ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ހަރުދަނާކޮށް، ޒަމާނީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ސޮލަރެލް އިންޝުއަރެންސް ޕްރައިވެޓް ލިމިޓެޑުން "އިންޝުއަރެންސް އޭޝިއާ އެވޯޑްސް" ގައި ފަހުރުވެރި ދެ އެވޯޑެއް ހާސިލުކޮށްފި އެވެ.

ސޮލަރެލް އިންޝުއަރެންސަށް ލިބުނީ "ޑޮމެސްޓިކް ޖެނެރަލް އިންޝުއަރެންސް އޮފް ދަ އިޔާ–މޯލްޑިވްސް" އާއި ޑިޖިޓަލް ޓްރާންސްފޮމޭޝަން އިނީޝިއޭޓިވް އޮފް ދަ އިޔާ-މޯލްޑިވްސް އެވޯޑެވެ.

ޑޮމެސްޓިކް ޖެނެރަލް އިންޝުއަރެންސް އޮފް ދަ އިޔާ އެވޯޑު އެ ކުންފުނިން ވަނީ މިދިޔަ ދެ އަހަރު ވެސް ހޯދައިފަ އެވެ. އެހެންވެ، މިއީ ސޮލަރެލް އިން އެ އެވޯޑު ޖެހިޖެހިގެން ހާސިލުކުރި ތިންވަނަ އަހަރެވެ.

އެ ކުންފުނިން 2025 ވަނަ އަހަރުގެ ނިޔަލަށް ވަނީ ރާއްޖޭގެ އިންޝުއަރެންސް ބާޒާރުގެ 20 ޕަސެންޓު ހިއްސާ ކާމިޔާބުކޮށްފަ އެވެ. އަދި މިދިޔަ އަހަރަށް ވުރެ 14 ޕަސެންޓް  ކުރިއެރުމެއް ހޯދި އެވެ.

ސޮލަރެލް ކުންފުންޏަށް ލިބުނު އިންޓަނޭޝަނަލް ދެ އެވޯޑް -- ފޮޓޯ: ސޮލަރެލް
ސޮލަރެލް ކުންފުންޏަށް ލިބުނު އިންޓަނޭޝަނަލް ދެ އެވޯޑް -- ފޮޓޯ: ސޮލަރެލް

ސޮލަރެލް އިން ބުނީ، މާލީ ދާއިރާގެ ހާމަކަން ބޮޑުކުރުމަށް އަމަލުކުރާ ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ "އައިއެފްއާރްއެސް 17" އަށް ސަރަހައްދީ އެހެން ކުންފުނިތަކަށް ވުރެ ކުރިން އަމަލުކުރަން ފެށުމަކީ އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށެވެ. 

ދުނިޔޭގެ މަޝްހޫރު "މިއުނިކް ރީ" އާ ގުޅިގެން ރާއްޖެ އަށް އަލަށް "އެޕިޑެމިކް އެންޑް ޕެންޑެމިކް އިންޝުއަރެންސް" ތައާރަފުކުރުމާއި ސައިންޓިފިކް އުސޫލުތަކުގެ މައްޗަށް ބިނާކޮށް އިންޝުއަރެންސް އަގުތައް ކަނޑައަޅާ "އެކްޗުއަރީ" ނިޒާމު ބޭނުންކުރަން ފެށުމަކީ އެ ކުންފުނީގެ އީޖާދީ މަސައްކަތްތައް ރަމްޒުކޮށްދޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް ސޮލަރެލް އިން ބުންޏެވެ.

ސޮލަރެލް އިންޝުއަރެންސަށް "ޑިޖިޓަލް ޓްރާންސްފޯމޭޝަން އިނީޝިއޭޓިވް އޮފް ދަ އިޔާ-މޯލްޑިވްސް" އެވޯޑް ލިބުނީ އައިޓީ އިންފްރާސްޓްރަކްޗާ ޒަމާނީކޮށް، ކްލައުޑް ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވޭނެ ފަދަ ރައްކާތެރި ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމަށް ހިންގި މަޝްރޫއުގެ ސަބަބުން ކަމަށް ވެސް ބުންޏެވެ.

ސޮލަރެލްގެ ޖެނެރަލް މެނޭޖަރު ލަކްޝިތާ ފެނާންޑޯ -- ފޮޓޯ: ސޮލަރެލް
ސޮލަރެލްގެ ޖެނެރަލް މެނޭޖަރު ލަކްޝިތާ ފެނާންޑޯ -- ފޮޓޯ: ސޮލަރެލް

އާ ޑިޖިޓަލް އިންފްރާސްޓްރަކްޗާއާ އެކު، މީގެ ކުރިން ބޭނުންކުރަމުން އައި ބޯދާ ނިޒާމުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކަށާއި އޮޓޮމޭޝަން އަދި އީޖާދީ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ހުރަސްތަކަށް ހައްލު ހޯދުނު ކަމަށް ސޮލަރެލް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ، މިއީ ސޮލަރެލް އިންޝުއަރެންސްގެ ހިދުމަތަށް 10 އަހަރު ފުރުނު އަހަރު ކަމަށް ވުމާ އެކު، ބައިނަލްއަގުވާމީ މައިދާނެއްގައި މިފަދަ ބޮޑު ކާމިޔާބީއެއް ލިބުމަކީ  ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ސޮލަރެލް އިންޝުއަރެންސަކީ ސަތޭކަ ޕަސެންޓު ދިވެހި ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް އިތުބާރު ހުރި، ރައްކާތެރި އަދި ޒަމާނީ އިންޝުއަރެންސްގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.