ރާއްޖޭގައި ބޭނުންވާ ވަރަށް ދިވެހި އެކައުންޓެންޓުން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ)ގެ ލޯގޯ އާއި ވެބްސައިޓް ތައާރަފު ކުރައްވައި ފައްޔާޒު ވިދާޅުވީ ވިޔަފާރިތަކުގެ އިތުރުން ދައުލަތަށް ވެސް ޕްރޮފެޝަނަލް އެކައުންޓެންޓުން ބޭނުންވެފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މި ވަގުތު އެ ދާއިރާއިން ތަމްރީން ވެފައިވާ ދިވެހިން މަދު ކަމަށާއި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ގިނަ ދިވެހިން އެކައުންޓިން ދާއިރާއިން ތަމްރީނު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީހުން އެންމެ ގިނަ ޕްރޮފެޝަނަށް ވެދާނެ އެކައުންޓިން ދާއިރާ. އެކަމަކު އަޅުގަނޑުމެންގެ އިގްތިސާދާއި ޑިމޮކްރެޓިކް މުޖުތަމައެއް ގާއިމް ކުރުމަށް މި ކުރާ ކަންކަމަށް ކޭޓާ ކުރަންޏާ އެއާ ކައިރި ކުރާ ވަރަށް ވެސް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ސީއޭއާއެކު މި ޕްރޮފެޝަނަށް އަހުލުވެރިކުރުވައި އޭގެ ޓްރެއިނިންތަކަށް ހުރި ދަތިތައް ނައްތާލަން. މިކަން ހައްލު ކުރުމަށް ސީއޭއާއެކު ވަރަށް ބޮޑު ޕްރޮގްރާމެއް ކުރަމުން މިދަނީ."
ސީއޭގެ ނައިބު ރައީސް ހަސަން މުހައްމަދު ވިދާޅުވީ މިވަގުތު ރާއްޖޭގައި ތިބި އޮޑިޓަރުންގެ ތެރޭގައި ބިދޭސީން ގިނަ ނަމަވެސް ދިވެހިން އިތުރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތްތާނގައި ލައިސަންސް ދޫކުރާނީ ރާއްޖޭގެ އޮޑިޓަރުންނަށް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޮޑިޓް ފާމްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 50 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނަށް ވާން ޖެހޭ ގޮތަށް އުސޫލު ކަނޑައަޅާފައިވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
ސީއޭއިން ހެދި ސާވޭއިން ދައްކާގޮތުގައި މިވަގުތު ރާއްޖޭގައި 4،500 އެއްހާ ބިދޭސީ އެކައުންޓެންޓުން މަސައްކަތް ކުރެ އެވެ.