ލޯފަން ކުދިންނަށް ދާދި ފަހުން ބްރެއިލް ލެގޯ ނެރެފައި ވަނިކޮށް، މަޝްހޫރު ކާޑް ގޭމް "އުނޯ" ގެ ބްރެއިލް ވާޝަނެއް ވެސް ނެރެފި އެވެ.

ބްރެއިލް އަކީ ލޯފަން މީހުންނަށް، އަތުން އިހްސާސްކުރެވޭ ގޮތަށް ޖަހާ ފާހަގަތަކެކެވެ.

ކުޅޭ ސާމާނު އުފައްދާ އެމެރިކާގެ ކުންފުނި މެޓެލް އިން ބުނިގޮތުގައި ބްރެއިލް އޫނޯ އަކީ ލޯފަން މީހުންނާއި ލޮލުގެ ފެނުމުގައި އެކި މައްސަލަތައް ހުންނަ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. އެގޮތުން އޫނޯ ކާޑްތަކުގައި ބްރެއިލް އަކުރުން ލިޔެފައިވެ އެވެ. އޭގެ ސަބަބުން ކާޑުތައް ދެނެގަވޭނެ އެވެ.

މި އުފެއްދުން މެޓެލް އިން ތައްޔާރުކޮށްފައި ވަނީ ނެޝަނަލް ފެޑެރޭޝަން އޮފް ދަ ބްލައިންޑާ ގުޅިގެންނެވެ.

މެޓެލް އިން ބުނިގޮތުގައި ބްރެއިލް އޫނޯ މިހާރު އޮންލައިންކޮށް ވެސް ގަންނަން ލިބޭނެ އެވެ. އޮންލައިންކޮށް ގޭމް ވިއްކާ ތަންތަނުގެ ތެރޭގައި ޓާގެޓް ހިމެނެ އެވެ.

ގޭމް ގުޅޭނެ ގޮތް ބްރެއިލް ރީޑަބަލް ފައިލް ޑައުންލޯޑްކޮށްގެން ވެސް ކިޔައިލެވޭނެ އެވެ. ނުވަތަ ގޫގުލް އެސިސްޓަންޓާއި އެލެކްޒާގެ އެހީގައި އަޑުން ވެސް ދެނެގަނެވޭނެ އެވެ.

މެޓެލްގެ ގްލޯބަލް ހެޑް އޮފް ގޭމްސް ރޭ އެޑްލާ ވިދާޅުވީ ބްރެއިލް އޫނޯ ތައްޔާރުކޮށް ބާޒާރަށް ނެރުމަކީ އެ ކުންފުނިން ވަރަށް ވެސް ފަހުރުވެރިވާ މަސައްކަތެއް ކަމަށެވެ.

"މީގެ ސަބަބުން ފެނުމުން މަހުރޫމުވެފައިވާ އެތައް ބަޔަކަށް އެތައް އާއިލާއަށް ހިނިތުވުން ގެނެސްދޭނެ،" އޭނާ ވިދާޅުވި އެވެ.

ނެޝަނަލް ފެޑެރޭޝަން އޮފް ދަ ބްލައިންޑްގެ ރައީސް މާކް ރިކަބޯނޯ ވިދާޅުވީ މެޓަލް އިންފަހިކޮށްދިން މި ފުރުސަތަކީ ލޯފަން ކޮމިއުނިޓީ އަށް އެތައް ގޮތަކުން ފައިދާކުރާނެ އެެއްޗެއް ކަމަށެވެ. އަދި މިވަރުގެ ކަމެއްކޮށްދިނީތީ އެ ކުންފުންޏަށް ޝުކުރުއަދާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.