ކޮންމެ އަހަރެއް ވެސް ޖެނުއަރީ މަހު ތަފާތު ކޮންސެޕްޓްތަކުގެ ކަލަންޑަރުތައް ފެންނަ އިރު އެސްޓީއޯއިން މިފަހަރު ވެސް މިވަނީ އެ ކުންފުނިން މި އަހަރަށް ނެރުނު ކަލަންޑަރުން ހާއްސަ ކަންތައްތަކެއް ދައްކުވައިދީފަ އެވެ. އެސްޓީއޯގެ ކަލަންޑަރުން މިފަހަރު ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބައެއް ދޫންޏާއި ކަނޑުގެ ދިރުންތައް ފެންނާނެ އެވެ.

އެސްޓީއޯއިން ބުނީ މިފަހަރު ދެމެހެއްޓެނިވި ތަރައްގީ އަށް އަމާޒުކޮށް ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކައް ކަލަންޑަރު ހާއްސަކުރަން ނިންމީ ޒުވާނުން މިކަންކަމަށް ހޭލުންތެރިކޮށް ރާއްޖޭގެ ނާޒުކު ވެއްޓަށް ގިނަ ބަޔަކު އަހުލުވެރި ކުރުމަށްޓަކައި ކަމަށެވެ. ރާއްޖޭގެ ވެށީގައި އުޅޭ ޖަނަވާރުތައް ދައްކުވައިދީފައިވަނީ ޑިޖިޓަލް ކުރެހުމެއް ކަމަށްވާ "ޒެންޓޭންގަލް" ސްޓައިލްގެ އަތު ކުރެހުންތަކުންނެވެ. މިހާއްސަ ކުރެހުންތައް ކުރަހާފައިވަނީ އެސްޓީއޯގެ ގްރެފިކް ޑިޒައިނާ އައްފާން ފާރުގެވެ. އޭނާ މިކުރެހުންތައް ކުރަހަން ހައެއްކަ މަސް ނެގި އެވެ.

ކަލަންޑަރުގެ ކޮންމެ މަހަކަށް ހާއްސަ ޖަނަވާރުގެ ދިވެހި ނަމާއި އެ ޖަނަވާރަކާ ގުޅޭ ހާއްސަ ކަންތައްތަކެއް ކިޔައިދީފައިވެ އެވެ. ޖެނުއަރީ މަހަށް ހާއްސަކޮށްފައިވަނީ ރާއްޖޭގައި އުޅޭ "މާކަނާ" އަށެވެ. އެގޮތުން މާކަނާ ބިސް އަޅަނީ ކޮންމެ އަހަރެއްގެ ޖުލައި އިން ފެށިގެން އަނެއް އަހަރުގެ ޖެނުއަރީއަށް ކަމަށާއި އާންމުގޮތެއްގައި ހަތަރު ވަރަކަށް ބިސް އަޅާ ކަން ވެސް ކަލަންޑަރުން ކިޔައިދީފައިވެ އެވެ.

މީގެ އިތުރުން ކޯމަސް، ދަނޑިފުޅު ދޫނި، ބޮންޑާއި ފެހުރިހީގެ އިތުރުން ގަސްމަތީ ފޮރިކެ އާއި ކަނބިއްޔާއި ބޮޑު ބުޅިދުނބި ފަދަ ރާއްޖޭގެ ވެށީގައި އުޅޭ ދިރުންތަކާ ގުޅޭ މައުލޫމާތުތައް ކަލަންޑަރުން އެނގެ އެވެ.

އެސްޓީއޯގެ ކަލަންޑަރާ އެކު މިވަނީ "ވައިލްޑް ލައިފް ކޮންޒަވޭޝަން" ކުރެހުމުގެ މުބާރާތެއް ވެސް ހުޅުވައިލައިފަ އެވެ. މި މުބާރާތުގައި ކޮންމެ މީހަކަށް ވެސް ކުރެހުމުގެ ހުނަރާއި ކުލަ ޖެއްސުމުގެ ހުނަރާއި ޑިޖިޓަލް އާޓް ބޭނުންކޮށްގެން ކްރިއޭޓިވިޓީ ދައްކައިލުމުގެ ފުރުސަތު އޮތީ ހުޅުވައިލައިފަ އެވެ.

އެސްޓީއޯގެ ކަލަންޑަރުގައި ޖެނުއަރީ މަސް "މާކަނާ"އަށް ހާއްސަކޮށްފައިވާ އިރު މި މަހު ޖެހެނީ މާކަނާ އުޅޭ ވެށި ކުރަހާށެވެ. މި ކުރެހުން މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ޓްވިޓާ އަދި ފޭސްބުކް މެދުވެރިކޮށް ޕޯސްޓް ކުރަން ޖެހެ އެވެ. މިގޮތަށް ކުރެހުން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުމަށް ފަހު އެސްޓީއޯ ޓެގް ކުރަން ޖެހެ އެވެ.

އެސްޓީއޯއިން މިގޮތަށް ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން ކޮންމެ މަހަކު އެންމެ ފާހަގަކޮށްލެވޭ ތިން ކުރެހުމެއް ހޮވާނެ އެވެ. މިގޮތަށް ތިން ކުރެހުން ހޮވާނީ ކުރެހުމުގެ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާ ކާރުންގެ ޕެނަލަކުންނެވެ. ވަނަ ވަނަ އަށް ހޮވޭ ކުރެހުންތަކަށް އިނާމުތަކެއް ވެސް އެސްޓީއޯއިން ދޭނެ އެވެ.