މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެކި ފަރާތްތަކުން ދައްކާ ވާހަކަތައް ޖަހް އިން މިއަދު ދޮގުކޮށްފި އެވެ.
މީގެ 27 އަހަރު ކުރިން އުފެއްދި މަޝްހޫރު ޖައުސާ ޓްރޭޑިން ރީބްރޭންޑް ކުރުމަށް ފަހު މިހާރު ހިންގާ ޖާހް ކުންފުނިން ބުނީ، އެ ކުންފުނީގެ މުވައްޒަފުން ޖޫރިމަނާ ކުރާ ކަމަށް ބުނެ މީޑިއާއެއްގައި ރިޕޯޓު ކޮށްފައި ވަނީ ހަގީގީ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ޖާހްގެ ފައުންޑަރު ޖައުފަރު އީސާ އާދަމާ ގުޅޭ ގޮތުން ވެސް ސޯޝަލް މީޑިއާގެ ބައެއް ފްލެޓްފޯމުތަކުގައި ހަގީގަތާ ހިލާފު ދޮގު ވާހަތައް ފަތުރަމުންދާ ކަމަށް ޖާހް އިން ބުނެ އެވެ.
ތަށިމުއްޓާއި ފާޚާނާ ސެޓް ވިއްކުމުގައި މަޝްހޫރު ކުންފުނިން ބުނީ، ޖާހް އަކީ މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މާޒީއެއް އޮތް ކުންފުންޏަކަށް ނުވާއިރު، ތިން މަހުގެ މުސާރަ ނުދީ މުވައްޒަފުން ލައްވައި މަސައްކަތް ކުރުވާ ކަމަށް ބުނެ ދައްކަނީ ވެސް ދޮގު ވާހަކަތަކެއް ކަމަށެވެ. މިގޮތަށް ހިންގާ އަމަލުތަކަކީ ކުންފުނީގެ އިތުބާރު ނަގާލައި އަގު ވައްޓާލުމަށް ކުރާ ކަމެއްގެ ގޮތުގައި އެ ކުންފުނިން ސިފަ ކުރެ އެވެ. މީގެ އިތުރުން "ދަ ގާޑަންސް" އާއި "ބަރެސްދޫ" ޕްރޮޖެކްޓާ ގުޅުވައިގެން، ޖައުފަރުގެ އަގު ވައްޓާލުމަށްް ދައްކާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިގްތިސާދަށް މިދިޔަ ޖެނުއަރީ މަހުން ފެށިގެން ނޭދެވޭ އަސަރު ކުރަމުންދާ އިރު ވެސް، ޖާހް އިން މަސައްކަތް ކޮށްފައި ވާނީ އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިނުކޮށް، މުސާރަ ކުޑަނުކޮށް ހިފެހެއްޓުމަށް ކަމަށާއި މިދިޔަ ދުވަސްތަކުގައި އެ އުސޫލުގެ ތެރެއިން މުވައްޒަފުންނަށް މުސާރަ ދީފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް، ޖާހް އިން ބުނިގޮތުގައި ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ވިޔަފާރި އަށް ބޮޑު އަސަރެއް ކޮށް، ކުރިން ލަފާކޮށްފައިވާ ވަރަށް ވުރެ އާމްދަނީ ދަށަށް ވުމާއި ބޭންކުތަކުގެ ހިދުމަތްތައް ލިބުމުގައި ދަތިތަކެއް ހުރުމުން، ބިދޭސީ މުވައްޒަފުންނަށް މާޗް މަހުގެ މުސާރާ ދިނުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެކަމަކު، އެ މުވައްޒަފުންގެ ޒަރޫރީ ބޭނުންތައް ފުއްދުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދީފައިވާނެ ކަމަށް ޖާހް އިން ބުންޏެވެ.
މީގެ އިތުުރުން، އެ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް ރޯދަ މަހުގެ ބޯނަސް ވެސް ޒަމާނުއްސުރެ ދެމުން އަންނަ އިރު، އިގްތިސާދީ މި ދަތި ހާލަތުގައި އެ މުވައްޒަފުންނަށް އެ އިނާޔަތް ދެވެން ނެތް ކަން އަންގައި، މުވައްޒަފުންނަށް އަންގާފައިވާ އެއްގުމެއް ބަދަލުކޮށް ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާތީ ކަންބޮޑުވާ ކަމަށް ޖާހް އިން ބުނެ އެވެ.
ކުންފުންޏާ ގުޅޭ މިފަދަ ވާހަކަތައް ލިޔާ އިރު ކުންފުނީގެ އެއްވެސް ބަހެއް ހޯދުމެއް ނެތި ފަތުރާ ޚަބަރުތަކަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.