ނިއު ދިއްލީ (އޮކްޓޯބަރު 30) - ބޮލުން ގުޅިފައިވާ ތުއްތު ދެ ކުދިން ވަކިކުރަން އިންޑިއާ ސަރުކާރުގެ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ކުރި ތާރީޚީ އޮޕަރޭޝަނަށް ހަތަރު ދުވަސްވީ އިރު އެއް ކުއްޖަކު ލޯ ހުޅުވާ، ގުނަވަންތައް ހަރަކާތް ކުރަން ފަށާފައިވާ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.
އުމުރުން ދެ އަހަރުގެ ޖަގާ އާއި ކާލިއާގެ ބޯ ވަކިކުރަން ކުރި އޮޕަރޭޝަނަށް 16 ގަޑިއިރު ހޭދަވި އެވެ. އޮޕަރޭޝަން ކުރުމުގައި 30 ޑޮކްޓަރުން ބައިވެރިވި އެވެ.
ޑޮކްޓަރުން ބުނީ ހާލު ރަނގަޅީ ޖަގާގެ ކަމަށެވެ. އެ ކުއްޖާ އަދިވެސް އޮތީ ވެންޓިލޭޓަރުގަ އެވެ. އަދި ކިޑްނީ މައްސަލަ ދިމާވެފައިވާތީ ކޮންމެ ދުވަހަކު ވެސް ޑައިލިސިސް ހަދަން ޖެހެ އެވެ. އެކަމަކު ކާލިއާ އަދި ހޭ ނާރާ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ދެ ކުދިންގެ އޮޕަރޭޝަނުގައި ބައިވެރިވި ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސްގެ ޕްރޮފެސަރު ޑީޕަކް ގުޕްތާ ވިދާޅުވީ ދެ ކުދިންގެ ހާލަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
އިންޑިއާގެ އިރުމަތީގެ އޮރިއްސާ ސްޓޭޓުގގައި އުފަންވި ދެ ކުދިން ވިހޭ އިރު ވަނީ ބޮލުގެ ލޭ ހޮޅިތަކާއި ސިކުނޑީގެ ޓިޝޫތައް ގުޅިފަ އެވެ. މިއީ އުފަންވާ ތިން މިލިއަން ކުދިންގެ ތެރޭން އެއް ކުއްޖަކަށް ދިމާވާ މައްސަލައެކެވެ. ބޮލުން ގުޅިފައި ތިބޭ ކުދިންނަށް ސިއްހީ ގޮތުން ބޭނުން ކުރާ ޓާމަކީ "ކްރެނިއޯޕޭގަސް" އެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މި ގޮތަށް ބޯ ވަކިކުރާ ކުދިންގެ ތެރޭން 50 ޕަސެންޓް ކުދިން 24 ގަޑިއިރު ތެރޭ މަރުވެ އެވެ.
ޑޮކްޓަރުން ބުނީ އޮޕަރޭޝަނަށް ފަހު އެންމެ ބޮޑު ގޮންޖެހުމަކީ ދެ ކުދިންގެ ސިކުނޑީގެ ދެ ފަރާތަށް ހަން އެރުވުން ކަމަށެވެ. އޮޕަރޭޝަނުގެ ތެރޭގައި ދެ ކުދިންގެ ބޮލުން ވެސް ވަނީ ބޮޑު ޖާގައެއް ހެދިފަ އެވެ. ބޮލަށް ހަން އެރުވުމަށް ފަހު ދެން އޮންނާނީ ބޮލުގެ ނާށިގަނޑު ހެދުން ކަމަށް ޕްލާސްޓިކް ސާޖަން މަނީޝް ސިންގާލް ވިދާޅުވި އެވެ.
ދެ ކުދިންގެ ފުރަތަމަ އޮޕަރޭޝަން ކުރީ އޮގަސްޓް 28 ވަނަ ދުވަހު އެވެ. އެ ފަހަރު ޑޮކްޓަރުން ވަނީ ދެ ކުދިންގެ ހިތުން ސިކުނޑި އަށް ގުޅިފައިވާ ނާރުތައް ވަކިިކުރަން ބައިޕާސް އޮޕަރޭޝަނެއް ކޮށްފަ އެވެ.