ޓޫރިޒަމް މިނިސްޓްރީން އެ މިނިސްޓްރީގެ ކުރީގެ ބައެއް ވަޒީރުންނާ އެކު އެތަނުގެ 31 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކޮށްފި އެވެ.
މިއަދު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ވަހީދާއި ކުރީގެ މިނިސްޓަރުން ކަމުގައިވާ އިބްރާހިިމް ހުސައިން ޒަކީ އާއި ޑރ. މުސްތަފާ ލުތުފީ އަދި މަހުމޫދު ޝައުގީ ބައިވެރިވެވަޑައިގަތެވެ. ކުރީގެ ހުރިހާ މިނިސްޓަރުންނަށް ދައުވަތު ދިން ނަމަވެސް އެކި ސަބަބުތަކާ ހުރެ ގިނަ ބޭފުޅުންނަށް ބައިވެރިވެވަޑައި ނުގެންނެވުނީ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މިރަސްމިއްޔާތުގައި ކުރީގެ މިނިސްޓަރުން ވަނީ އެ ބޭފުޅުންގެ މިނިސްޓަރުކަމުގެ ދަށުން ޓޫރިޒަމް ދާއިރާ ކުރިއަަރުވަން ކުރެއްވި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވައިފަ އެވެ. އަދި މިދާއިރާ ކުރިއެރުވުމަށް އަމިއްލަ ފަރާތްތަކާއި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެ ބޭފުޅުން ތައުރީފު ކުރެއްވި އެވެ.
ޓުރިޒަމް މިނިސްޓްރީން ކޮންމެ އަހަރަކު ނެރުމަށް ހަމަޖެހިފައިވާ "އެމްއޯޓީ" މަޖައްލާ ވެސް ވަނީ މި ރަސްމިއްޔާތުގައި ދައްކާލައިފަ އެވެ. މި މަޖައްލާ ނެރުމަށް ހަމަޖެހިފައިވަނީ މި މަހު 17 ގައި ބާއްވާ އެ މިނިސްޓްރީގެ ހާއްސަ ޖަލްސާގަ އެވެ. މި މަޖައްލާގައި ކޮންމެ އަހަރަކު އެ މިނިސްޓްރީން ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލު ހިމެނޭނެ އެވެ.