ވިމެން އިން ޓެކްގެ "ސްޓެމް ފެސްޓް" ފަށައިފި

ވިމެން އިން ޓެކުން އިސް ނަގައިން ތަފާތު ދާއިރާތަކުން ރާއްޖޭގެ އުފެއްދުންތައް ދައްކާލުމަށް ބާއްވާ "ސްޓެމް ފެސްޓް" މިއަދު ފަށައިފި އެވެ.


ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ފެސްޓިވަލް ފައްޓަވައިދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އެވެ. މި ފެސްޓިވަލް ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.

މި ފެސްޓިވަލްގައި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިންނާއި އިންޖިނިއަރިން އަދި މެތަމެޓިކްސްގެ ދާއިރާގެ އުފެއްދުންތައް ފެނިގެންދާއިރު މިއީ މިފަދަ އުފެއްދުންތައް ދައްކާލުމަށް ވިމެން އިން ޓެކުން ބާއްވާ ފުރަތަމަ ފެސްޓިވަލް އެވެ. މީގެ އިތުރު ފެސްޓިވަލްތައް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވިމްނެ އިން ޓެކްގެ ނައިބު ރައީސް ނިއުމާ ފާއިޒް ވިދާޅުވި އެވެ.

މި އަހަރުގެ ސްޓެމް ފެސްޓުގައި 20 ކުންފުންޏަކުން ބައިވެރި ވެއެވެ. މީގެ ތެރޭގައި ދައުލަތުގެ ވުޒާރާތަކާއި ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީ އަދި ސްޓާޓްއަޕް ކުންފުނިތައް ހިމެނެ އެވެ. މި ތަންތަނުން ދޭ ޑިޖިޓަލް ސާވިސަސް އާއި ގޭމް ޑިވެލޮޕްމަންޓާއި މެރިން ސައިންސާއި ޑިޖިޓަލް ސެކިޔުރިޓީ އަދި ހިދުމަތް ދިނުން ފަސޭހަކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ގިނަ އެޕްލިކޭޝަންތަކެއްގެ މައުލޫމާތު ބަލާމުގެ ފުރުސަތު ފެސްޓިވަލަށް ޒިޔާރަތް ކުރާ މީހުންނަށް ލިބޭނެ އެވެ.

މި ފެސްޓިވަލްގެ ތެރެއިން މިރޭ ސްޓެމް ދާއިރާ އާއި ގުޅޭ ގޮތުން ޕެނަލް ޑިސްކަޝަނެއް ކުރިއަށްދާނެ އެވެ. މި ޕެނަލް ޑިސްކަޝަން ކުރިއަށްދާނީ މިރޭ 8:30-10:30 އަށެވެ. އަދި މާދަމާ ހަވީރު ކުޑަކުދިންނަށް ހާއްސަކޮށްގެން ހަރަކާތްތަކެއް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.