ފާއިތުވި ދެ މަހުގެ މުސާރަ ނުދޭ ކަމަށް ބުނެ ފުރަވެރި އައިލެންޑް ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަމުން އެބަ ދެ އެވެ. އެކަމަކު މުޒާހަރާ ކުރާ ކަމަށް ބުނާ ވާހަކަ ރިސޯޓުގެ މެނޭޖްމަންޓުން ދޮގު ކުރެ އެވެ.
އެ ރިސޯޓުގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި ގޮތުގައި ފެބްރުއަރީ މަހާއި މާޗު މަހުގެ މުސާރަ އާއި ސާވިސް ޗާޖު އެއްވެސް މުވައްޒަފަކަށް ނުލިބެ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ރިސޯޓު ބަންދު ކުރާތީ މުވައްޒަފުން ނޯޕޭ ލީވް ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެ ރިސޯޓުން މިދިޔަ ބުރާސްފަތި ދުވަހު އެކަނި 150 މުވައްޒަފުންނަށް ނޯޕޭ ލީވް ވަނީ ދީފަ އެވެ.
ފުރަވެރި ރިސޯޓުގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ދެ މަސް ވެފައިވާއިރު ޖެނުއަރީ މަހުގެ މުސާރަ އާއި ސާވިސް ޗާޖު ދީފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު ކަމަށް ބައެއް މުވައްޒަފުން ބުނެ އެވެ. އަދި މި ދަނޑިވަޅު މުވައްޒަފުން ހާލުގައި ނުޖައްސާ ހައްގުތައް ކަށަވަރު ކުރުމަށް އެ ރިސޯޓުގެ މުވައްޒަފުން އަންނަނީ ގޮވާލަމުންނެވެ. މި މުޒާހަރާގައި އެ ރިސޯޓުގެ 40 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ބައެއް ވީޑިއޯތައް ވެސް ވަނީ އާންމުވެފަ އެވެ.
އެކަމަކު ފުރަވެރި ރިސޯޓުގެ އެޗްއާރު ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ މިއަދުގެ އެއްވެސް ވަގުތެއްގައި އެ ރިސޯޓުގައި މުޒާހަރާ ކޮށްފައި ނުވާ ކަމަށެވެ. އަދި މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި އެވެ. އެކަމަކު ބައެއް މުވައްޒަފުން ނޯޕޭ އަށް ފޮނުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ފުރަވެރި ރިސޯޓަކީ ނައިޑް އިންވެސްޓްމަންޓުން ހިންގާ ރިސޯޓެކެވެ. މިއީ މި ކުންފުނިން ރާއްޖޭގައި ހިންގާ ހަމައެކަނި ރިސޯޓެވެ.
ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް ނޯޕޭ ލީވް ދޭން ފަށާފައިވަނީ ކޮވިޑް-19 ފެތުރުމާ ގުޅިގެން ރިސޯތަކުގެ އޮޕަރޭޝަންތައް ހުއްޓުމުގެ ސަބަބުންނެވެ. އެގޮތުން އެކި ރިސޯޓުތަކުން 11،000 އަށްވުރެ ގިނަ މުވައްޒަފުންނަށް ވަނީ ނޯޕޭ ލީވް ދީފަ އެވެ.
މި ދަނޑިވަޅު ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް މުވައްޒަފުން ވަކި ކުރުމާއި ނޯޕޭ ލީވް ދޭ ކަމުގެ ޝަކުވާތައް ޓޫރިޒަމް މިނިސްޓްރީ އަށް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ. އަދި އެ ރިސޯޓުތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.