މީގެ އަހަރުތަކެއް ކުރިން ރަށްރަށުގެ ސިއްހީ ކަންކަމުގައި ހެލްތު ވޯކަރުން އިސް ސަފުގައި މަސައްކަތްކުރި ގޮތަށް އެކަން ބަދަލުކުރަން ނިންމައި އެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފި އެވެ.
ހެލްތު މިނިސްޓްރީން މިމަހުގެ 10 ވަނަ ދުވަހު ރިސާޗް ފޮތެއް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަހްމަދު ނަސީމް މިކަން ފާހަގަކުރެއްވީ ރާއްޖޭގެ ސިއްހީ ކަންކަން ރަނގަޅު ކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ބައެއް ތަފްސީލް ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އާންމު ސިއްހަތު ދެނެގަތުމުގައި މައްސަލައަކަށް ވަނީ ކައިބޮއެ އުޅޭ އެއްޗެހީގެ ރަނގަޅު ނުބައި ވަކިކުރަން ނޭނގޭތީ ކަމަށެވެ.
މިހާރު ރާއްޖޭގެ އާބާދީގެ ތެރެއިން ގިނަ މީހުންނަކީ ޑައިބެޓިކްސް ފަދަ ބަލިތައް ހުރިކަން ނޭނގި ބަލި ހުރި މީހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގައި ޑައިބެޓިކްސް މީހުން އެބަތިބި ބައިވަރު، އޭގެ ތެރެއިން ދެބައިކޮށްފަ އެއްބައި މީހުންނަށް ނޭނގޭ މިއީ ޑައިބެޓިކްސް ކަމެއް ވެސް، ވެއްޓުނީމަ މި އެނގެނީ. އެހިސާބަށް ދިއުމުގެ ކުރިން އެބަ ޖެހޭ ވަރަށް ގިނަ ކަންކަން ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެލްތު މިނިސްޓްރީން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި އާންމު ސިއްހަތު ރަނގަޅު ކުރުމަށް ހެލްތު ވޯކަރުން ނުވަތަ ޕްރައިމަރީ ހެލްތް ކެއާ ވޯކަރުން ތަމްރީނުކޮށް ރަށްރަށަށް ލުން ކަަމަށެވެެ.
މި މަސައްކަތް މި އަހަރު ނިމުމުގެ ކުރިންް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުން ނަތީޖާ ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެން އެ މީހުންގެ ގޭގެއަށް ވަދެ، ކަންތައްތައް ހުރި ގޮތް ބަލައި ލަފާ ދެވޭނީ. އަޅުގަނޑުމެން އެބަ ޖެހޭ މިއީ ކިހިނެއްވާ ކަމެއްތޯ ބަލަން. ކުރިން މިފަދަ މަސައްކަތްތައް ކުރި. މިކަމާ މަޝްވަރާ ކުރަމުން އެބަ ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ޕްރޮގްރާމުގެ ދަށުން އާންމުންގެ ގާތަށް ގޮސް ސިއްހީ ހިދުމަތް ދީ އޯގާތެރިކަމާ އެކު މީހުންގެ ހާލު ބެލުމުގެ ކަންކަން އިންތިޒާމުކުރެވިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން މި އަހަރު ތެރޭގައި އެ މަސައްކަތް ފަށަން. އެކަމާ ގުޅޭ މަޝްވަރާތައް ވެސް ކަމާ ގުޅޭ ބޭފުޅުންނާ ކުރެވިއްޖެ. އެހެންވީމަ ދެން މި ކަރުދާހަށް ތިރިކޮށްފައި އަޅުގަނޑުމެން މުޅި ރާއްޖޭގައި އެއްފަހަރާ މި މަސައްކަތް ކުރަން މި މަސައްކަތް ކުރަނީ،" ނަސީމް ވިދާޅުވި އެވެ.
އެ މަސައްކަތަށް މީހުން ތިބި ކަމަށާއި ނަމަވެސް އެކަމަށް ބޭނުންވާ މީހުންނަށް ތައުލީމާއި ތަމްރީނު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ "މިހާރު" އަށް ވިދާޅުވީ ޕްރައިމަރީ ހެލްތުކެއާ ވޯކަރުންނަށް މި އަހަރުގެ ތެރޭގައި ޓްރެއިނިން އާއި އިތުރަށް ކިޔެވުުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެ ކޯހުގައި ކިޔެވުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ އެމްއެންޔޫ އާއި ޔޫކޭގެ ޔުނިވާސިޓީއަކާ ގުޅިގެން ކުރަން ނިންމާފައި ވަނީ. މިހާރު ތިބި ޕަބްލިކް ހެލްތު ވޯކަރުން، އެ ރީބްރޭންޑް ވެގެން އަންނަ އިރު އިންނާނީ ޕްރައިމަރީ ހެލްތު ކެއާ ވޯކަރުން ގޮތުގައި. އެބަ ތިބި ކޮންމެވެސް ވަރަކަށް ކިޔަވައިގެން ތިބި ކުދިން ވެސް. ވަރަށް ގިނަ އަދަދެއްގެ ސްޓާފުން މި މަސައްކަތަށް ބޭނުންވާނެ،" ޝަތުފާ ވިދާޅުވި އެވެ.
ޕްރައިމަރީ ހެލްތު ވޯކަރުން ނަގާނީ ކޮންމެ ރަށަކަށް ވެސް އެ ރަށެއްގެ އާބާދީއަށް ބެލުމަށް ފަހު ކަމަށާއި މަގުސަދަކީ މިހާރަށްވުރެ ވަރުގަދަ ޕްރައިމަރީ ހެލްތު ކެއާ ޔުނިޓެއް ގާއިމްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހެލްްތު ވޯކަރުން އަނބުރާ މުޖުތަމައުއަށް ނެރެ މަސައްކަތް ކުރުވުމަށް ނިންމާފައި ވާއިރު އެންމެ ފަހުން ހެލްތު ވޯކަރުންނާ އެކު މަސައްކަތް ކުރީ ކޮވިޑްގެ ދުވަސްވަރު އެވެެ.