ކުރީގެ ސްޓާ ސިނަމާ އިމާރާތުގައި ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް

ކުރީގެ ސްޓާ ސިނަމާ ހުރި އިމާރާތުގެ ތިރީގައި ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.


މ. ސްޓާ ކްލައުޑް (ކުރީގެ ސްޓާ ސިނަމާ) އިމާރާތުގައި ހުޅުވި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ބޭންކިން ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެ ސެންޓަރުގައި ތިން އޭޓީއެމް ބަހައްޓާފައިވާއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ޗެކް ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ސެންޓަރަކީ މުޅި ރާއްޖޭގައި ބޭންކިން ވިއުގަ އިތުރަށް ފުޅާ ކުރުމަށް ކުރަމުންދާ އިންވެސްޓުމަންޓުގެ ދަށުން ހުޅުވި ސެންޓަރެއް ކަމަށެވެ. އަދި ރަށްރަށުގައި ވެސް މި އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތ މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ހަފްތާގައި އަޅުގަނޑުމެން ވާނީ އަތޮޅު ތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ހަތަރު ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރެވެމުންދާކަން ހާމަކޮށްފައި. އުއްމީދަކީ ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި މި އޭޓީއެމްތައް ވެސް އިތުރުކުރެވިގެން ދިޔުން." ޓިމް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 38 ބްރާންޗާއި 56 ސެލްފް ސާވިސް ސެންޓަރާއި 119 އޭޓީއެމް ބީއެމްއެލުން ވަނީ ގާއިމްކޮށްފަ އެވެ. އަދި އެކި އަތޮޅުތަކުގައި އެ ބޭންކުގެ 277 ކޭޝް އޭޖެންޓުން ތިބެ އެވެ.