އިންޖިނިއަރުންގެ ދުވަސް ފާހަގަކުރަން ސްޓެލްކޯއިން ކުޑަކުދިންނަށް ހާއްސަކޮށް ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

މި މަހުގެ 30 ވަނަ ދުވަހު ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހަށް ކުރެހުމުގެ މުބާރާތެއް ބާއްވަން އެ ކުންފުނިން ނިންމީ ސްޓެލްކޯގެ އިންޖިނިއަރުންގެ މަސައްކަތާއި އެކަމަށް ހުންނަ ޝައުގުވެރިކަން ދައްކުވައިދިނުމުގެ ގޮތުންނެވެ.

ކުރެހުން ހުށަހެޅޭނެ ދާއިރާތަކަކީ:

  • އިލެކްޓްރިކަލް އިންޖިނިއަރިން
  • މެކޭނިކަލް އިންޖިނިއަރިން
  • ސިވިލް އިންޖިނިއަރިން
  • ސޮފްޓްވެއާ އިންޖިނިއަރިން
  • ރިނިއެބުލް އެނާޖީ އިންޖިނިއަރިން
  • ވޯޓާ އެންސް ސެވަރޭޖް އިންޖިނިއަރިން

އުމުރުން ފަސް އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށް ހުޅުވާލާފައިވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިއްޔެއިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވަން ނިންމާފައިވާ އެ މުބާރާތުގައި ބަލަނީ ދެ އުމުރުފުރާއަކައެވެ. އެއީ ފަސް އަހަރާއި 10 އަހަރު އަދި 11 އަހަރާއި 16 އަހަރުގެ އުމުރުފުރާ އެވެ.

ވަނަ އާއި އިނާމު

  • 1 ވަނަ ކުރެހުމަށް 2،500ރ.
  • 2 ވަނަ ކުރެހުމަށް 1،500ރ.
  • 3 ވަނަ ކުރެހުމަށް 1،000ރ.
  • 4 ވަނައިން 10 ވަނައާ ދެމެދަށް، ކޮންމެ ކުރެހުމަކަށް 500ރ.

ސްޓެލްކޯއިން ބުނީ ކުރެހުމުހެ އަސްލު ހުށަހަޅަން ޖެހޭނީ އަމީނީމަގުގައި ހުންނަ އެ ކުންފުނީގެ ހެޑް އޮފީހުގެ އިންފޮމޭޝަން ކައުންޓަރަށް ކަމަށެވެ. ކުރެހުން ހުންނަން ޖެހޭނީ އޭ3 ސައިޒުގެ ޕޭޕަރެއްގައި ކަމަށާއި އެއާ އެކު ކުއްޖާގެ ނަމާއި އައިޑީކާޑުގެ ފޮޓޯއަކާއި ދިރިއުޅޭ އެޑްރެހުގެ އިތުރުން ގުޅޭނެ ފޯނު ނަމްބަރު ހިމެނުމަށް ސްޓެލްކޯއިން އެދިފައިވެ އެވެ.

އިތުރު މައުލޫމާތު ބޭނުންނަމަ 3338239 އަށް ގުޅުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް އެދިފައިވެ އެވެ.

އެ ކުންފުނިން ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހުގެ ބެކްޑްރޮޕުގެ ގޮތުގައި ބޭނުން ކުރަން ނިންމާފައި ވަނީ އެ މުބާރާތުން އެއްވަނައަށްދާ ކުރެހުމެވެ.