އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ)ގެ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވައިލާފައިވާ، އެ އިދާރާގެ 2021-2023 ވަނަ އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިއަދު ތައާރަފުކޮށްފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްލޭން ތައާރަފުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އޮޑިޓާ ޖެނެރަލް އަދި ސީއޭގެ ރައީސް ހަސަން ޒިޔަތާއި އެ އިދާރާގެ މެމްބަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މިއީ ސީއޭ ހިންގުމުގައި އެ އިދާރާ އިން ބަލާ ކަންތައްތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. ދިވެހި އެކައުންޓެންޓުން ކުރިއެރުވުމަށް ކުރާނެ މަސައްކަތްތަކާއި އެހެނިހެން ގައުމުތަކުގެ އެކައުންޓިން ބޮޑީތަކާ ގުޅުން ބަދަހިކުރުމަށް ކުރާނެ ކަންތައްތައް މި ޕްލޭނުގައި ވަނީ ހިމަނައިފަ އެވެ.
އޮޑިޓާ ޖެނެރަލް އަދި ސީއޭގެ ރައީސް ހަސަން މިއަދު ވިދާޅުވީ، މި ސްޓްރެޓެޖިކް ޕްލޭނެއް ހަދާފައިވަނީ ސީއޭގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އިންސްޓިޓިއުޓަކަށް ސީއޭ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ބިލްޑުކޮށް، ބައިނަލްއަގުވާމީ ދުނިޔެ ބަލައިގަންނަ އިންސްޓިޓިއުޓަކަށް މި އިންސްޓިއުޓް ހަދައި މެމްބަރުނަނަށާއި ގައުމަށް ލާބަ ހުރި މަސައްކަތްތަކެއް ކޮށްދިނުން. އަދި މި ޕްރޮފެޝަނަކީ އިތުބާރު ހިފޭ ފަހި ފުރުސަތުތަކެއް އޮތް ޕްރޮފެޝަނަކަށް ހެދުމަކީ ވެސް އަޅުގަނޑުމެންގެ އުއްމީދެއް،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ސީއޭ ވުޖޫދަށް އައި ފަހުން އެކައުންޓިން ދާއިރާ ކުރިއެރުވުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ އިދާރާގެ މެމްބަރުންނަށް ވުމުގެ ފުރުސަތު ދިވެހި އެކައުންޓެންޓުންނަށް ހުޅުވާލައި އޮޑިޓް ލައިސެންސަށް ބަދަލުތައް ވަނީ ގެނެސްފަ އެވެ.
މީގެ އިތުރުން އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންސްޓްސް (އިފެކް) އިން ބަލައިގަންނަ އިދާރާއަކަށް ހެދުމުގެ މަސައްކަތްތައް ކުރައްވާ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.