މާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ގާއިމް ކުރުމަށް މިނީ ބަހުގެ ހިދުމަތް މި އަހަރުގެ ކުރީކޮޅު ފަށަން މަސައްކަތް ކުރި ނަމަވެސް އެކަން ކުރާނެ ބަޖެޓެއް ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީޙުގެ އިގްތިސާދީ ކޮމިޓީގައި ނަހުލާ ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ފެށުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. ނަމަވެސް ބަޖެޓު ނެތުމާއި ހިލޭ އެހީ ހަމަނުޖެހުމުގެ ސަބަބުން އެ ހިދުމަތް އަދިވެސް ފެށޭވަރު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި ބަހުގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. މި ހިދުމަތް މި އަހަރުގެ ކުރީކޮޅު ތައާރަފުކުރާނެ ކަމަށް ނަހުލާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ މި ހިދުމަތް ފެށުމަށް އެކި ތަންތަނުން ހިލޭ އެހީއަށް އެދިފައިވާ ކަމަށެވެ. މީގެ ތެރޭގައި ފޮރިން މިނިސްޓްރީ މެދުވެރިކޮށްގެންނާއި އދ. އަދި އިންޑިއާ އެއިޑްގެ ދަށުން އެހީ ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ތަނަކުން އެހީ ފޯރުކޮށްދީފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ބެލީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެހީ ލިބޭނެ މަގެއް އޮތްތޯ. އަޅުގަނޑުމެންނަށް މިއަދާ ހަމައަށް ވެސް އަލިމަގެއް ފެނިފައެއް ނުވޭ. ދެން ޔޫއެންއަށް ހުށަހަޅައިގެން އެ މަސައްކަތް ކުރަމުން މިދަނީ. އޭގެ އިތުރުން އިންޑިއަން އެއިޑަށް އެދިގެން އިލެކްޓްރިކް މިނީ ބަސްތަކެއް ލިބޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. އެކަމަކު އެއްވެސް ފަރާތަކުން އަދި ޕޮޒިޓިވް ޖަވާބެއް ނުލިބޭ،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ ހިލޭ އެހީއަށް އެދުނީ ބަޖެޓުން އެކަން ނުކުރެވިގެން ކަމަށެވެ. އެގޮތުން، ރައީސް އޮފީހުގައި އެދިގެން މި އަހަރުގެ ބަޖެޓުގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ހާއްސަ ބެޖެޓެއް ކަނޑައެޅި ނަމަވެސް އެ ބަޖެޓުން ހިދުމަތް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި އަހަރުގެ ބަޖެޓުގައި މިނީ ބަހުގެ ހިދުމަތް ދޭން 16 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ.

"ސަރުކާރުގެ ބަޖެޓުން އަޅުގަނޑުމެންނަށް އެކަން ފަހި ނުވެ އޮއްވާ އަނެއްކާ ކޮވިޑުގެ ކަންތައްތަކާ ހުރެ ދިމާވި ދަތިތަކާހުރެ ބަޖެޓް އެލޮކޭޓް ނުވެ ދިޔައީ. އެ މައްސަލަ ރައީސާ ހިއްސާ ކޮށްފައިވާނެ. އޭގެ ސަބަބުން މި އަހަރުގެ ބަޖެޓުގައި އެކަމަށް ވަކި ބަޖެޓެއް ހާއްސަ ވެގެންދިޔަ،" ނަހުލާ ވިދާޅުވި އެވެ.

"16 މިލިއަން ރުފިޔާއިން އަޅުގަނޑުމެންނަށް ދެ ބަސް ނޫނީ ތިން ބަސް ގަނެގެން ހިދުމަތް ނުފެއްޓޭނެތީ އެ ބަޖެޓު ހުރިގޮތަށް ބަހައްޓާފައި އިތުރަށް ހިލޭ އެހީގެ ދަށުން އެއްވެސް ފަރާތަކުން އެކަހަލަ އިނާޔަތެއް ލިބޭތޯ މަސައްކަތް މި ކުރަނީ."

ޓްރާންސްޕޯޓް މިނިސްޓްރީން މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ހަވާލު ކުރީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން ވަނީ 2019 ވަނަ އަހަރު މި ހިދުމަތް ދިނުމަށް ކުރަން ޖެހޭ ދިރާސާތައް ނިންމައި ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ބުނެފައިވާގޮތުގައި މިނީ ބަހުގެ ހިދުމަތް ދޭން ގެންނާނީ އިލެކްޓްރިކް ބަސްތަކެކެވެ.