ޓޯކިޔޯ (ނޮވެމްބަރު 14) - އެންމެ މަތީ ފަންތީގައި 19 އަހަރު ފުޓްބޯޅަ ކުޅުމަށް ފަހު މި އަހަރު ފުޓްބޯޅައިން ރިޓަޔާކުރާނެކަން އިއުލާނުކޮށްފައިވާ ސްޕެއިނުގެ ފޯވާޑް ޑޭވިޑް ވިޔާ ދެން މިސްރާބު ޖަހާނީ ފުޓްބޯޅަ ޓީމެއް ހިންގުމަށެވެ.
އުމުރުން 37 އަހަރުގެ ވިޔާ މި ވަގުތު ކުޅެމުން އަންނަނީ ޖަޕާނުގެ ޖޭ ލީގުގެ ވިސެލް ކޯބޭ އަށެވެ. އަންނަ މަހު ނިމޭ މި އަހަރުގެ ޖޭ ލީގު ސީޒަނަށް ފަހު އޭނާ ފުޓްބޯޅައިން ރިޓަޔާކުރާނެ އެވެ. މިއީ ވަރަށް ގިނަ ދުވަސް ވަންދެން ވިސްނުމަށް ފަހު ނިންމި ނިންމުމެއް ކަމަށް ވިޔާ ބުންޏެވެ.
"އަހަރެންގެ އާއިލާއާ ވެސް މަޝްވަރާކުރުމަށް ފަހު އަހަރެން މި ނިންމުން ނިންމީ އެއްވެސް އުނދަގޫ ކަމެއް މަޖުބޫރުކަމެއް ނެތި ރަނގަޅަށް ރިޓަޔާކުރަން،" ސްޕެއިނުގެ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް އަދި ވެލެންސިއާ އަށް ކުޅުނު ވިޔާ ބުންޏެވެ.
ސްޕެއިން ގައުމީ ޓީމަށް 98 މެޗު ކުޅެދީފައިވާ ވިޔާ އަކީ 59 ގޯލާ އެކު އެ ގައުމުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ސްޕެއިނުގެ ރަން ޖީލުން 2008 އިން 2012 އަށް ދުނިޔޭގެ ފުޓްބޯޅައިގައި ހޯދި ބޮޑެތި ކާމިޔާބީތަކުގައި ވިޔާގެ ދައުރު ބޮޑެވެ. އޭނާ ބުނީ ރިޓަޔާކުރިޔަސް ފުޓްބޯލައިން ދުރަށް ނުދާނެ ކަމަށެވެ.
"އަހަރެންނާ ފުޓްބޯޅައާ ވަކި ނުވާނެ. އަބަދުވެސް ފުޓްބޯޅަ ތެރެއިން ފެންނާނެ،" ވިޔާ ބުންޏެވެ.
ކުޅުން ހުއްޓާލުމަށް ފަހު ވިޔާ މިހާރު ވަނީ އެމެރިކާގެ ދެ ވަަނަ ޑިވިޝަނުގައި ވާދަކުރާ ކުއީންސްބޮރޯ އެފްސީގެ ހިއްސާ ގަންނަން ނިންމައިފަ އެވެ. ނިއު ޔޯކް ޑިސްޓްރިކްޓަށް ނިސްބަތްވާ ކުއިންސްބޮރޯ އެފްސީ އަކީ މުޅިން އަލަށް އަންނަ ސީޒަނުގައި ވާދަކުރާ ޓީމެކެވެ. ވިޔާގެ ވިސްނުން ހުރީ އެމެރިކާގެ ފުރަތަމަ ޑިވިޝަން ކްލަަބަށް އެ ޓީމު ބަދަލުކުރާށެވެ.
ސްޕޯޓިން ގިޔޯން އިން 2000 ވަނަ އަހަރު ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށި ވިޔާ ދެން ބަދަލުވީ ޒަރަގޯޒާ އަށެވެ. އޭނާ ގިނަ ބަޔަކަށް ފާހަގަވާން ފެށީ 2005 ވަނަ އަހަރު ވެލެންސިއާ އަށް ބަދަލުވެ ދައްކަން ފެށި ކުޅުމުގެ ސަބަބުންނެވެ. އެ އަށް ފަހު ބާސެލޯނާ އަށް ބަދަލުވެ އެ ޓީމުގައި ތިން ސީޒަން ހޭދަކޮށް ފަހުން ވިޔާ ފެނުނީ އެތުލެޓިކޯ އިންނެވެ. އޭގެ ފަހުން އެމެރިކާ ލީގު (އެމްއެލްއެސް)ގެ ނިއުޔޯކް ސިޓީ އާއި އޮސްޓްރޭލިއާގެ މެލްބަން ސިޓީ އަށް ކުޅުމަށް ފަހު މިހާރު ކުޅެމުން އަންނަ ވިސެލް ކޯބޭއާ ވިޔާ ގުޅުނީ މިދިޔަ ޑިސެމްބަރު މަހު އެވެ.
ގައުމީ ޓީމުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ވިޔާ ރިޓަޔާކުރި ނަމަވެސް އޭގެ ތިން އަހަރު ފަހުން 2017 ވަނަ އަހަރު އޭނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ސްކޮޑެއްގައި އެއް ފަހަރު ހިމެނިފަ އެވެ.