ކަންނެލި ގަންނަނީ 30 ޕަސެންޓް އަގު ދަށްކޮށް: ބިގްފިޝް

ކަންނެލި ގަންނަ ބައެއް ކުންފުނިތަކުން، ކަންނެލި ގަންނަ އަގު ކަމަށް މީޑިއާގައި ބުނާ އަދަދާ މަސް ގަންނަ އެވްރެޖް އަގުތަކާ ދިމާނުވާ ކަމަށާއި މި ދުވަސްވަރު ކަންނެލި ގަންނަނީ މިދިޔަ އަހަރާ އަޅާބަލާއިރު 30 ޕަސެންޓު ދަށް އަގެއްގައި ކަމަށް ބިގްފިޝް މޯލްޑިވްސް އިން ބުނެފި އެވެ.


އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަންނެލި ގަންނަ ބައެއް ފަރާތްތަކުން ޚަބަރުތަކުގައި ބުނާ އަގުތަކާއި މަސް ގަންނަ އެވްރެޖު އަގުތަކާ ދިމާ ނުވާކަމަށެވެ. މިހެން ދިމާވަނީ "ކެޔޮޅު" ޕޯޓަލްގައި މަސް ގަންނަ އަދަދާއި އަގު ހިއްސާކުރަން މިހާރު އޮންނަ ގޮތުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންވެ މިކަން ހައްލުކުރަން ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބިގްފިޝް އިން ބުންޏެވެ.

ރާއްޖޭގައި މިވަގުތު ދަށް އަގުގައި ކަންނެލި ގަންނަން ޖެހެނީ ކޮވިޑް-19 ގެ ސަބަބުން އެއާފްރެއިޓުގެ އަގު 74 ޕަސެންޓު އިތުރުވެފައިވާތީ ކަމަށް ބިގްފިޝް އިން ބުންޏެވެ. އެގޮތުން މިދިޔަ އަހަރު އެއާފްރެއިޓަށް ދިޔަ ހަރަދަކީ ބޭރަށް މަސް ވިއްކި އަގުގެ 23 ޕަސެންޓަށް ވާއިރު މިހާރު މަހުގެ އަގާ އެއްވަރަށް ފްރެއިޓް ނަގާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"2019ގައި މި ކުންފުނިން ބޭރުކުރި ތާޒާ ކަންނެލި ވިއްކި އެވްރެޖް (ސީއައިއެފް) އަގުގެ57 ޕަސެންޓަކީ މަހުގެ އަގު ކަމަށްވާއިރު އެއާފްރައިޓްގެ ހަރަދަކީ އެވްރެޖްކޮށް ޖުމްލަ ވިއްކި އަގުގެ 23 ޕަސެންޓެވެ. ނަމަވެސް މިދުވަސްކޮޅު މަހުގެ އަގަކީ ވިއްކާ އަގުގެ 40 ޕަސެންޓު، އަދި އެއާ ފްރެއިޓަށް ދާ ހަރަދަކީ ވެސް 40 ޕަސެންޓެވެ. ކަން މިހެން އޮތުމުން ޖުމްލަ ވިއްކާ އަގުން މީގެ ކުރިން ކަންނެލި މަސްވެރިންނަށް ލިބޭ ބައި ވަނީ 30 ޕަސެންޓު ދަށްވެ، އެއާލައިންތަކުން ނަގާ ބައި 74 ޕަސެންޓު އިތުރުވެފަ އެވެ." ބިގްފިޝްގެ ބަޔާނުގައިވެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކަންނެލި މަސްވެރިންނަށް ދޭ އަގު ގިނަ ދުވަސް ވަންދެން ދަށްކޮށް ހުރެއްޖެ ނަމަ މުޅި އިންޑަސްޓްރީ އެއްކޮށް ހުއްޓޭނެ އެވެ. އަދި އެކަމާ ގުޅިގެން އެ ކުންފުނީގެ މަސައްކަތްތައް ވެސް ހުއްޓޭނެ ކަމަށް ބިގްފިޝް އިން ބުންޏެވެ.

މަސްވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބިގްފިޝް އިން އަންނަނީ ބޭރު މާކެޓުތަކަށް މަސް ވިއްކާ އަގު އިތުރު ކުރެވޭތޯ ބަލައި އެއާ ފްރެއިޓާއި އެމްއޭސީއެލުން ނަގާ ޗަޖުތަކުގެ އިތުރުން ކަންނެއްޔަށް ޔޫރަޕުން ނަގާ ޓެކްސް ކުޑަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.