ގްރީން ޓެކްސް އަށް 457 މިލިއަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ ފުރަތަމަ ހަ މަހު ގްރީން ޓެކްސްގެ ގޮތުގައި 457 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.


ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ހަ މަހު އެންމެ ބޮޑު އާމްދަނީއެއް ގްރީން ޓެކުހުން ލިބުނީ އޭޕްރީލާއި މާޗް މަހު އެވެ. އޭޕްރީލް މަހު ގްރީން ޓެހުގެ ގޮތުގައި 83.6 މިލިއަން ރުފިޔާ ލިބުނު އިރު މާޗް މަހު ލިބުނީ، 83.1 މިލިއަން ރުފިޔާ އެވެ. މިދިޔަ ހަ މަހު އެންމެ ކުޑަ އާމްދަނީއެއް ލިބުނީ ޖޫން މަހު އެވެ. ގްރީން ޓެކުހުގެ ގޮތުގައި ޖޫން މަހު 56.4 މިލިއަން ރުފިޔާ ލިބުނެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހު ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ލިބުނު އާމްދަނީ އަށް ވުރެ 10 މިލިއަން ރުފިޔާ އިތުުރު އަދަދެކެވެ.

މިދިޔަ ހަ މަހު ގްރީން ޓެކުހުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރިސޯޓުތަކުންނެވެ. އެގޮތުން މިދިޔަ ހަ މަހު ލިބުނު އާމްދަނީގެ 90 ޕަސެންޓް ހިއްސާކުރަނީ ރިސޯޓުތަކަށެވެ. ރިސޯޓުތަކުން 413 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އިރު ގެސްޓްހައުސްތަކުން 17 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ލިބުނެވެ.

ގްރީން ޓެކުހުގެ އާމްދަނީ އެންމެ ބޮޑަށް ލިބެނީ ކ އަތޮޅުންނެވެ. ކ އަތޮޅަކީ ރާއްޖޭގައި އެންމެ ގިނަ ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިންގާ އަތޮޅެވެ.

ގްރީން ޓެކްސް ނަގަން ފެށުނީ 2015 އަހަރުން ފެށިގެންނެވެ. އެންމެ ފުރަތަމަ ނަގަން ފެށީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެޒިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓްހައުސްތަކުން ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ.