ޓްރެވެލް އެވޯޑުގެ ސިލްވާ ޕާޓްނަރަކަށް އަލްޝާލީ މެރިން ހަމަޖައްސައިފި

މަޓާޓޯއިން ބާއްވާ މޯލްޑިވްސް ޓްރެވެލް އެވޯޑުގެ ސިލްވާ ޕާޓްނަރަކަށް އަލްޝާލީ މެރިން ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.


އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މަޓާޓޯގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ސުއޫދު އެވެ. އަލްޝާލީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް އެވެ.

ރާއްޖޭގައި 2012 އިން ފެށިގެން ބާއްވާ ޓްރެވަލް އެވޯޑަކީ ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ. މިއީ މި އެވޯޑުގައި އަލް ޝާލީން ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވާ ދެވަނަ އަހަރެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ވިދާޅުވީ އަލް ޝާލީއަކީ ލީޑިން ކުންފުންޏަކަށް ވެފައި ޓްރެވަލް އެވޯޑުގައި އެ ކުންފުނީގެ އެހީ ލިބުމަކީ ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން މި ޕާޓްނާޝިޕަކީ ޓޫރިޒަމް އިންޑަސްޓްރީ އާއި ކޮމާޝަލް އިންޑަސްޓްރީ ގުޅުވައިދޭނެ އެއްބަސްވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިފަހަރުގެ ޓްރެވެލް އެވޯޑުގައި ގާލާ އެޑިޝަނަކާއި ގެސްޓް ހައުސް އެޑިޝަނެއް ބާއްވަން ވަނީ ނިންމާފަ އެވެ. އެގޮތުން ގާލާ އެޑިޝަނުގައި ރިސޯޓުތަކާއި ހޮޓަލްތަކާއި ލިވަބޯޑުތަކުގެ އިތުރުުން އެއާލައިންތައް ހިމަނައިގެން ޖުމްލަ 25 ކެޓަގަރީއަކުން އެވޯޑު ދެ އެވެ.

ގެސްޓް ހައުސް އެޑިޝަނުގައި އެވޯޑު ދެނީ 14 ކެޓަގަރީއިންނެވެ.

މަޓާޓޯއިން ބުނި ގޮތުގައި ގާލާ އެޑިޝަނަށް 75 ކުންފުންޏަކުން ނަން ވަނީ ހުށަހަޅައިފަ އެވެ. ގެސްޓް ހައުސް އެޑިޝަނަށް ނަން ހުށަހަޅާފައިވަނީ 175 ފަރާތަކުންނެވެ.

ގެސްޓް ހައުސް އެޑިޝަންގެ އެވޯޑުތައް ދެނީ ޓްރިޕް އެޑްވައިޒާގެ ރޭޓިން އާއި އޮންލައިން އަދި އެސްއެމްއެސްގެ ޒަރީއާއިން ލިބޭ ވޯޓުތަކުންނެވެ.