މީޑިއާ ނެޓުން އުފައްދާ ސިލްސިލާ ޑްރާމާ "ނަފްސު" ގެ ފުރަތަމަ އެޕިސޯޑު އަންނަ އަންގާރަ ދުވަހު ދައްކަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސައިކޮލޮޖިކަލް ތްރިލާ އަދި ބިރުވެރި މި ޑްރާމާގައި މަޝްހޫރު ތަރިން ކަމަށްވާ ޝިފާ އާއި ސައީދުގެ އިތުރުން ޝަލްޒީމް ފަދަ ކުރިއަރަމުން އަންނަ ފަންނާނުން ފެންނާނެ އެވެ.

މީޑިއާ ނެޓްގެ މަލްޓި-ސްކްރީނުން ދައްކާ 10 އެޕިސޯޑުގެ މި ޑްރާމާގައި ދައްކުވައި ދޭނީ މުއްސަނދި ފިރިހެނަކު އޭނާގެ އަންހެނުންނާއެކު ކުރާ ދަތުރެއްގައި ކުރިމަތިވާ އާދަޔާ ހިލާފު ކަންތައްތަކެވެ.

މި ސީރީޒް މަލްޓި-ސްކްރީންގެ ވީޑިއޯ އޮން ޑިމާންޑުން ލިބޭނެ އެވެ.

މީޑިއާ ނެޓުން ބުނިގޮތުގައި، "ވީޑިއޯ އޮން ޑިމާންޑް" ގެ ހިދުމަތް ހޯދަން މީޑިއާ ނެޓްގެ ބޭސިކް އަދި ފެމިލީ ކަސްޓަމަރުންނަށް އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން 100ރ. އަށް، ތިން މަހުގެ ސަބްސްކްރިޕްޝަން 150ރ. އަށް ހޯދޭނެ އެވެ. އެ ކުންފުނީގެ "ވޯންޓް އިޓް އޯލް" ކަސްޓަމަރުންނަށް 50ރ. އަށް މި ހިދުމަތް ލިބޭ އިރު އަލަށް ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް 150ރ. އަށް ސަބްސްކްރައިބު ކުރެވޭނެ އެވެ.

މީޑިއާ ނެޓްގެ މަލްޓި-ސްކްރީނަކީ މުނިފޫހިފިލުވުމަށް ހާއްސަ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް، ދިވެހި ތަފާތު ސީރީޒްތަކާއި ޝޯތައް ބަލައިލެވޭނެ އެވެ.

މަލްޓި-ސްކްރީން އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރުން އަދި ޕްލޭ ސްޓޯރުން ވެސް ލިބޭނެ އެވެ. އޭގެ އިތުރުން މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕްލިކޭޝަން ބޭނުންކޮށްގެން ޓީވީއިން ވެސް މި ޑްރާމާ ބަލައިލެވޭނެ އެވެ.