ޗެކް ރިޕަބްލިކްގެ ޕްރާގްގެ ހޮސްޕިޓަލެއްގައި ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގުމުގެ ތެރޭގައި މައި މީހާ ފިހިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ހޯމަ ދުވަހު ބުނެފި އެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ބޭނުންކުރި ޑިސްއިންފެކްޓަންޓެއްގައި (ޖަރާސީމު ނައްތާލާ މާއްދާއެއްގައި) ރޯވުމުގެ ސަބަބުންނެވެ.

ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގެ އުތުރުގެ ހިސާބެއްގައި ހުންނަ ބުލޯވްކާ ހޮސްޕިޓަލުގެ ތަރުޖަމާނު ބުނި ގޮތުގައި މި ހާދިސާގައި ކުއްޖާއަށް އެއްވެސް އަނިޔާއެއް ނުވެ އެވެ. ނަމަވެސް "ޑެނިކް އެން" ދުވަހު ނޫހުން އާދީއްތަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 24 އަހަރުގެ މައިމީހާގެ ޖިންސީ ގުނަވަނާއި، ފަލަމަސްގަނޑާއި، އަރިކަށި އަދި ދަށްބަނޑުގެ ބައެއް ހިސާބުތައް ވަނީ ފިހިފަ އެވެ.

"ސިޒޭރިއަން ހަދަންޖެހުނީ ވިހެއުމުގެ ތެރޭގައި ދިމާވި ކުއްލި ނުރައްކާތެރި މައްސަލައަކާ ގުޅިގެން،" ހޮސްޕިޓަލްގެ ތަރުޖަމާނު އީވާ ސްޓޯލެޖްޑާ ލިބިގެރޯވާ އޭއެފްޕީއަށް ބުންޏެވެ.

މިދިޔަ މަހުގެ 25 ގައި ހިނގި މި ހާދިސާ ހޮސްޕިޓަލުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.

"މައިމީހާގެ ހާލަތު މިހާރު ރަނގަޅު. އިންޓެންސިވް ކެއާގައި ފަރުވާދޭން ނުޖެހޭތީ، ކުއްޖާއާ އެކު މިހާރު އޮތީ އާންމު ވާޑެއްގައި،" ވަރަށް ނާދިރު މި ހާދިސާގެ އިތުރު ތަފްސީލު ދިނުމަށް އިންކާރުކުރަމުން އޭނާ ބުންޏެވެ.

"ޑެނިކް އެން" އިން ބުނި ގޮތުގައި މައިމީހާގެ ހަށިގަނޑުގައި ރޯވީ، ހޮސްޕިޓަލުގެ ސްޓާފުން ޑިސްއިންފެކްޓަންޓް އެޅުމަށްފަހު، ލޭމަނާކުރުމަށް ގެންގުޅޭ އާލާތެއް ބޭނުންކުރުމުގެ ތެރޭގަ އެވެ. އަދި ފިހޭ މީހުންނަށް ފަރުވާދިނުމަށް މަޝްހޫރު ޕްރާގްގެ އެހެން ހޮސްޕިޓަލަކަށް އެ އަންހެންމީހާ ގެންގޮސް އިތުރު ފަރުވާ ދިނުމަށް ފަހު، އަނބުރާ ބުލޯވްކާ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ބުލޯވްކާ ހޮސްޕިޓަލުން ވަނީ 2024 ވަނަ އަހަރު އޭޝިއާގެ ދެ އަންހެނުން އޮޅުންބޮޅުންވެ، އެބޯޝަން ހަދަންޖެހޭ މީހާނޫން އެހެން މީހެއްގެ އެބޯޝަން ހެދި މައްސަލައެއްގައި ވެސް މާފަށް އެދެންޖެހިފަ އެވެ. ޗެކް މީޑިއާތަކުން ބުނި ގޮތުގައި އެ ހާދިސާގައި ހޮސްޕިޓަލުން ވަނީ އެ އަންހެންމީހާއަށް ބަދަލު ދީފަ އެވެ. އަދި ފުލުހުން ވަނީ އެ މައްސަލަ އިތުރަށް ތަހުގީގު ނުކުރަން ނިންމައިފަ އެވެ. -- އޭއެފްޕީ