އިންސާނީ ތަރައްގީގައި ރާއްޖެ އަށް މިފަހަރު ވެސް ކުރިއެރުން

ޔޫއެންޑީޕީން އާންމުކުރާ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް (އެޗްޑީއައި) ގައި ރާއްޖެ އިން މިފަހަރު ވެސް ކުރިއެރުންތައް ހޯދައިިފި އެވެ.


ކުރިއެރުން ހޯދި ނަމަވެސް ލިސްޓުގައި ރާއްޖެ އަދިވެސް އޮތީ ވަރަށް ފަހަތުގަ އެވެ.

އިންސާނީ ތަރައްގީގެ ކުރިއެރުން އަންގައިދޭ މި އިންޑެކްސްގައި 189 ގައުމެއް ހިމެނޭއިރު ރާއްޖެ އޮތީ 104 ވަނައިގަ އެވެ. މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އެންމެ ކުރީ ގައި އޮތީ ސްރީ ލަންކާ އެވެ. އެއީ ލިސްޓުގެ 71 ވަނަ ލިބިގެންނެވެ.

މިދިޔަ އަހަރުތަކުގައި ރާއްޖޭން ވަނީ މި އިންޑެކްސްގައި ބަލާ ހުރިހާ ދާއިރާއަކުން ވެސް ވަރަށް ބޮޑަށް ކުރިއެރުން ހޯދައިފަ އެވެ. އެގޮތުން ރާއްޖޭގެ މީހުންގެ އެވްރެޖު އުމުރާއި ތައުލީމު ހާސިލު ކުރުމުގައި ހޭދަކުރާ މުއްދަތާއި އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު އެޗްޑީއައި އިންޑެކްސްގައި ރާއްޖޭގެ ކުރިއެރުން ވަރަށް ކުޑަ އެވެ. މިދިޔަ 2017 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެޗްޑީއައި ވެލިއު އަކީ 0.716 އެވެ. އަދި 2018 ވަނަ އަހަރު ހުރީ 0.719 ގަ އެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު 1990 ވަނަ އަހަރު 6،261 ޑޮލަރު ގައި ހުރުމަށް ފަހު، ކުރިއެރުން ހޯދަމުން އައިސް މިހާރު ހުރީ 12،549 ޑޮލަރު ގަ އެވެ.

ޖެންޑާ ޑިވެލޮޕްމެންޓް އިންޑެކްސް އަށް ބަލާ އިރު މީހުންގެ އުމުރާއި ކިޔެވުމުގައި ހޭދަކުރާ މުއްދަތުގައި އަންހެނުންނާއި ފިރިހެނުން އެއް ހަމައެއްގައި އުޅުނު ނަމަވެސް، އާމްދަނީ ބެހިފައިވާ މިންގަނޑުގައި އަންހެނުންނާއި ފިރިހެނުންގެ ފަރަގު ވަރަށް ބޮޑެވެ. އެވްރެޖުކޮށް އަންހެނުންނަށް 7،454 ޑޮލަރު ލިބޭ އިރު ފިރިހެނެއްގެ އެވްރެޖް އާމްދަނީ 15،576 ޑޮލަރަށް އަރަ އެވެ.

މި ސަރަހައްދުގައި އާމްދަނީގެ ފަރަގު އެންމެ ކުޑައީ ބޫޓާނުގަ އެވެ.

ޔޫއެންޑީޕީގެ ފަރާތުން ރާއްޖޭގައި ހުންނަ ރެޕްރެޒެންޓޭޓިވް އަކިކޯ ފުޖީ ވިދާޅުވީ، 1995 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. މިދިޔަ މުއްދަތުގައި 32 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ 30 އަހަރު ތެރޭ ރާއްޖޭގައި އެވްރެޖުކޮށް މީހުން މަރުވާ އުމުރު، 17 އަހަރު ވަނީ އިތުރުވެފައި. އަދި ސްކޫލުގައި އެވްރެޖުކޮށް ހޭދަކުރާ މުއްދަތު ވަނީ ތިން އަހަރު އިތުރުވެފައި،" އޭނާ ވިދާޅުވި އެވެ.

މި އިންޑެކްސް ޔޫއެންޑީޕީން ތައާރަފްކުރީ 1990 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް މި މައުލޫމާތުތައް އަންނަނީ ހާމަކުރަމުންނެވެ.