ވިލާ ކޮލެޖްގެ ދިރާސާއާ ބެހޭ ބޮޑު ބަައްދަލުވުން މާދަމާ ފަށަނީ

މީގެ ތިން އަހަރު ކުރިން ވިލާ ކޮލެޖުން އިލްމީ ދިރާސާތަކަށް ހާއްސަ ކޮންފަރެންސެއް ފެށީ ދިރާސާކުރުމުގެ އާދަކާދަ ރާއްޖޭގައި އަށަގަނެފައި ނެތް ކަން ފާހަގަވެގެންނެވެ. އެކަމަކު ވިޔަފާރި އާއި ތައުލީމީ ގޮތުންނާއި އިޖްތިމާއީ އެކި ކަންކަމުގައި ސިޔާސަތުތައް އެކުލަވައިލުމާއި ތަންފީޒުކުރުމުގައި ދިރާސާގެ މުހިއްމުކަން ބޮޑެވެ. ގައުމީ ފެންވަރެއްގައި އިލްމީ ދިރާސާކުރުމުގެ އާދަ އޮންނަން ވެސް ޖެހެ އެވެ.


"އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން" (އައިސީއެސްއާރްއައި) ގެ ނަމުގައި ބައިނަލްއަގުވާމީ ކޮންފަރެންސެއް ވިލާ ކޮލެޖުން ވަނީ ފަށައިފަ އެވެ. އޭގެ ކުރިން ވެސް ދިރާސާކުރުމުގެ އާދަ އާއި އެކަމަށް މީހުން ތަމްރީން ކުރަން ހާއްސަ އިންސްޓިޓިއުޓެއް ވިލާ ކޮލެޖުގައި ގާއިމްކުރި އެވެ. "އިންސްޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން" ނަމުގައި ފެށި އެ ސެންޓަރުގެ މަގްސަދަކީ ދިރާސާކުރަން މީހުން ތަމްރީންކުރުމާއި ދިރާސާގެ ސަގާފަތެއް ރާއްޖޭގައި އާލާކުރުމެވެ.

ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު މިދިޔަ އަހަރުގެ އައިސީއެސްއާރްއައިގައި ވާހަކަދައްކަވަނީ -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވީ އެ ހުރިހާ މަސައްކަތެއް ފެށީ ވެސް ދިރާސާކުރުމުގެ އާދަ ރާއްޖެއަށް ބޭނުންވެފައިވާ މިންވަރު ފާހަގަކުރެއްވުމުން ކަމަށެވެ.

އެ ކޮލެޖުގެ ޑީން އޮފް ރިސާޗް ޑރ. އަހުމަދު ޝާހިދު ވިދާޅުވި ގޮތުގައި އައިސީއެސްއާރްއައިގެ މައިގަނޑު މަގްސަދަކީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުން ވެސް އެފަރާތްތަކުގެ ސިޔާސަތުތަކާއި މަސައްކަތުގައި ދިރާސާގެ ބޭނުންކުރުމެވެ. އެކަމަކު ދިވެހިރާއްޖޭގެ ކަންކަން ހުރި ގޮތުން، ރަނގަޅު ފެންވަރުގެ ދިރާސާތައް ހަދަން ގޮންޖެހުންތައް ގިނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ރިސާޗަކީ އޭގެ ޒާތުގައި އެ ރިސާޗެއްގެ އައުޓްޕުޓުން ފައިސާތަކެއް ނުވަތަ ވިޔަފާރީގެ ފައިދާތަކެއް ނެރެވޭނެ އެއްޗެއް ނޫން. ހައި ކޮލިޓީ ރިސާޗް އުފައްދައިގެން އެފަދަ ރިސާޗްގެ ބޭނުންތައް ކުރެވޭނެ ފަރާތަކަށް ފޯރުކޮށްދީގެން، އެ މީހުންނަށް އޭގެ އަގު ވަޒަންކުރެވިގެން ރިސާޗުގެ ފައިދާ އެހެން ގައުމުތަކުގައި ވެސް [ބޭނުން] ކުރަން މި ފަށަނީ،" ޑރ. ޝާހިދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އައިސީއެސްއާރްއައިގައި ބައިވެރިވި ޕެނަލިސްޓުން -- ފޮޓޯ: ވިލާ ކޮލެޖު

ނަމަވެސް އެ އާދަ ރާއްޖޭގައި ނެތެވެ. އެހެންކަމުން ވިލާ ކޮލެޖުން އެ މަސައްކަތް ފެށީ އެންމެ ދަށް މިނުން ކަމަށް ޑރ. ޝާހިދު ވިދާޅުވި އެވެ. އަދި ދިރާސާ ފުރިހަމަކުރުމަށް ފަހު ދެން އަންނަ އެންމެ މުހިއްމު ފިޔަވަޅަކީ، އޭނާ ވިދާޅުވި ގޮތުގައި، އާންމުންނާއި ސިޔާސަތުތައް ކަނޑައަޅާ މީހުންނާ ހަމައަށް ދިރާސާ ފޯރުކޮށްދިނުމެވެ.

"ދިރާސާ އާންމުންނާ ހަމައަށް ފޯރުކޮށްދޭން ބަލާއިރު، އެންމެ ފަސޭހަ ނުވަތަ އެންމެ އާންމު ގޮތް އެއީ ކޮންފަރެންސްތައް ބޭއްވުން. ކޮންފަރެންސްތަކާއި ސެމިނާތައް ބޭއްވުން،" ޑރ. ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ކޮންފަރެންސެއްގައި ހުށަހަޅާ ހުރިހާ ދިރާސާއެއް ނުވަތަ ކަރުދާހަކީ ކޮންމެހެން އެންމެ ފުރިހަމަ ދިރާސާތަކެއް ނޫނެވެ. އަދި ކުރިއަށްދާ ދިރާސާއެއް މިފަދަ ކޮންފަރެންސެއްގައި ހުށަހެޅުމުން، އެކަޑެމިކް ދާއިރާގައި މަސައްކަތްކުރާ އެހެން މީހުންގެ ހިޔާލާއި ހުށަހެޅުންތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގިނަ ބައެއްގެ ވިސްނުންތަކާއި މަޝްވަރާތައް ލިބުމުން އެ ދިރާސާއެއް އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާއި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ހިސާބުތައް ފަސޭހައިން ފާހަގަކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އައިސީއެސްއާރްއައި ގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ވިލާ ކޮލެޖު

"އަޅުގަނޑުމެންގެ ކޮންފަރެންސަށް އަންނަ ބޭރު ފަރާތްތައް ވަރަށް އުފާކުރޭ އެ މީހުންގެ ކަރުދާސްތައް ހުށަހެޅުމަށް ފަހު. އެ މީހުން އެހާތަނަށް ނުވެސް ވިސްނާ ފަދަ ކަންކަން ދިވެހި ރިސާޗަރުން ނުވަތަ ކޮންފަރަންސްގެ ބައިވެރިން ދައްކާ. މިކަހަލަ ކޮންފަރެންސެއްގައި ބައިވެރިވުމުން ތަފާތު މީހުންގެ ވިސްނުންތައް ލިބޭނެ،" ޑރ. ޝާހިދު ވިދާޅުވި އެވެ.

އައިސީއެސްއާރްއައިގައި ހުށަހަޅަނީ އާންމު ގޮތެއްގައި ފުރިހަމަކޮށްފައިވާ، ނުވަތަ ފުރިހަމަކުރުމުގެ ފަހު މަރުހަލާތަކުގައި ހުންނަ ދިރާސާތަކެވެ. އަދި ހުށަހަޅާ ކަރުދާސްތައް އެ ކޮލެޖުގެ "އިންޓަނޭޝަނަލް ޖާނަލް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން" ގައި ޕަބްލިޝްކުރުމުގެ ފުރުސަތު ވެސް ލިބެ އެވެ. އެ ޖާނަލްގެ ދެ އިޝޫއެއް އަހަރަކު ނެރޭ އިރު، ކޮންމެ އިޝޫއެއްގައި ހައެއްކަ ކަރުދާސް ހިމެނެ އެވެ.

"އަޅުގަނޑަށް ބޮޑަށް މި ބަލަނީ އާންމުންނާ ހިސާބަށް ދިރާސާތައް ގެންދަން ފުރަތަމަ. ދެން އާންމުންގެ ފަރާތުން ސިޔާސަތުތައް ހަދާ މީހުންނާ ހަމައަށް މި ކަންތައްތައް ގެންދަން،" ޑރ. ޝާހިދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އައިސީއެސްއާރްއައި ގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުން އައިސީއެސްއާރްއައި ކުރިއަށް ގެންދަނީ ދެ ދުވަހަކަށް ބަހާލައިގެން އެ ކޮލެޖުގަ އެވެ. ކުރު މުއްދަތެއްގައި ގިނަ ބައެއްގެ ކަރުދާސްތައް ހުށަހަޅަން ރާވާފައި ވުމުން، ކޮންފަރެންސްގެ ހަރަކާތްތައް އެއްފަހަރާ ތިން މާލަމެއްގައި ކުރިއަށް ދާނެ އެވެ.

ޑރ. ޝާހިދު ވިދާޅުވި ގޮތުގައި މި އަހަރުގެ ކޮންފަރެންސްގައި 50 އަށް ވުރެ ގިނަ އިލްމީ ދިރާސާ ކަރުދާސްތައް ހުށަހަޅާ އިރު، އިޖްތިމާއީ އެކި ދާއިރާތަކުގެ މައްޗަށް ފަސް ޕެނަލް ޑިސްކަޝަން އާއި ހަތަރު ކީ ނޯޓް ސްޕީޗް ވެސް ކުރިއަށް ގެންދާނެ އެވެ.

މާދަމާ އާއި ބުރާސްފަތި ވިލާ ކޮލެޖުގައި ބާއްވާ މި ކޮންފަރެންސްގައި ބައިވެރިވަން ބޭނުންވާ ފަރާތްތަކަށް، ކޮންފަރަންސް ވެބްސައިޓު (http://villacollege.edu.mv/icsri/) އިން ރަޖިސްޓްރި ވެވޭނެ އެވެ.