މުޅި ދުނިޔެ ހުއްޓުވާލި ކޮވިޑް-19އާ ދެކޮޅަށް އެމެރިކާގެ ފައިޒާ ކުންފުނިން ތައްޔާރުކުރި ވެކްސިން ވަރަށް ކާމިޔާބުކަމަށް، ތިން ވަނަ މަރުހަލާގެ އަޖުމަބެލުމުން ދައްކައިފި އެވެ.

ފައިޒާ އާއި ޖަރުމަނުގެ ބައޮއެންޓެކް ގުޅިގެން އީޖާދުކުރި ވެކްސިންގެ ޓެސްޓްތައް 43،500 މީހުން ބޭނުންކޮށްގެން ކުރިއަށް ގެންދާ އަޖުމަބެލުމުގެ ފުރަތަމަ ދިރާސާއިން ދައްކަނީ، ފައިޒާ އިން ބުނި ގޮތުގައި، ވެކްސިން ދޭ މީހުންގެ 90 ޕަސެންޓް މީހުންގެ ހަށިގަނޑުގައި ކޮރޯނާވައިރަސްގެ ދިއާފު އުފެދޭ ކަމަށެވެ.

ދެ ކުންފުނިން ސިފަކުރި ގޮތުގައި މިއީ "އިންސާނިއްޔަތާއި ސައިންސަށް ވަރަށް ބޮޑު ދުވަހެކެ"ވެ.

ފައިޒާއިން ނެރުނު ބަޔާނެއްގައި ބުނީ ހަ ގައުމެއްގައި ކުރިއަށް ގެންދިޔަ ވެކްސިނުން ރައްކާތެރިކަމާ މެދު ކަންބޮޑުވާން ޖެހޭ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ.

މި ވެކްސިން ނޫނަސް ދުނިޔޭގެ ބޮޑެތި ބައެއް ކުންފުނިތަކުން އުފެއްދި ވެކްސިންތައް މިހާރު އުޅެނީ ތިން ވަނަ މަރުހަލާގެ ޓެސްޓްތަކުގަ އެވެ. އެކަމަކު މިއީ އޭގެ ފުރަތަމަ ނަތީޖާއެއް ލިބުނު ފުރަތަމަ ވެކްސިނެވެ.

މިހާތަނަށް 50 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި އޭގެ ތެރެއިން 1.2 މިލިއަން މީހުން ވަނީ މަރުވެފަ އެވެ. މިހާރު ވެސް ޔޫރަޕާއި އެމެރިކާ އަދި އިންޑިއާ ފަދަ ގައުމުތަކުގައި ދުވާލަކު އެތައް ހާސް ބަޔަކު ބައްޔަށް ޕޮޒިޓިވްވެ އެވެ.

ކޮރޯނާވައިރަސްއިން ސަލާމަތްވެވެން އޮތީ، ސައިންސްވެރިން ބުނާ ގޮތުގައި، ވެކްސިނެއް ނުވަތަ ބޭހެއް ލިބިގެންނެވެ.

ފައިޒާ އިން އުއްމީދުކުރަނީ މި އަހަރު ނިމުމުގެ ކުރިން 50 މިލިއަން ޑޯޒް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން 1.3 ބިލިއަން ޑޯޒް ބާޒާރަށް ނެރެވޭނެ ކަމަށް ވެސް، ދުނިޔޭގެ އެންމެ ބޮޑު އެއް ބޭސް ކުންފުނިން ލަފާކުރެ އެވެ.

ދެ ޑޯޒުގެ ވެކްސިނެއް

ފައިޒާގެ ވެކްސިންގެ ދެ ޑޯޒެއް، ތިން ހަފުތާގެ ދުރުމިނެއްގައި ދޭން ޖެހެ އެވެ. އެމެރިކާ އާއި ޖަރުމަނާއި ތުރުކީ އާއި ބްރެޒިލް އާއި އާޖެންޓީނާ އާއި ސައުތު އެފްރިކާގައި ކުރިއަށް ގެންދިޔަ އަޖުމަބެލުމުން އެނގުނީ ދެ ވަނަ ޑޯޒް ދޭތާ ހަފުތައެއްގެ ތެރޭގައި 90 ޕަސެންޓް މީހުންނަށް ކޮރޯނާވައިރަހުން ރައްކާތެރިވެވޭ ކަމެވެ.

އެކަމަކު މި ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 80 ޑިގްރީ ސެލްސިއަސްގައި ކަމަށް ވާތީ، ވެކްސިން އުފުލުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

ފައިޒާ އާއި ބައޮއެންޓެކްގެ ވެކްސިންގައި ބޭނުންކުރީ މީގެ ކުރިން އަދި އެއްވެސް ވެކްސިނެއް ތައްޔާރުކޮށްފައިނުވާ އުކުޅެކެވެ. ކުރިން ނަމަ ވެކްސިން އުފައްދަނީ އެ ބައްޔެއް ނިސްބަތްވާ ވައިރަސް ނުވަތަ ޖަރާސީމު ބޭނުންކޮށްގެންނެވެ. އެކަމަކު މި ވެކްސިންގައި ބޭނުންކުރީ ސީދާ ކޮރޯނާވައިރަސްގެ ބަދަލުގައި އޭގެ ޖެނެޓިކް ކޯޑެވެ. އެ ކޯޑު ހަށިގަނޑަށް ފޮނުވާލުމުން ކޮރޯނާވައިރަސްއާ ދެކޮޅަށް ދިފާއީ ބާރު އުފެދެ އެވެ. އަދި އެއްވެސް ގޮތަކުން ހަށިގަނޑު ތެރެއަށް ކޮރޯނާވައިރަސް ވަދެއްޖެ ނަމަ، އެ ގިނަވިޔަނުދީ، ބާރު ދެރަކޮށް، ނައްތާލަ އެވެ.

"މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި މައްސަލަ އިން ސަލާމަތްވާން ދުނިޔޭގެ ހުރިހާ ކަންކޮޅެއްގެ އިންސާނުންނަށް ބޭނުން ޖެހިފައި އޮތް ވަސީލަތެއް ހޯދައިދިނުމުގައި އަހަރެމެންނަށް ވަރަށް މި އެޅުނީ ވަރަށް މުހިންމު ފިޔަވަޅެކެވެ،" ފައިޒާގެ ޗެއާމަން އަލްބާޓް ބޯލާ ވިދާޅުވި އެވެ.

މިއީ އަދި އަޖުމަބެލުމުގެ އެންމެ ފުރަތަމަ ނަތީޖާ އެވެ. މި ދިރާސާ ބިނާކުރީ ވެކްސިން ދިން 94 މީހުންގެ މައުލޫމާތުގެ މައްޗަށެވެ. އެހެންކަމުން ވެކްސިންގެ އަސްލު އަސަރު ހުރި މިންވަރު އެނގޭނީ މުޅި ދިރާސާގެ ފަހުގެ ނަތީޖާ އިންނެވެ. އެކަމަކު މިހާރު އެނގުނު މިންވަރަކީ ވެސް ވަރަށް ބޮޑު އުއްމީދެއް ކަމަށް، ސައިންސްވެރިން ބުނެ އެވެ.

"މި ހަބަރުން އަހަންނަށް އެއް ކަންފަތުން އަނެއް ކަންފަތާ ހަމަޔަށް ހިނިތުންވެވިއްޖެ،" އޮކްސްފޯޑް ޔުނިވަސިޓީގެ ޕްރޮފެސަރު ޕީޓާ ހޯބީ ވިދާޅުވި އެވެ.