ހޯރަފުށި އެއާޕޯޓުގެ މަރާމާތުގެ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި އެއާޕޯޓު މަރާމާތުގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

މިދިޔަ މަހު ރާއްޖެ އަށް ކުރި ވިއްސާރައިގެ ސަބަބުން އުދަ އަރައި ހޯރަފުށީ އެއާޕޯޓަށް އެކި ވަރުގެ ގެއްލުން ވަނީވެފަ އެވެ. އެގޮތުން، އެ އެއާޕޯޓުގެ ރަންވޭ އަށް ވެލި އަރާފައިވާއިރު ޓާމިނަލަށާއި އެތަނުގައި ބޭނުން ކުރާ ބައެއް ސާމާނުތަކަށާއި އެކޮމޮޑޭޝަން ބްލޮކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

މި ގެއްލުންތަކާ އެކު މަރާމާތަށް ވަގުތީ ގޮތުން އެއާޕޯޓް ވަނީ ބަންދުކޮށްފަ އެވެ. މަރމާތުގެ ހުރިހާ މަސައްކަތެއް ކުރީ އެމްޓީސީސީން އަމިއްލަ ހަރަދުގައި ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ވަނީ ބުނެފަ އެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރީ ވެސް އެމްޓީސީސީންނެވެ. އެހެންކަމުން އެ ކުންފުންޏާ އެކު ވެފައިވާ ތިން އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓުގެ މުއްދަތުގައި އެއާޕޯޓުގެ މަރާމާތުގެ މަސައްކަތް އެ ކުންފުނިން ކުރަން ޖެހޭނެ އެވެ.

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ "މިހާރު"އަށް ވިދާޅުވި ގޮތުގައި މި މަހުގެ 15 ވަނަ ދުވަހު އެ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެވޭނެ އެވެ.

ނޮވެމްބަރު 19، 2020 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުއްވައި ދެއްވި މި އެއާޕޯޓަކީ 198 މިލިއަން ރުފިޔާ ހޭދަ ކޮށްގެން ތަރައްގީ ކުރި މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓެވެ. މި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.