ދިރާގު ޓީވީން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.


މި ޕްރޮމޯޝަން ކުރިއަށް ގެންދާއިރު، ދިރާގު ޓީވީގެ ޚިދުމަތާ އަލަށް ގުޅޭ ކަސްޓަމަރުންނާއި މިހާރުގެ ކަސްޓަމަރުންނަށް ލަކީ ޑްރޯއެއް މެދުވެރިކޮށް ޑިސްނީލޭންޑަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ.

އަދި، ޗައިނާގެ ޝަންހާއީގައި އާއިލާގެ ހަތަރު މެންބަރުންނާ އެކު ފަސް ދުވަސް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. މި ދަތުރުގެ ފްލައިޓް ޓިކެޓާއި އެއް ދުވަހުގެ ޑިސްނީލޭންޑްގެ ޕާސް ހިލޭ ލިބޭނެ އެވެ.

މިއަދުން ފެށިގެން އަންނަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ގެންދާނެ އެވެ.

ދިރާގަކީ ރާއްޖޭގައި ޑިސްނީ ކޮންޓެންޓް އެންމެ ގިނައިން ދައްކާ ސާވިސް ޕްރޮވައިޑާ އެވެ. އެގޮތުން ޑިސްނީ ޗެނަލް އާއި މާވެލް އެޗްކިއު އާއި ޑިސްނީ ޖޭއާރް އާއި ޑިސްނީ އިންޓަނޭޝަނަލް އެޗްޑީ އަންނަނީ ދައްކަމުންނެވެ.

ދިރާގު ޓީވީން އަންނަނީ އާ ޗެނަލްތައް އިތުރުކޮށް ދިވެހިންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

ދިރާގު ޓީވީގެ ބޭސިކް ޕްކޭޖެއް 300ރ. އަށް ލިބެ އެވެ. މި ޕެކޭޖުގެ ތެރެއިން ކުޑަކުދިންނަށް ހާއްސަ ގިނަ ޗެނަލްތަކެއް ފެންނާނެ އެވެ. ދިރާގުން ފޯރުކޮށްދޭ ހުރިހާ ޗެނަލްތަކެއް 450ރ. އަށް ލިބޭނެ އެވެ.

ދިރާގަކީ ރާއްޖޭގައި އައިޕީޓީ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏެވެ. މި ހިދުމަތްދޭތާ ދެ އަހަރުވެފައިވާ އިރު އެޓީވީން 4ކޭ ޗެނަލްތަކާ އެކު 90 އަށް ވުރެ ގިނަ ޗެނަލް އަންނަނީ ދައްކަމުންނެވެ. ދިރާގު ޓީވީގެ ހިދުމަތް 52 ރަށަކަށް ދެމުންދެ އެވެ.