ފެނާއި ނަރުދަމާގެ ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

ފެނާއި ނަރުދަމާ ގާއިމްކުރުމުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފި އެވެ.


ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި 24 ރަށެއްގެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

މި ރަސްމިއްޔާތުގައި 15 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ފަސް ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ. އަދި އޮފިޑްގެ ފައިނޭންސްގެ ދަށުން އެއް ރަށުގެ ނަރުދަމާގެ މަސައްކަތާއި ފަސް ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވި ގޮތުގައި އޮފިޑް ފަންޑުގެ ދަށުން ކުރިއަށްގެންދާ ހަތަރު މަޝްރޫއު ފަށަން ދުވަސް ނަގާނެ އެވެ. ނަމަވެސް ބާކީ 20 ރަށުގެ މަޝްރޫއުގެ މަސައްކަތް ވަގުތުން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކުރި މަޝްރޫއުތަކަށް 1.3 ބިލިއަން ރުފިޔާ އަރަ އެވެ. އަދި އޮފިޑް ފަންޑުގެ ދަށުން ކުރިއަށްގެންދާ ހަތަރު މަޝްރޫއަށް 216 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ލަފާ ކުރެ އެވެ.

ބަޖެޓުން ހަރަދު ކުރާ ފެނާ ނަރުދަމާގެ މަސައްކަތްތައް

- އއ. ފެރިދޫގެ ފެނާއި ނަރުދަމާ: 69.33 މިލިއަން ރުފިޔާ.

- އއ. ހިމަންދޫގެ ފެނާއި ނަރުދަމާ: 65.83 މިލިއަން ރުފިޔާ.

- ބ. ކަމަދޫގެ ފެނާއި ނަރުދަމާ: 56.66 މިލިއަން ރުފިޔާ.

- ބ. މާޅޮހުގެ ފެނާއި ނަރުދަމާ: 60.45 މިލިއަން ރުފިޔާ.

- ހއ. މާރަންދޫގެ ފެނާއި ނަރުދަމާ: 72.81 މިލިއަން ރުފިޔާ.

- ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ: 76.45 މިލިއަން ރުފިޔާ.

- ހއ. ވަށަފަރުގެ ފެނާއި ނަރުދަމާ: 78.92 މިލިއަން ރުފިޔާ.

- ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ: 69.14 މިލިއަން ރުފިޔާ.

- ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ: 102.17 މިލިއަން ރުފިޔާ.

- ށ. ގޮއިދޫގެ ފެނާއި ނަރުދަމާ: 86.05 މިލިއަން ރުފިޔާ.

- .ނ. މާފަރުގެ ފެނާއި ނަރުދަމާ: 94.42 މިލިއަން ރުފިޔާ.

- ނ. ފޮއްދޫގެ ފެނާއި ނަރުދަމާ: 58.15 މިލިއަން ރުފިޔާ.

- ރ. ފައިނުގެ ފެނާއި ނަރުދަމާ: 63.34 މިލިއަން ރުފިޔާ.

- ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ: 80.08 މިލިއަން ރުފިޔާ.

- އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާ: 45.12 މިލިއަން ރުފިޔާ.

- އއ. މަތިވެރީގެ ފެނުގެ ނިޒާމް: 38.83 މިލިއަން ރުފިޔާ.

- ހއ. މުރައިދޫގެ ފެނުގެ ނިޒާމް: 46.85 މިލިއަން ރުފިޔާ.

- ށ. ފީވަކުގެ ފެނުގެ ނިޒާމް: 49.60 މިލިއަން ރުފިޔާ.

- ނ. ހެނބަދޫގެ ފެނުގެ ނިޒާމް: 41.36 މިލިއަން ރުފިޔާ.

- ރ. އިންނަމާދޫގެ ފެނުގެ ނިޒާމް: 50.77 މިލިއަން ރުފިޔާ.

އޮފިޑް ފަންޑުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތައް

- ގދ. ވާދޫ، ފެނާ ނަރުދަމާ.

- ގދ. ފިޔޯރީ، ފެނާ ނަރުދަމާ.

- ބ. ކެންދޫ، ފެނާ ނަރުދަމާ.

- ބ. ދަރަވަންދޫ، ނަރުދަމާ ނިޒާމް.

މި ޕްރޮޖެކްޓުތައް ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ ހަތަރު އަހަރަށް ބަހައިގެން ފައިސާ ދައްކާ ގޮތަށެވެ.

ޝާހު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މަސައްކަތްތައް ހަވާލުކުރާނީ ދިވެހި ކޮންޓްރެކްޓަރުންނާ ކަމަށެވެ. އެގޮތުން ދެ ގޮތަކަށް މި މަސައްކަތް ކުރިއަށްގެންދަން ވިސްނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްގޮތަކީ އަޅުގަނޑުމެން ހުޅުވާލާނީ ޓެންޑާއަށް. މެޝިނަރީސް އިކުއިޕްމަންޓް އެންޑް ލޭބާ ކޮންޓްރެކްޓުގެ ގޮތުގައި ކުރިމަތިލާން. ދެން އޮތް އަނެއްގޮތަކީ އަޅުގަނޑުމެން ކޮންމެ ރަށަކަށް ޓްރެއިން ކޮށްފައި ތިބި ދެ ސްޓާފުން ފޮނުވައިގެން އެ ދެ ސްޓާފުންގެ ބެލުމުގެ ދަށުން އެ ރަށަކުން ދުވާލު މުސާރައަށް ވިއްސަކަށް މުވައްޒަފުން ނަގާނީ،" ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީއާ ހަވާލުކުރި މި މަސައްކަތްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަަޝްރޫއުތައް 18 މަސްދުވަހުން ނިންމާގޮތަށް ހަވާލުކޮށްފައި ވާއިރު ފެނުގެ ނިޒާމުގެ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ 15 މަސްދުވަހުގެ މުއްދަތަށެވެ. އަދި އޮފިޑް ފަންޑުގެ ދަށުން ހަވާލުކުރި ހަތަރު މަޝްރޫއު ވެސް ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.