އެމެޒޯންގެ މައި އެއް ތަނބު ކުންފުންޏާ ވަކިވާން ނިންމައިފި

އޮންލައިން ވިޔަފާރީގެ އެންމެ ކުރީގައި އުޅޭ އެމެރިކާގެ މަޝްހޫރު ކުންފުނި އެމެޒޯންގެ މައި އެއް ތަނބު އަންނަ އަހަރުގެ ކުރީކޮޅު ކުންފުނިން ރިޓަޔާކުރަން ނިންމައިފި އެވެ.


ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސްގެ ކުންފުނިން ވަކިވާން ނިންމާފައި ވަނީ އެމެޒޯންގެ ވޯލްޑްވައިޑް ކޮންޒިއުމާ ޑިވިޝަންގެ ސީއީއޯ ޖެފް ވިލްކީ އެވެ. މީގެ 21 އަހަރު ކުރިން އެމެޒޯންއާ ގުޅުނު ޖެފް އެ މަގާމާ ހަވާލުވީ 2016 ގަ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އޭނާ އަކީ ވިޔަފާރީގެ މައިދާނުގައި އެމެޒޯން މިހާރު އައިސްފައި އޮތް ހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ރޯލެއް ކުޅުނު އެކަކެވެ. އަދި ޖެފަކީ އެމެޒޯންގެ ވެރިޔާގެ ބެޒޯސް ފިޔަވައި ދެން އެ ކުންފުނީގެ އެންމެ ނުފޫޒު ގަދަ މީހާ އެވެ.

ޖެފް ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނި އޭނާ އެމެޒޯނުން ރިޓަޔާކުރާނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށެވެ. ޖެފް ބުނި ގޮތުގައި ފާއިތުވި 21 އަހަރު އެމެޒޯން އާ އެކު ވަރަށް ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރެވި، ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދިއްޖެ ކަމަށެވެ. އެހެންވެ ދެން އޮތީ ރަސްމީ ކެރިއަރު ދޫކޮށްލައި، އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރުން ކަމަށާއި އޭނާ އެމެޒޯން ދޫކޮށްލުމުން އިތުރު ބަޔަކަށް ކުރިއަށް ދާން ވެސް މަގުފަހިވެގެން ދާނެ ކަމަށް ބުނެފައިވެ އެވެ.

ޖެފް އެމެޒޯން އިން ވަކިވާން ނިންމުމާ ގުޅިގެން މުވައްޒަފުންނަށް ފޮނުވި މެއިލެއްގައި ބެޒޯސް ބުނީ އެއީ ކުންފުނި ކާމިޔާބުކޮށް ދިނުމުގައި ވަރަށް ބޮޑު ހިއްސާއެއް ކަމަށެވެ. އަދި ޖެފަކީ "ޓިއުޓާއެއް" ގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ޖެފް ބެޒޯސް.

"ޖެފް ވަކިވިޔަސް އޭނާގެ ލެގަސީ އަބަދު ވެސް އެމެޒޯންގައި ދެމިއޮންނާނެ. އޭނާ އަކީ އެމެޒޯން ވަރުގަދަ ކުންފުންޏެއްގެ ހެދުމުގައި އެންމެ ބުރަކޮށް މަސައްކަތްކުރި އެކަކު. އެކަން އަބަދު ވެސް ކުންފުނިން ހަނދާންކުރާނެ،" ބެޒޯސް ބުންޏެވެ.

އެމެޒޯންގެ ވޯލްޑްވައިޑް ކޮންޒިއުމާ ޑިވިޝަންގެ ސީއީއޯގެ މަގާމުން ޖެފް ރިޓަޔާކުރާތީ ދެން އެ މަގާމާ ހަވާލުވާނީ ކުންފުނީގެ ރީޓެއިލް އޮޕަރޭޝަންސްގެ ވައިސް ޕްރެޒިޑެންޓްގެ މަގާމުގައި ހުރި "ދަ ސްނައިޕާ" ގެ ނަމުން މަޝްހޫރު ޑޭވް ކްލާކެވެ.