11 އަހަރަށް ފަހު އެމްޓީޑީސީ އަށް ފައިދާވެ، ހިއްސާދާރުންނަށް ފައިދާ ބަހަނީ

މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް 11 އަހަރަށް ފަހު ފައިދާވުމާ ގުޅިގެން ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހަން ނިންމައިފި އެވެ.


ހޯމަ ދުވަހު ބޭއްވި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައި ވަނީ ހިއްސާއަކަށް 0.50 ލާރި ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ނިންމައިފަ އެވެ. ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ އަހަރުގެ ހިސާބުތައް ބަންދު ކުރާ ތާރީހާ ހަމައަށް ކުންފުނީގައި ރަޖިސްޓްރީވާ ހިއްސާދާރުންނަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިއްސާއެއް ވިއްކަމުން އައީ 100ރ. އަށެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10ރ. އަށް ވަނީ ބަދަލުކޮށްފަ އެވެ.

މި ބަދަލާ އެކު ކުރިން ހިއްސާ ގަތް މީހުންގެ ހިއްސާތައް އެމްޓީޑީސީން ވަނީ އިތުރުކޮށްފަ އެވެ. އެހެންކަމުން 2014 ގެ ކުރިން ހިއްސާ ގަތް މީހުންގެ ހިއްސާއެއްގެ އަގަކީ 100ރ. ކަމަށް ބަލާ ނަމަ ހިއްސާއަކަށް ފައިދާގެ ގޮތުގައި ލިބޭނީ 5ރ. އެވެ.

މިދިޔަ އަހަރުން ފެށިގެން އެމްޓީޑީސީގެ ހިންގުން ރަނގަޅުވެ ކުންފުންޏަށް ފައިދާ ވަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވަނީ ވިދާޅުވެފަ އެވެ. އަދި މި އަހަރު ހިއްސާގެ ފައިދާ ބެހޭވަރު ވާނެ ކަމަށް ލަފާ ކުރެވޭކަމަށް ވެސް މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އޭނާ ވިދާޅުވި އެވެ.

ތަޒްމީލް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް މެދުކެނޑުމެއް ނެތި ހިއްސާގެ ފައިދާ ބެހުން ކަމަށެވެ. އަދި އެކަމަށް ކުރެވެން ހުރި މަސައްކަތްތައް ރާވައިގެން ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ އެމްޓީޑީސީގެ ހިއްސާގެ ފައިދާ ބެހުމުގެ ފެށުމެއް. މި ކުންފުނީގެ އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ހިންގުން ރަނގަޅުކޮށް، މެދުނުކެނޑި ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބެހޭނެ ގޮތަކަށް ވިޔަފާރި ރާވައިގެން ކުރިއަށްގެންދިއުން،" ތަޒްމީލް ވިދާޅުވި އެވެ.

އެމްޓީޑީސީން ވަނީ މި އަހަރު ބާއްވާ އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުންގެ ތެރެއިން ފަސް ޑިރެކްޓަރުން ހޮވުމަށް ވެސް ހުޅުވާލައިފަ އެވެ.