އިއްޔެ "މިހާރު"ގެ ނޫސްވެރިން އޭނާގެ އޮފީހަށް ވަނުމާ އެކު ޖައުފަރު އީސާ އާދަމް ފުރަތަމަ ވެސް އެދިވަޑައިގަތީ، އެއް ފަރާތު ފާރުގައި އަތުރާލާފައި ހުރި އެތައް ބައިވަރު ފޮޓޯތަކެއް ބަލައިލުމަށެވެ. އެއީ އޭނާގެ އާއިލާގެ ކުންފުނިތަކުން ހުޅުމާލޭގައި ހަދަމުން އަންނަ ބިޔަ އެޕާޓްމަންޓް ބިލްޑިންގްގެ މަސައްކަތް ފެށުނީއްސުރެ މިހާތަނަށް ނެގި ފޮޓޯތަކެވެ.
މަޝްހޫރު ނަމުން ނަމަ ޖައުސާ ޖައުފަރު (ޖޭޖޭ) ހީވާގިކަމާއި އޭނާގެ ފަހަތުން އޭނާގެ ބޭފުޅުން ޖައުސާގެ ބްރޭންޑް ކުރިއަރުވަން ކުރަމުން އަންނަ މަަސައްކަތުގެ ކުޑަ މިންވަރެއް ނަމަވެސް، އެ ފޮޓޯތަކުން ދައްކައިދެ އެވެ. އެކަމަކު އެއީ ޖައުފަރު، މީގެ 27 އަހަރު ކުރިން ފެއްޓެވި އަމިއްލަ ވިޔަފާރީގެ ފަހުގެ ބައެކެވެ. މިއަދު އޭނާ އާއި އާއިލާ ފާހަގަ އެ ކުރައްވަނީ ޖައުސާގެ ކުޑަ ދަށުން އުފެއްދި، ކުރީގައި ނަމަ ޖައުސާ ޓްރޭޑިން، މިހާރުގެ އާ ބްރޭންޑްގެ ނަމުން ނަމަ ޖާހު ޕްރައިވެޓް ލިމިޓެޑްގެ 25 އަހަރުގެ ތާރީޚީ ކާމިޔާބީތަކެވެ. ރިހި ޔޫބީލް ހާއްސަ ޖަލްސާ އޮންނާނީ ހޮޓެލް ޖެންގައި މިރެ އެވެ.
ޖައުފަރާ ގުޅިފައި ހުރި އެހެން ހުރިހާ ވިޔަފާރިއެއް ބާއްވާށެވެ. މިއަަދާ ގުޅުވައިގެން އޭނާ ދައްކަވަން ހަމައެކަނި ބޭނުންވަނީ ޖާހު ޕްރައިވެޓް ލިމިޓެޑްގެ 25 އަހަރުގެ ދަތުރުގެ ވާހަކަ އެވެ.
އެ ދަތުރު ފެށީ ޑިސެމްބަރު 18، 1994 ގަ އެވެ. މަގުސަދަކަށް ވެފައި އޮތީ، އޭރު 35 އަހަރުގެ ޒުވާނެއްގެ ގޮތުގައި ހުންނެވި، ޖައުފަރުގެ ޖައުސާ ކޮންސްޓްރަކްޝަން ކުންފުންޏަށް ބޭނުންވާ ފުލައިވުޑާއި ލަކުޑި އާއި ދަގަނޑު ކަހަލަ، އިމާރާތްކުރުމުގެ މަސައްކަތުގެ އަސާސީ އެއްޗެހި ބޭރުން ގެންނާށެވެ. އެކަމަކު އެ ވިޔަފާރި ފުޅާވަމުން ގޮސް، ޖާހުން ވަނީ ރާއްޖޭގެ އެހެން ދާއިރާތަކުގެ ވިޔަފާރީގެ މައިގަނޑު ބާރު ވެސް ހޯދައިފަ އެވެ.
"އަޅުގަނޑުމެން މިދަނީ ފުޅާކުރަމުން. ކުރިމަގުގައި ވެސް ދާނީ ފުޅާކުރަމުން،" ޖާހްގެ ކޯ ފައުންޑަރު ޖައުފަރު ވިދާޅުވި އެވެ.
ޖައުސާ ޓްރޭޑުން އޭރު ރާއްޖެއަށް ގެނައި އެންމެ ބޮޑު އެއް އިންގިލާބަކީ ރަނގަޅު ފެންވަރުގެ ތަށިމުށި ލިބޭނެ ގޮތް ހެދުމެވެ. އެ ވިޔަފާރީގެ ތެރެއަށް ޖައުފަރުގެ ކުންފުނިން ވަނީ ލަންކާ ޓައިލްސްއާ އެކު 1999 ގަ އެވެ. މިއަދު އެތަން ބަދަލުވެފައި ވަނީ ޖާހު ސިޓީ ސެންޓަރު (ޖޭސީސީ) އަށެވެ. ސޯސަން މަގުގައި، އިބްރާހިމް މިސްކިތުގެ ކުރިމައްޗަށް ވާ ގޮތަށް އެހުރި ހިތްގައިމު ޝޯ ރޫމަށް ވަދެލުމުން، މީގެ 20 އަހަރު ކުރިން ފެށި މަސައްކަތުގައި ޖާހު އަށް އާދެވިފައިވާ ހިސާބު ވަޒަންކޮށްލެވޭނެ އެވެ. އެ ޝޯރޫމަކީ މާލޭގައި ހެދި ނަމޫނާ ތަނެކެވެ. އޭގެ އެހެން ޝޯ ރޫމެއް ދާދި ފަހުން ހުޅުމާލޭގައި ވެސް ހުޅުވި އެވެ.
ޖައުފަރު ސިފަކުރެއްވި ގޮތުގައި އެއީ ތަށިމުށީގެ ވިޔަފާރިއަށް "ރިވޮލިއުޝަން" އެއް ގެނައި ތަނެވެ.
އެކަމަކު ހަމައެކަނި ތަށިމުއްޓަށް ހާއްސަވުމުގެ ބަދަލުގައި ޖޭސީސީ އަކީ މިހާރު ރާއްޖޭގައި ފާހާނަޔާ ގުޅޭ ކަންކަމުގައި ވެސް އެންމެ ކޮލިޓީ ސާމާނު ވިއްކާ ކުންފުންޏެވެ. ދުނިޔޭގެ މަޝްހޫރު އަދި ފެންވަރުމަތީ އެތައް އުފެއްދުމެއް، ޖޭސީސީ މެދުވެރިކޮށް ރާއްޖެއަށް ވަނީ ތައާރަފުކޮށްފަ އެވެ.
"އަޅުގަނޑުމެންގެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންނަށް މަޖުބޫރުވީ ބުންވަރާ އެކު ދުވަން. ދުވަމުން އައިސް މިހާރު މާކެޓަށް ބަލައިފި ނަމަ ސުވާލު އުފެދޭނެ ތަށިމުށި ވިއްކަން ކުރިން ނުކުތް މީހުން ކޮބައިތޯ؟،" ޖައުފަރު ވިދާޅުވި އެވެ.
"ނަމަވެސް އަޅުގަނޑުމެން މިދަނީ ފުޅާވަމުން. ފަޚުރުވެރިކަމާ އެކު ދަންނަވަން ކެރޭ ތަށިމުށީގެ ވިޔަފާރީގައި މިއަދު ޖާހު ސިޓީ ސެންޓަރު (ޖޭސީސީ) އަކީ ކިންގް. މިއީ ކިންގް އޮފް ކިންގޭ ދަންނަވާނީ."
އޭނާ ވިދާޅުވާ ގޮތުން ނަމަ ރާއްޖޭގެ ރިސޯޓުތަކުގެ 85 ޕަސެންޓް ބޭނުންކުރަނީ ޖޭސީސީން ވިއްކާ ތަށިމުއްޓެވެ.
"ދުނިޔޭގެ ހުރިހާ ތަނަކުން ހުރިހާ ބްރޭންޑެއްގެ ތަށިމުށި ވެސް އެބަ ވިއްކަން. އެހާ ވަރަށް މި ވިޔަފާރި ފުޅާކޮށްފައި،" ޖައުފަރު ވިދާޅުވި އެވެ.
ފާހާނާގެ ސާމާނު ވިއްކަން ފެށުމުގެ ކުރިން ވެސް، އޭނާ ވިދާޅުވި ގޮތުގައި، ރަނގަޅު ދިރާސާއެއް ހެދި އެވެ. އޭނާއަށް އެނގިވަޑައިގަތީ ފެންވަރު މަތީ ބްރޭންޑެއް ގެނެސްގެން ނޫނީ ކާމިޔާބު ނުވާނެކަމެވެ. އެހެންވެ، ވާދަވެރި މާހައުލުގައި ކުރިއަށް ދާން ޖާހް އިން އިޚްތިޔާރުކުރީ އެމެރިކާގެ މަޝްހޫރު "އެމެރިކަން ސްޓޭންޑާޑް" ބްރޭންޑުގެ ފާޚާނާ ސެޓެވެ. މިއަދު ޖޭސީސީ އަކީ އެ ބްރޭންޑުގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ.
އެ ބްރޭންޑްގެ ސާމާނަކީ އާދައިގެ އުފެއްދުން ނޫންކަމުގެ މިސާލު އޭނާ ނެންގެވީ ރައީސް އޮފީހުންނެވެ.
"ރާއްޖޭގައި މިސްކިތްތައް ފިޔަވައި އަޅުގަނޑު އެންމެ އިހުތިރާމް ކުރާ އެއް ތަނަކީ ރައީސް އޮފީސް،" ޖައުފަރު ތަފްސީލު ދެއްވި އެވެ.
"އެ ތަނުގެ ފާޚާނާތަކުގައި މުޅިން ޖަހާފައި ހުންނާނީ އެމެރިކަން ސްޓޭންޑާޑްގެ ފާޚާނާ ސެޓް. ރައީސް އޮފީސް ހެދި އިރު އެތަނުގެ ބޭފުޅުން ވެސް ބައްލަވާނީ އެންމެ ރަނގަޅު ޕްރޮޑަކްޓެއް ބޭނުންކުރަން. އެއިރެއްގެ މާކެޓުގައި އެންމެ ރަނގަޅު ޕްރޮޑަކްޓަކަށް އެ ފެންވަަރުގެ ތަނެއްގައި ދާނީ،" ޖައުފަރު ވިދާޅުވި އެވެ.
ޖާހް އިން މިހާރު ވަނީ އެއަށް ވުރެ ވެސް މަތީ ފެންވަރަކަށް ވިޔަފާރި ފުޅާކޮށްފަ އެވެ. ރާއްޖޭގެ ފައިވް ސްޓާ އަދި ސެވަން ސްޓާގެ ތަންތަނަށް ޚާއްސަ ފާޚާނާ ސެޓް ވެސް އެތެރެކޮށް އަންނަނީ ވިއްކަ އެވެ. މާނަ އަކީ ދުނިިޔޭގެ އެންމެ މަތީ ފެންވަރުގެ ސާމާނު މާލޭގައި ލިބޭނެ އެއް ތަނަކީ ޖޭސީސީ ކަމެވެ.
"އެވަރަށް އަޅުގަނޑުމެން މިދަނީ ހިއްލަމުން. އުފުއްލަމުން. ހައިރާންވާ ވަރަށް އަޅުގަނޑުމެން ވަރުގަދަ ކޮށްފިން. ފުޅާކޮށްފިން،" ޖައުފަރު ވިދާޅުވި އެވެ.
އޭގެ އަނެއް މިސާލަކީ ހޯމް އެޕްލަޔަންސްގެ އެކި ބާވަތްތައް ވެސް ވިއްކަމަން ދިއުމެވެ. މައިކްރޯ އަވަނާއި ފްރިޖާއި ދޮންނަ މެޝިން ފަދަ ގެ އަށް ބޭނުންވާ އެތައް ސާމާނެކެވެ. ދޮރުފޮއްޗާއި ވޯލްޕޭޕަރު ވެސް ލިބެން އެބަ ހުއްޓެވެ.
ޓޯޓަލް ސޮލިއުޝަނާ ދިމާއަށް
ޖޭސީސީން މިހާރު ކުރާ އެންމެ މުހިންމު އެއް ކަމަކީ ވިއްކާ ޕްރޮޑަކްޓާ އެކު، އެ ޕްރޮޑަކްޓަކާ ގުޅޭ ހުރިހާ ޚިދުމަތެއް ވެސް ފޯރުކޮށްދިނުމެވެ. މިސާލަކަށް ޖޭސީސީން ވިއްކާ ޓައިލްސް ޖަހައި ދިނުމެވެ. ދޮރުފޮތި ހަރުކޮށްދިނުމެވެ. ދެން އޮތީ ޑިޒައިންކުރުމާއި އެ ޑިޒައިންކުރާ ތަންތަން ވެސް އޭނާގެ އާއިލާގެ ނަން ނިސްބަތްވާ ކުންފުނިތަކުން ނިންމައި، ހުރިހާ ކަމެއް ފުރިހަމަކުރުމަށް ފަހު، ކަަސްޓަމަރަށް ފޯރުކޮށްދިިނުމެވެ. ޖައުފަރު ވިދާޅުވީ ކުންފުނި އެ ދަނީ "ޓޯޓަލް ސޮލިއުޝަނާ" ދިމާއަށް ކަމަށެވެ.
ޖާހުގެ ނަން މިރޭގެ ހަފުލާގައި ވަރަށް ގިނަ ބަޔަކަށް އިވި، އޭގެ މާޒީގެ މަސައްކަތްތަކަކީ ކޮބައިކަން ވެސް އެނގޭނެ އެވެ. ނަމަކީ ބަދަލުވަމުން، އާ ވަމުން އަންނަ އެއްޗެކެވެ. މުހިންމީ އަދި ކާމިޔާބީގެ އަސްލަކީ އެ ނަމުގެ ފަހަތުގައި ތިބެގެން މަސައްކަތް ކުރާ ހީވާގި ސިކުނޑިތަކެވެ. ޖައުފަރަކީ އޭގެ އަސްލު ފެށުމެވެ. އަދި ޖާހުގެ މިހާރުގެ ވެސް އެންމެ ބަސްވިކޭ، ހުރިހާ ކަމެއް ބަލަހައްޓަވަމުން ގެންދަވާ ބޭފުޅެވެ.
"އަޅުގަނޑު އަބަދުވެސް ފާހަގަކުރަންް އަޅުގަނޑާ އެކު މަސައްކަތްކުރާ މުވައްޒަފުން. އެއީ އަސްލު އަޅުގަނޑުމެންނަށް މި ލިބޭ ކާމިޔާބީތަކުގެ އަސްލަކީ،" ޖައުފަރު ވިދާޅުވި އެވެ.
ޖާހު ޕްރައިވެޓް ލިމިޓެޑްގެ ރިހި ޔޫބީލްއަށް މަރުހަބާ އެވެ. ޖައުފަރާއި އޭނާގެ އާއިލާގެ ކުންފުނި މިހާރު މިސްރާބު ޖަހާފައި ހުރީ، ފޮޓޯތަކުން ފެންނަ ގޮތަށް، އާދައިގެ މިންޒިލަކަށް ނޫނެވެ. އެއީ އެހެން މީހުންގެ ދިރިއުޅުމަށް، އެހެން މީހުންގެ ވިޔަފާރިތަކަށް ރީތިކަމާއި ނަލަކަން ގެނެސްދޭން މެދުވެރިވާ ވަރަށް މުހިންމު ބައިވެރިއެކެވެ.