ނައިޓުމާކެޓުގައި ދެން ވިއްކޭނީ ފިހާރަތަކުގައި ނުވިކި ހުންނަ މުދާ އެކަނި

ނައިޓުމާކެޓުތަކާއި މަގުމަތީ ބާޒާރު އަދި ފެއާތަކުގައި މީގެ ފަހުން ވިއްކޭނީ ފިހާރަތަކުގައި ނުވިކި ހުންނަ މުދާ އެކަނި ކަމަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައި އާ އުސޫލަކަށް އަމަލުކުރަން ފަށައިފި އެވެ.


އެ މިނިސްޓްރީން މިގޮތަށް ކަނޑައެޅީ މިއަދު އާއްމުކުރި މަގުމަތީ ބާޒާރުތަކާއި ނައިޓް މާކެޓު އަދި ފެއާތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީވާންޖެހޭ އުސޫލުގަ އެވެ.

މި އުސޫލުގެ ދަށުން ނައިޓުމާކެޓާއި މަގުމަތީ ބާޒާރު ބާއްވާ ފަރާތަކީ ދިވެހިރާއްޖޭގައި ރަޖިސްްޓްރީ ކޮށްފައިވާ ވިޔަފާރިއެއް ނުވަތަ ޖަމިއްޔާއަކަަށް ވާން ޖެހޭނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވީ ނައިޓުމާކެޓުތަކާއި މަގުމަތީ ބާޒާރު އަދި ފެއާތަކުގައި ވިއްކާ މުދަލަކީ ފިހާރަތަކުގައި ނުވިކި ހުރި މުދާކަން ކަށަވަރު ކުރަން ޖެހޭނީ ނައިޓް މާކެޓް ފަދަ ވިޔަފާރިތައް ބާއްވަން ރަޖިސްޓްރީ ކުރާ ކުންފުނިން ނުވަތަ ޖަމިއްޔާއިން ކަމަށެވެ. އަދި އެގޮތަށް ކަށަވަރުކޮށްފައިވާކަން އެނގޭނެހެން ލިޔުމަކުން ހުށަހަޅަން ޖެހޭނެ ކަމަށް ވިސާމް ވިދާޅުވި އެވެ.

"މި ފުރުސަތުގެ ދަށުން ރަޖިސްޓްރީކުރާ ވިޔަފާރިތަކުން ވިއްކާ މުދާ އެއީ ރާއްޖޭގައި ހުރި ފިހާރައަކުން ނުވިކި ހުރި މުދާކަން ލިޔުމަކުން ކަށަވަރުކޮށްދޭން ޖެހޭނީ ރަޖިސްޓްރީކުރާ ފަރާތުން،" ވިސާމް ވިދާޅުވި އެވެ.

މަގުމަތީ ބާޒާރުތަކާއި ނައިޓް މާކެޓް އަދި ފެއާތަކުގައި އިމްޕޯޓު މުދާ ވިއްކާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ވާން ޖެހޭ ގޮތަށް ވެސް އުސޫލުގައި ކަނޑައަޅާފައިވެ އެވެ. ފެއާތައް ބޭއްވުމުގެ ހުއްދަ ދޫކުރާނީ ރަށެއްގައި ނަމަ ރަށު ކައުންސިލުންނެވެ. އަދި ސީޓީއެއްގައި ނަމަ ސިޓީ ކައުންސިލުންނެވެ.

މީގެ އިތުރުން މިފަދަ ފެއާތައް ބާއްވަން ޖެހޭނީ ވަކި މުނާސަބަތަކާ ދިމާކޮށެވެ. އެ މުނާސަބަތުތައް ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން އިއުލާނު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މަގުމަތީ ބާޒާރުތަކާއި ނައިޓް މާކެޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކުން، އެ ހަރަކާތެއް ބާއްވަން ބޭނުންވާ ތާރީހުގެ 14 ދުވަސް ކުރިން ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.

މީގެ އިތުރުން ކެއުމުގެ ބާވަތްތައް ވިއްކާ ނަމަ ރަޖިސްޓްރީ ކުރާ ކުންފުނި ނުވަތަ ޖަމިއްޔާއިން އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ނަގަން ޖެހޭ ހުއްދަ ނަގާފައިވާކަން ކަށަވަރު ކުރަން ޖެހޭނެ އެވެ. އަދި ވިއްކާ ހުރިހާ މުދަލެއްގައި ވެސް އާއްމުންނަށް ފެންނާނެހެން އަގު ޖަހާފައި ހުންނަން ޖެހޭނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން މަގުމަތީ ބާޒާރުތަކާއި ނައިޓްމާކެޓު އަދި ފެއާތައް ހިންގުމުގެ ހުއްދަ ދޫކުރުމަށް އުސޫލެއް ކަނޑައަޅާފައިވަނީ ރާއްޖޭގައި ހިންގާ އެހެނިހެން ވިޔަފާރިތަކަށް ގެއްލުން ނުވާ ގޮތަށް ހެދުމުގެ މަގުސަދުގަ އެވެ.