އިމާރާތް ކުރުމަށް ބޭނުންކުރާ ބައެއް އަސާސީ ތަކެތި ޕްލޭނިން މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ނެތި ރާއްޖެ އެތެރެކުރުމާއި އުފެއްދުން އިއްޔެ އިން ފެށިގެން މަނާކޮށްފި އެވެ.
ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހަމަޖައްސާފައިވާ ގޮތުން ނަމަ، އިމާރާތް ކުރަން ބޭނުންވާ ތަކެތީގެ ތެރެއިން ހަ ބާވަތެއް އެ މިނިސްޓްރީގެ ހުއްދަ ނެތި ރާއްޖެ އެތެރެކުރުމާއި އުފެއްދުމަކީ ވެސް މަނާ ކަމެކެވެ. ޕްލޭނިން މިނިސްޓްރީން ވަނީ އެ ބާވަތްތައް ހުއްދަ ނެތި އެތެރެކޮށްފި ނަމަ ޓެސްޓު ކޮށްދިނުން ވެސް މިހާރު މަނާކޮށްފަ އެވެ.
އިމާރާތް ކުރުމަށް ބޭނުންވާ ތަކެތީގެ ތެރެއިން ހުއްދަ ނެތި އެތެރެކޮށް، އުފެއްދުން މަނާ ތަކެތި:
- ސިމެންތި.
- ކޮންކްރީޓަށް ބޭނުންވާ ހުރިހާ ގްރޭޑެއްގެ ހިލަ.
- ކޮންކްރީޓަށް ބޭނުންވާ ހުރިހާ ވައްތަރެއްގެ ވެލި.
- ސްޓްރަކްޗަރަލް ދަގަނޑު.
- ހުރިހާ ގްރޭޑެއްގެ ރެޑީ މިކްސް ކޮންކްރީޓު.
- އިމާރާތް ކުރުމަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ގާ.
ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި ހުއްދަ ނެތި އެ ބާވަތްތައް ރާއްޖެ އެތެރެކޮށްފި ނަމަ އެ ތަކެތި ކަސްޓަމްސުން ހިފަހައްޓާނެ އެވެ.
މި ހުއްދަ ލިބޭނީ "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު" ގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، އިމާރާތް ކުރުމަށް ބޭނުންކުރާ އަސާސީ ހަ ބާވަތެއް، އެ މިނިސްޓްރީގެ ހުއްދަ ނެތި އެތެރެކުރުމާއި އުފެއްދުން މަނާކުރީ އެއީ އިމާރާތް ކުރުމަށް ބޭނުންވާ އެންމެ ރަނގަޅު ފެންވަރުގެ ތަކެތި ކަމަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ.