ދިރާގު ދިވެހި ޕްރިމިއާ ލީގަށް މި ފަހަރު އެންމެ ރަނގަޅަށް ތައްޔާރުވި މާޒިޔާގެ ސްކޮޑުގައި އޮތް ހުނަރަށް ބަލާއިރު އަސްލު ފެންވަރުގައި އަދި ނުކުޅެވޭ ކަމަށް އެ ޓީމާ ދެކޮޅަށް މިއަދު ހަވީރު ކުޅޭ މެޗުގައި ނުކުންނަ ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ މޮޅުވެފަ އެވެ. އަނެއް ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. އެއްވަރުވީ އީގަލްސް އާއި ށ. ފޯކައިދޫއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ޔުނައިޓެޑް ވިކްޓްރީ މި ވަގުތު ލީގުގެ ހަތް ވަނައިގައި އޮތީ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ، ދެ މެޗުން މޮޅުވެގެންނެވެ.
ނަޒީހު ބުނީ އޭނާ ކޮންމެ މެޗަކަށް ވެސް ނުކުންނާނީ މޮޅަކަށް ކަމަށާއި ބައިކޮޅަށް ވަންނަ ގޯލު މަދުކުރަން ކުޅޭހާ މާޒިޔާގެ ކުޅުން ތަފާތެއް ނޫން ކަމަށެވެ.
"ހަމަ އަޅުގަނޑުމެންގެ ވެސް ރަނގަޅު ދުވަހެއްގައި މާޒިޔާ އަތުން މޮޅުވެވޭނެ. މާޒިޔާ ކުޅުނު މެޗުތަކަށް ބަލާއިރު އަޅުގަނޑު ގަބޫލުކުރާގޮތުގައި އަދި މާޒިޔާގައި ތިބި ގައުމީ ޓީމުގެ ޕްލޭޔަރުންނާއި ގައުމީ ޓީމުގައި ނުހިމެނުނަސް އެ ފެންވަރުގެ ޕްލޭޔަރުންތަކާ އެ އެންމެން ލައިގެން އަދި އެންމެ އެދެވޭ ރަނގަޅު ފުޓްބޯޅައެއް މާޒިޔާގެ ފަރާތުން އަޅުގަނޑު ގަބޫލުކުރާގޮތުގައި ނުކުޅެވޭ،" ނަޒީހު ބުންޏެވެ.
"އަޅުގަނޑަށް ރަނގަޅު މި މެޗުގައި ވެސް ނުފެނިއްޖިއްޔާ. އަޅުގަނޑު ގަބޫލުކުރަނީ ރަނގަޅަށް ކުޅެގެން ނަތީޖާ ނެރެވޭނެކަމަށް."
ޔުނައިޓެޑް ވިކްޓްރީން ލީގުގެ މެޗަކަށް މި ނުކުންނަނީ 32 ދުވަސް ފަހުންނެވެ. ލިބުނު ބްރޭކުގެ ބޭނުން އެ ޓީމަށް ނުހިފުނީ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ދިމާވި އަނިޔާގެ މައްސަލަތަކުންނެވެ. އެކަމަކު އެ ޓީމަށް އޮތް ހިތްހަމަޖެހުމަކީ ސީޒަނުގެ ކުރީކޮޅުގައި ކުޅުން ދަށްވި ގޯލްކީޕަރު ހަސަން ތޮލާލް (ތޮލާ)ގެ ފަރާތުން ކުރިއެރުންތަކެއް މި ލިބުނު ބްރޭކުގައި ފެނުމެވެ.
މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނީ ޔުނައިޓެޑް ވިކްޓްރީ އަށް އޭނާގެ ފުރިހަމަ އިހުތިރާމް އެބައޮތް ކަމަށާއި އޭނާގެ ނަޒަރުގައި އެ ޓީމަކީ ލީގުގެ ގަދަ ފަހެއްގައި އޮންނަންޖެހޭ ފެންވަރުގެ ޓީމެއް ކަމަށެވެ.
"އެ މީހުން ޓީމުގައި ތަޖުރިބާހުރި ދިވެހި ކުޅުންތެރިން އެބަތިބި. އޭގެ ތެރެއިން ބައެއް ކުޅުންތެރިން އެންމެ މޮޅު ޓީމުތަކުގައި ކުރިން ތިބީ. އަދި ބައެއް ކުޅުންތެރިން ގައުމީ ޓީމަށް ވެސް ކުޅުނު. ދެން އެ ޓީމުގެ އޮތް ހާއްސަ ކަމަކީ ލީގުގައި ބިދޭސީ ހަތަރު ކުޅުންތެރިން ތިބި ހަމައެކަނި ޓީމަށް ވުން. ހުރިހާ މަގާމެއްގައި ވެސް ބިދޭސީން އެބަތިބި،" ސެކުލޮސްކީ ބުންޏެވެ.
ސެކުލޮސްކީ ބުނީ ޔުނައިޓެޑް ވިކްޓްރީ ކުޅުނު މެޗުތައް ފެނުނު ކަމަށާއި މެޗުތަކުން އެ ޓީމު ބަލިވެފައި ހުރީ ރަނގަޅަށް ކުޅެފައި މެޗުގެ ފަހު ވަގުތު ހެދޭ ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.
"ކޮންމެ ހާލަތެއްގައި ވެސް މި މެޗުން މޮޅުވުން މުހިއްމު. އެކަންކުރެވޭނެ ފެންވަރު އެބަހުރި،" ސެކުލޮސްކީ ބުންޏެވެ.
ސެކުލޮސްކީގެ ނަޒަރުގައި މި މެޗަށް ނުކުންނައިރު ވިސްނަންޖެހޭ އަނެއް ކަމަކީ ބޮޑު ބްރޭކަކަށް ފަހު އަލުން ފަށައިގެން މާޒިޔާ ކުޅޭ ދެ ވަނަ މެޗު ކަމަށާއި އަނެއްކޮޅުން މިއީ ބްރޭކަށް ފަހު ޔުނައިޓެޑް ވިކްޓްރީ ކުޅޭ ފުރަތަމަ މެޗު ކަމަށްވުމުން ތަފާތުތަކެއް ހުންނާނެ ކަމަށެވެ.
އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އާއި ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް މިއަދުގެ މެޗުގައި ކުޅެވުމުގެ އުއްމީދު ބޮޑު ކަމަށް މާޒިޔާ އިން ވަނީ ބުނެފަ އެވެ.
މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމު އިންޑިއާގައި އޮތް އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީގެ ޗެމްޕިއަންކަން ހޯދުމުން ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށާއި މިއީ ދިވެހި ފުޓްބޯޅަ އަށް މުހިއްމު ކާމިޔާބެއް ކަމަށް ވަނީ މި މުބާރާތަކީ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތަކަށް ވުމުން ކަމަށެވެ.