ތައިލެންޑުން އެތެރެކުރާ ބައެއް މުދަލުން ޑިއުޓީ ކަނޑާލަނީ

ތައިލެންޑުން ރާއްޖެ އެތެރެކުރާ ބައެއް މުދަލުން ޑިއުޓީ ކަނޑާލަން އެއްބަސްވެއްޖެ އެވެ.


މިދިޔަ ބުދަ ދުވަހު ރާއްޖެ އަށް ކުރެއްވި ދަތުރަށް ފަހު އެނބުރި ތައިލެންޑަށް ވަޑައިގެން އެ ގައުމުގެ ކޮމާސް މިނިސްޓަރު އަޕިރާދީ ޓަންޓްރަޕޯން ތައިލެންޑުގެ ނޫސްތަަކަށް ވިދާޅުވީ އެ ގައުމުން ރާއްޖެ އަށް އެކްސްޕޯޓް ކުރާ ބައެއް މުދަލަށް ނަގާ ބައެއް ޓެކްސްތައް ކަނޑާލަން ރާއްޖެއިން އެއްބަސްވެފައިވާ ކަމަށެވެ. އެ ގޮތަށް އެއްބަސްވީ ރާއްޖެ އާއި ތައިލެންޑާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އުފައްދާފައިވާ ޖޮއިންޓް ކޮމިޓީގެ މަޝްވަރާތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ތައިލެންޑުން މަސައްކަތް ކުރަނީ 2018 އަންނަން ވާއިރަށް ރާއްޖެއާ އެކު ކުރާ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ރާއްޖޭގައި ބޭއްވި ޖޮއިންޓް ކޮމިޓީގެ ދެވަަނަ ބައްދަލުވުމުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރު ދާއިރާތަކަށް ފުޅާކުރުމަށް ވެސް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް އަޕިރާދީ ވިދާޅުވި އެވެ. އެއިގެ ތެރޭގައި މަސްވެރިކަމާއި ސިއްހީ ދާއިރާ ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކާބޯތަކެތި އުފެއްދުމާއި ރާއްޖޭގައި ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ކިޔަވައިދިނުމަށް ސްކޫލްތައް ގާއިމްކުުރުމަށް ތައިލެންޑުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ދިވެހި ސަރުކާރުން ބާރުއަޅާ،" އަޕިރާދީ ވިދާޅުވި އެވެ.

ތައިލެންޑުގެ ރަސްގެފާނުގެ ސިއްހީ ހާލުކޮޅު ދެރަވުމާ ގުޅިގެން އަޕިރާދީގެ ދަތުރު ކުރުކޮށްލެއްވުމަށް ފަހު ބުދަ ދުވަހުގެ ރޭ އެނބުރި ގައުމަށް ވަޑައިގެންނެވި ނަމަވެސް، އެއްވެސް މެދުވެރިއެއް ނެތި ތައިލެންޑުން ރާއްޖެ އަށް ކާނާގެ ބާވަތްތައް އެތެރެކުރެވޭނެ ގޮތް ހެދުމަށް އޭނާ އާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޝްވަރާކުރެއްވި އެވެ. ސައީދު ވިދާޅުވެފައިވާ ގޮތުގައި ބްރޯކަރަކާ ނުލައި، ދަނޑުވެރިންނާއި އެ ނޫން ވެސް ކާނާގެ ބާވަތްތައް އުފައްދާ ތައިލެންޑުގެ ފަރާތްތަކާ ސީދާ މުއާމަލާތް ކުރުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިވެރިންނަށް ހޯދައިދިނުމަކީ ތައިލެންޑުން ވެސް ވަރަށް ބޮޑަށް ބަލައިގަންނަ ކަމެކެވެ.

މިދިޔަ ޖެނުއަރީ މަހު ރައީސް އަބްދުﷲ ޔާމީން ތައިލެންޑަށް ކުރެއްވި ދަތުރުފުޅަށް ފަހު އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އެ ގޮތުން، އެ މަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ތައިލެންޑުގެ ކޮމާސް މިނިސްޓަރާއި އެ ގައުމުގެ ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށްފަ އެވެ.

މިނިސްޓަރު އަޕިރާދީއާ އެކު ވެސް ތައިލެންޑުގެ އެންމެ ބޮޑެތި އެކްސްޕޯޓް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ 30 ކުންފުންޏެއްގެ މަންދޫބުން ރާއްޖެ ވަޑައިގެންނެވި އެވެ. އެ ކުންފުނިތަކުން އެކްސްޕޯޓް ކުރާ ތަކެތި ދައްކާލުމަށް ދަރުބާރުގޭގައި ފެއާއެއް ވެސް ބާއްވައިފަ އެވެ. އެ ފެއާގެ ތެރެއިން ދިވެހި ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށް، މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

ތައިލެންޑުން ރާއްޖެ އަށް ގިނަ އަދަދެއްގެ މުދާ އެތެރެ ކުރެ އެވެ. އޭގެ ތެރޭގައި އަންނައުނާއި ފޭރާން ފަދަ އެއްޗެހި ހިމެނޭ އިރު، ރާއްޖެއިން ބޭރު ކުރާ މަހުގެ ވަރަށް ބޮޑު ބައެއް ތައިލެންޑަށް ގެންދެ އެވެ. އެ ގޮތުން، މިދިޔަ އޮގަސްޓް މަހު އެކަނި ވެސް 47 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ތައިލެންޑަށް ވިއްކާފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.