ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސޭއެމްޑީއޭ)ގެ ސީއީއޯގެ މަގާމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު އަހުމަދު އައްޔަނުކޮށްފި އެވެ.

މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނު ކުރެއްވި މުހައްމަދު އަހުމަދު ވަނީ ފައިނޭންސް، ބޭންކިން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއިން 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވައިފަ އެވެ.

ޕްރައިވެޓް ސެކްޓަރުގައި މުހައްމަަދު އަހުމަދު ހިދުމަތް ކުރެއްވި ކުންފުނިތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް، ސޮލަރެލް އިންޝުއަރަންސް ހިމެނެ އެވެ.

މުހައްމަދު އަހުމަދު ވަނީ އިނގިރޭސި ވިލާތުގެ ޑަރްހަމް ޔުނިވާސިޓީ ބިޒްނަސް ސްކޫލުން މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތުން ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވައިފަ އެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ހުސެއިން މަނިކު މިދިޔަ އެޕްރީލް މަހު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.