ހަމަ. އެއްވެސް ބެކްޓީރިއާއެއް ނުވަންނަ ގޮތައް ގެންގުޅެނީ. އެ ދުވަހު ސްޓޯލަށް ނަގާ ހުރިހާ އެއްޗެއް ޑިސްޕޯސް ކުރާނެ. އެ އެއްޗެހި ދެވަނަ ފަހަރަށް ފްރިޖަކަށް ވެސް ނުލާނެ. ބޭނުން ވެސް ނުކުރާނެ. ކޮންމެ ދުވަހަކު ވެސް އާ ސާމާނު ގެންގުޅޭނީ،" އޭނާ ބުންޏެވެ.
މުސްތޮ ބުނީ މި ތަކެތި ގެންގުޅެން ޖެހޭނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ. އެހާ ފަސޭހަކޮށްލައިގެން ސީފުޑްގެ ބާވަތްތައް ނުވިއްކޭނެ ކަމަށެވެ.
ސީފުޑް ވިއްކާ ސްޓޯލް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިއީ ވަރަށް ފައިދާވާ މަސައްކަތްތަކެއް. މިކަން ކުރަންޖެހޭނީ ކުރަންވާ ގޮތަށް. އެހެން ނޫނީ އެއްގޮތަކަށް ވެސް ވިއްކާކަށް ކަމަކު ނުދާނެ،" އޭނާ ބުންޏެވެ.
އެއް އަހަރުވާން ކައިރިވެފައިވާ އިރު އެތަނުން ވިއްކާ ސީފުޑްގެ އެއްވެސް މައްސަަލައެއް ނުނިކުންނާނެ ކަމަށް އޭނާ ބުންޏެވެ.
ލޯކަލް ތަކެތި ލިބޭ މި ސްޓޯލްގެ އެންމެ ހާއްސަ ކަމަކީ ސީފުޑަށް މިކްސް ކޮށްފައި ހުންނަ މިރުސްގަނޑެވެ. މުސްތޮގެ އަނބިމީހާ ތައްޔާރު ކުރާ މި މިރުސްގަނޑު ވަރަށް ގިނަ ބަޔަކަށް ކަމުދެ އެވެ.
"މި މިރުސްގަނޑު ވަކިން ގަންނަން ވެސް މީހުން އާދޭ. އެކަމަކު މިއީ މިތަނުގެ ހާއްސަ ރެސިޕީއެއްގެ ގޮތުގައި ބައިންދަނީ،" އޭނާ ބުންޏެވެ.
ކުރިއަށް އޮތްތަނުގައި ވެސް މި ވިޔަފާރި ފުޅާ ކުރުމަކީ މުސްތޮގެ ވިސްނުމެވެ. އާ ކަމެއް ނަމަވެސް މިކަން މިވީ ދިވެހިން ވަރަށް ގަޔާވާ ކަމަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަގީފް
03 June 2019
މިތަނަށް ގޮސް 200 ވަރަކަށް ރުފިޔާ ހަރަދު ކޮށްލާއިރު ހުންނާނީ ރާކަނިމަސް ކެވިފަ.
ހަފްތާ ބަންދުގެ ކަސްޓަމަރ
03 June 2019
ފުރަތަމަ ކޮޅު ވަރަށް މީރު ތިގާޑިޔަލުގެ ކެއުންތައް. އެކަމް ފަހުންފަހުން އަނގަޔަލާކަށް ނުކެރޭ. ހުރިހާ އެއްޗެއްގެވެސް އެއްބައި ފިހެފަ އަނެއްބައި ނުފިހެވި، ފިހެވޭބައި އަންދާލާފަ ހުންނަނީ. ރަނގަޅަށް ފިހެދޭށޭ ބުންޏަސް އަޅާވެސް ނުލާނެ. ފުރަތަމަކޮޅު ބޮޑަށް ހުންނަ މީހާ ބުނާނެ ފިހެދޭށޭ އެތާ ކުދިން ކައިރީ، ފަހުން އޭނަވެސް އަޅާނުލާ.
މާލިމީމާ
03 June 2019
ދުނިޔޭގަ ބަޔަކު މުޑުދާރުކަމެއް ކުރަންޏާވާނެ ފެޝަަނަކަށް ހަދައިގެންނަމަވެސް ދިވެހިން ކުރަން. ތިތަންތަނުގެ ސާފްތާހިރުކަމުގެ މިންގަނޑު ބެލޭނެގޮތެއް ނޯވޭ. ނަސީބަކުން އަދި މިހާތަނަށް ކާއެއްޗެތި ވިހަވެގެން އުޅޭކަށްނުޖެހޭ
އަބްދުއްالله
03 June 2019
ކަލޭމެން ތީ ކާބަފައިންގެ ދުވަހުން ފެށިގެން ކަނޑުން މަސް ހިފައިގެން، މަހުގެ ބޯ ކައި، ކަށިފަތީގެ ގަރުދިޔަ ބޮވެގެން އުޅުނު ބައެއް. މިހާރު އެއީ ސީ ފުޑު ޑިޝް އަށް ވީތަ؟
ފޫހި
03 June 2019
އަހަރެމެން އެއްވެސް ހަސަދަވެރިކަމެއްނެތް. މައްސަލައަކީ އެއްބަޔަކަށް ހިލޭ ބިންލިބިފަ އެއްވެސް ވިޔަފާރި ހުއްދައެއްނެތި މީރާއަށް ޓެކްސްނުދައްކާ އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އުނދަގުލެއްނެތި ކުރެވޭއިރު އަނެއްބަޔަކަށް މިހުރިހާ އުނދަގުލެއްޖެހޭތީ.
ކަންމަތީސޭޓު
03 June 2019
ހުރިހާ ކަންމަތީ ފިހާރަތަކާއި ސައިހޮޓާ ކެފޭ ތަކުން ކުޑަ ކަމެއް ކޮށްލަންވީ. އަޅެ ނޫސްތަކަށް އަންގާފަ 1 ދުވަހު އެންމެން އެއްކޮށް ބަންދުކޮށްލަބަލަ. އިހުތިޖާޖު ކުރުމުގެ ހައްގުވެސް އޮވޭ. ވަކިބަޔަކަށް ހިލޭ ހުޅުމާލެ އަތިރިމަތިން ބިންދީފަ ހަޓްތަކުގަ ކެފޭ ހިންގިގެން ނުވާނެ. ސަރުކާރުން އެބަޖެހޭ އިންސާފު ގާއިމުކޮށްދޭން. މިއީ ރައީސް ވިދާޅުވި ވާހަކައަކީ، ގޯސްކޮށް ކަމެއް ހިނގަންޏާ ނޫސްވެރިން އެވާހަކަލިޔާށޭ. ލިޔަންވީ ނޫންތޯ ކޮންމެދުވަހަކު. އިސްލާހުކުރަންދެން.
ނަޖްވާ
03 June 2019
މެރިން ފޫޑާ ސީ ފުޑާ މީ ހަމަ އެކައްޗެއްނު!
ޖޯން
03 June 2019
ބެންކޮކް، އިންޑިޔާފަދަ ގައުމުތަކުގާހެން ޖެހުނުދިމާއެއްގައި ކާއެއްޗެތިވިއްކާ ރާއްޖޭގެ މަގުތައް މުޑުދާރުކުރާކަށް އަހަރުމެން ބޭނުމެއްނޫން. ތިޔަ ބުނާތަނެއްގެ ކުރިމަތިންދާއިރު ނޯއްދަމާލަން ނުކެރޭ. ތިކަމަކީ ހުއްޓުވަންޖެހޭކަމެ. ތި ވިޔަފާރިކުރަނީ އެއްވެސް ހުއްދައެއް ނުނަގާ ބަންޑާރަ ބިމެއްގައި.
އަދުރޭބެ
03 June 2019
ދިލްބަހާރުމަގުން ވެސް ފެންވަރައިގެންހުރެ ނުދަން މިހާރު. މުޅިގައިގަ މަސްފިހޭވަސް.
ޝަނާޔަ
02 June 2019
ލިޔާއިރު ދިވެހި ނަންތައް ބޭނުން ކުރުން ކިހިނެއް ވާނެ؟
ޢައިނި
02 June 2019
އަހަރެމެން ކެފޭ ހަދަން ކުރި މަސައްކަތް ބޭކާރެއްނު؟ ހެލްތު މީހުން އައިސް ފާރު ވަކިގޮތަކަށް ރާނަން ބުނެ، ދޮރު އެގޮތް މިގޮތަށް ލާން ބުނެ، ސިންކުތަކާ އޭތި މީތި ލާންބުނެ، އެމީހުން ބުނެގެން ބުނިތަނުން ގެނައި ފަސްޓް އެއިޑު ކިޓުގަވެސް އެއްޗެއް މަދޭ ކިޔާފައި ހުއްދަ ލަސް ކުރި އެތަށް ފަހަރު.. ކޮންމެ ކުއާޓާއަކު މީރާއަށަ ބޮޑު ގޯނިއެއްގެ ލާރި ދައްކައިގެން ކެފޭ ހިންގެނީ. ޥަރަށް އަންފެއާ
ޓެކްސް
03 June 2019
ކޮންމެ ކުއާޓަރއެއްގައި މީރާއަށް ބޮޑު ގޯނިއެއްގެ ލާރި ދައްކަނީ ޚިދުމަތް ހޯދާ މީހުން އަތުން ނަގާ ޖީއެސްޓީ ނޫންތޯ؟ ކެފޭ ހިންގާފަރާތުން ދައްކާ ލައިރިއެއް ނޫނެއްނޫންތޯ؟
ޢައިނި
03 June 2019
މި ބުނަނީ އޭނާ ވެސް ކޮންމެ ކުއާޓާއެއްގައި ގޯންޏެއްގެ ލާރި ދައްކާނަމަ އޯކޭއޭ. ޓްރޭޑް ކޮމްޕްލަޔަންސް ކޮބާ ހެއްޔޭ؟
ައަހޮ
02 June 2019
އަގު ބޮޑީ