ދެހާހުގެ ކުރީކޮޅު ބޭނުންކުރި ޑިޖިޓަލް ކެމެރާތައް ގެއްލިފައި އޮތުމަށް ފަހު އޮންލައިން ޓްރެންޑަކާ އެކު އޭގެ މަގުބޫލުކަން އިތުރުވެއްޖެ އެވެ.

އެފަދަ ކެމެރާތައް ގަންނަން، އީބޭ ފަދަ އޮންލައިން ފިހާރަތަކުގެ ސާޗް ޓްރެފިކް ވެސް މިހާރަކަށް އައިސް އުޅެނީ ވަރަށް މަތީގައި ކަމަށް ބީބީސީން ބުނެފައިވެ އެވެ.

ޑިޖިޓަލް ކެމެރާ އޮންލައިން މާކެޓްތަކުގައި ސާޗްކުރާ ވަރު އަންނަނީ އިތުރުވަމުން
ޑިޖިޓަލް ކެމެރާ އޮންލައިން މާކެޓްތަކުގައި ސާޗްކުރާ ވަރު އަންނަނީ އިތުރުވަމުން

މިދިޔަ އަަހަރުގެ ފަހު ތިން މަހު އީބޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، "ވިންޓެޖް ޑިޖިޓަލް ކެމެރާ" ގެ ސާޗް ޓްރެފިކް 15 ޕަސެންޓު އިތުރުވެފާ ވާއިރު، "ރިފާބިޝްޑް ކެމެރާ" ގެ ސާޗް ޓްރެފިކް 52 ޕަސެންޓް ކުރިއަރާފައިވާ ކަމަށް އެ ލިޔުމުގައި ބުންޏެވެ.

ފާއިތުވި އަހަރެއްހާ ދުވަސްތެރޭ މަގްބޫލް ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކްގައި "ޑިޖިޓަލްކެމެރާ" ހޭޝްޓެގަށް ވަނީ 220 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.

މިއީ "ޓާން އޮފް ދަ ސެންޗުރީ" ނުވަތަ އެއް ގަރުނުން އަނެއް ގަރުނަށް ބަދަލުވާ ދުވަސްވަރުގެ ރިވައިވްކުރާ ފެޝަން ޓްރެންޑުތައް ފަދަ ޓްރެންޑެއްގެ ގޮތުގައި، އެނަލިސްޓުން ސިފަކުރެ އެވެ.

ވިންޓެޖް ކެމެރާއަކާއެކުން ޒުވާން އަންހެން ކުއްޖަކު ފޮޓޯ ނަގަނީ
ވިންޓެޖް ކެމެރާއަކާއެކުން ޒުވާން އަންހެން ކުއްޖަކު ފޮޓޯ ނަގަނީ

ކުރީގެ ކެމެރާ ގެންގުޅޭ ބައެއް ޒުވާނުން އެ ކެމެރާ ބޭނުންކުރަނީ ކުޑައިރުގެ ފަސޭހަ އަދި ހިތްގައިމު ދުވަސްވަރުގެ "ނޮސްޓަލްޖިކް" ހަނދާންތައް އާވާތީ އެވެ.

"އެ ފޮޓޯތައް ސިފަވަނީ ހަނދާންތަކެއް ގޮތަށް. އެ ހުންނަ ފުސްކަން އަދި އެހާ ފުރިހަމަ ނޫންކަން. އެ ފޮޓޯތައް ހުންނަނީ އަހަރަމެން ކުރީގެ ހަނދާންވާ ގޮތަށް،" ބީބީސީ އަށް ވާހަކަ ދެއްކި 25 އަހަރުގެ ޒުވާނަކު ބުނެފައިވެ އެވެ.

"ޕޮލޮރޮއިޑް" ކެމެރާ އަކުން ފުރާވަރުގެ ދެ އަންހެން ކުދިން ފޮޓޯ ނަގަނީ
"ޕޮލޮރޮއިޑް" ކެމެރާ އަކުން ފުރާވަރުގެ ދެ އަންހެން ކުދިން ފޮޓޯ ނަގަނީ

އެއީ އެ ދުވަސްވަރުގެ ތަޖުރިބާ ކޮށްލަން ނުލިބޭ ކުޑަކުދިންނަށް މުޅިން އާ "ނޮސްޓާލްޖިކް" ދުނިޔެއަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ.

ފަހަކަށް އައިސް ރާއްޖޭގައި ވެސް "ޕޮލޮރޮއިޑް" ކެމެރާ ބޭނުންކޮށްގެން ފޮޓޯ ނަގައި، ސޯޝަލް މީޑިއާގައި ހިއްސާކުރުން ވަނީ ޒުވާނުންގެ މެދުގައި ބޮޑު ޓްރެންޑަކަށް ވެފަ އެވެ.