ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށައިފި

ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކުން މިރޭ 12:00 ން ފެށިގެން ބޮލަކަށް ދުވާލަކު ތިން ޑޮލަރުގެ މަގުން ގްރީން ޓެކްސް ނަގަން ފަށައިފި އެވެ.


ދައުލަތުގެ ޓެކްސް އިދާރާއިން ބުނިގޮތުގައި، މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މިރޭ 12:00ގެ ފަހުން ގެސްޓް ހައުސްތަކުގައި މަޑުކުރާ ކޮންމެ ޓޫރިސްޓެއްގެ އަތުން ދުވާލަކަށް ތިން ޑޮލަރު ނަގަން ޖެހޭނެ އެވެ.

މިދިޔަ ނޮވެމްބަރު މަހު ތައާރަފްކުރި ގްރީން ޓެކްސް މިހާތަނަށް ނަގަނީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެޒިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓްހައުސްތަކަކުން ނުނަގަ އެވެ.

މީރާއިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ގްރީން ޓެކްސް މަހުން މަހަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ ފައިސާ އެ އޮތޯރިޓީއަށް ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެހެން ކަމުން މިރެއިން ފެށިގެން ގެސްޓް ހައުސްތަކުން ނަގާ ގްރީން ޓެކްސްގެ ފައިސާ ދައްކަން ޖެހޭނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ކުރިންނެވެ.

މީރާގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 27 މިލިއަން ޑޮލަރު (414.4 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ.