މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހިންގާ ޕޭމަންޓް ސިސްޓަމް ޕްރޮޖެކްޓަށް ޓެކްނިކަލް ކޮންސަލްޓެންޓެއް ހޯދަން އިއުލާނުކޮށްފި އެވެ.
އެމްއެމްއޭ އިން ބުނީ ކޮންސަލްޓަންޓުންގެ ގޮތުގައި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތައް މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން އެ އިދާރާގައި އީމެއިލްގެ ޒަރީއާ އިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. މި ތާރީހުގެ ކުރިން ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަނޭޅޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
ޕޭމަންޓް ސިސްޓަމް ޕްރޮޖެކްޓާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 21ގެ ކުރިން އީމެއިލް މެދުވެރިކޮށް އެ އިދާރާ އަށް ސުވާލުތައް ފޮނުވަން އެމްއެމްއޭ އިން ވަނީ އެދިފަ އެވެ.
ރާއްޖޭގެ މާލީ މުއާމަލާތްތަކުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރިއަށްގެންދަ މި ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ "ޓިއޭޓޯ އެވްރީ"ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭއާ އެވެ. ޓިއޭޓޯއެވްރީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭމަންޓް ސިސްޓަމްތަކުގެ ހިދުމަތް ފުޅާދާއިރާއެއްގައި މިހާރު ވެސް ދެމުން އަންނަ ކުންފުންޏެކެވެ. ސްވިޑަންގައި "ސްވިޝް"ގެ ނަމުގައި މޮބައިލް ޕޭމަންޓް ސޮލިއުޝަނެއް ގާއިމުކުރުމާއެކު، ފިންލެންޑުގައި ފުރަތަމަ ގާއިމުކުރި ރިއަލް ޓައިމް މޮބައިލް ޕޭމަންޓް ޕްލެޓްފޯމް ވެސް ހެދީ އެ ކުންފުނިންނެވެ.
މި ސިސްޓަމުން، ކޮންމެ ބޭންކެއްގައި އެކައުންޓު އޮތް ނަމަވެސް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ ފަސޭހަކާމާއެކު، ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވަން މަގުފަހި ވެގެންދާނެ އެވެ. އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްތައް ދޭ ފަރާތްތަކަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް ހިދުމަތް ދިނުމުގެ ފުރުސަތު ވެސް ހުޅުވޭނެ އެވެ.
އެމްއެެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މީގެ ކުރިން ވިދާޅުވީ، މިއީ ރާއްޖޭގެ މާލީ ނިޒާމު، ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކާއި އެއްހަމައެއްގައި ގާއިމުކުރުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެއް ކަމަަށެވެ.
އެމްއެމްއޭއިން ލަފާކުރާ ގޮތުގައި މި ޕޭމަންޓް ސިސްޓަމް ރާއްޖޭގައި ބޭނުން ކުރަން ފެށޭނީ އަންނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގަ އެވެ.