މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ގިނަ ބަޔަކަށް އޮޅިފައެއް ނޯންނާނެ އެވެ. ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރިން، ޕާޓްޓައިމްކޮށް މަސައްކަތް ކުރެއްވީ ދިޓީވީގައި ޕްރެޒެންޓަރެއްގެ ގޮތުގަ އެވެ. ލައިވް ޕްރޮގްރާމްތައް ހުށަހެޅުއްވުމަކީ އޭނާ އަށް ވަރަށް ފަސޭހަ ކަމެކެވެ.

ޚަބަރު ވިދާޅުވާކަށް އެނގިވަޑައެއް ނުގަތް

ދިޓީވީގައި މަސައްކަތް ކުރެއްވި ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި 900 އަށް ވުރެ ގިނަ ޕްރޮގްރާމް އަމީތު ހުށަހެޅުއްވި އެވެ. އެކަމަކު ޚަބަރު ކިއުމަކީ ފަސޭހަ ކަމަކަށް އޭނާއަކަށް ނުވި އެވެ.

ދިޓީވީގައި އުޅުއްވި ދުވަސްވަރު މެމްބަރު އަމީތު، އޭރުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަބްދުﷲ ޔާމީނާ އިންޓަވިއުކުރައްވަނީ
ދިޓީވީގައި އުޅުއްވި ދުވަސްވަރު މެމްބަރު އަމީތު، އޭރުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަބްދުﷲ ޔާމީނާ އިންޓަވިއުކުރައްވަނީ

ކޮންމެ ރެއަކު ދެ ގަޑިއެއްހާ އިރު ހުއްޓާ ނުލައްވާ ޓޯކް ޝޯތައް ކުރިއަށް ގެންދެވި އެވެ. އެކަމަކު ހަބަރު ވިދާޅުވާކަށް އެއްގޮތަކަށް ވެސް އެނގިވަޑައެއްނުގަތެވެ. ދިޓީވީން ވަކިވެވަޑައިގެންނެވި އިރު ވެސް، އެ ހުނަރުން އޭނާ ހުންނެވީ މަހޫރުމްވެވަޑައިގެންފަ އެވެ.

"ދިޓީވީގައި 2009 އިން 2014ގެ ފެބްރުއަރީއާ ހަމައަށް ހަމައެކަނި ޕްރެޒެންޓް ކުރީ،" އަމީތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިޓީވީގައި ޚަބަރު ވިދާޅުވާން އެތައް ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވި އެވެ. އެކަމަކު އެކަން ކާމިޔާބެއް ނުވި އެވެ.

"އޭރު ޚަބަރު ކިޔަން ވަރަށް މަސައްކަތް ކުރިން. އޭރު ޕްރެޒެންޓް ކުރާ މީހުން ޚަބަރު ކިޔާނެ. އެކަމަކު ޚަބަރު ކިއުމުގެ ރާގާއި ވައްޓަފާޅި ނެތީ ޓްރެއިން ކުރީމަ ވެސް،" އަމީތު ވިދާޅުވި އެވެ.

މެމްބަރު އަމީތު، އަނބިކަނބަލުންނާއި ދެ ބޭފުޅުންނާ އެކު
މެމްބަރު އަމީތު، އަނބިކަނބަލުންނާއި ދެ ބޭފުޅުންނާ އެކު

ސިޔާސީ ގޮތުން ފުންނާބު އުސް ތަފާތު އެކި ބޭފުޅުންނާ އޭނާ ވަނީ އިންޓަވިއުކުރައްވައިފަ އެވެ. އެކަމަކު ވަރަށް އިސް ދެ ލީޑަރަކު އޭގެ ތެރޭގައި ނުހިމެނެ އެވެ. އެއީ ކުރީގެ ދެ ރައީސުން ކަމަށް ވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދެވެ.

އެކަމަކު ދިޓީވީގައި ޕްރެޒެންޓް ކުރައްވަން ފެއްޓެވި ދުވަސް، އަމީތު ވިދާޅުވާ ގޮތުގައި، ވަރަށް ޚާއްސަ އެވެ. ރައީސް ނަޝީދުގެ ކެބިނެޓް ބައްދަލުވުން ކަނޑު އަޑީގައި ބޭއްވި ތާރީޚީ ދުވަހެވެ.

ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ވަހީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާ އިންޓަވިއުކުރެއްވި އެވެ.

"މައުމޫނާއި ނަޝީދާ އެކު އިންޓަވިއު ކޮށްލަން ފުރުސަތު ނުލިބުމުން ވަރަށް ދެރަވި. އިންޓަވިއު ހަމަޖައްސަން އަމިއްލަ ހައިސިއްޔަތުން ވެސް އުޅުނިން. އެކަމަކު ކާމިޔާބުވާ ގޮތް ނުވީ،" އަމީތު ވިދާޅުވި އެވެ.

މެމްބަރު އަމީތު (ވ) ބޭބެ އަމީންއާ އެކު
މެމްބަރު އަމީތު (ވ) ބޭބެ އަމީންއާ އެކު

މިސްކިތް ފޮޅާ ސާފުކުރަން އުޅުއްވި

އަމީތަކީ ގދ. ގައްދުއަށް އުފަން ބޭފުޅެކެވެ. އޭނާ މަޑުއްވަރީ ދާއިރާގެ ގޮނޑި ފުރުއްވަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ. އޭގެ ޖަވާބަކީ ޕީޕީއެމް ތެރެއިން ލިބިވަޑައިގެންނެވި ފުރުސަތުގައި ކާމިޔާބުކުރެއްވުން އެންމެ ފަސޭހަ އެއް ދާއިރާއަކަށް މަޑުއްވަރީ ދާއިރާ ވުމެވެ.

އަމީތުގެ ސިޔާސީ ހަޔާތް ފެއްޓެވުމުގައި މައުމޫނާއި ޖަމީލްގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީންގެ ހިއްސާ ބޮޑުކަން އޭނާ ފާހަގަކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކެމްޕެއިންގައި އަމީތު (ވ) ޖަލްސާއެއްގައި ވާހަކަ ދައްކަވާއިރު، އަރިހުގައި ޖަމީލް. (ކ-2)
ރައްޔިތުންގެ މަޖިލިހުގެ ކެމްޕެއިންގައި އަމީތު (ވ) ޖަލްސާއެއްގައި ވާހަކަ ދައްކަވާއިރު، އަރިހުގައި ޖަމީލް. (ކ-2)

ގައްދޫގައި އުޅުއްވި އިރު ހަނދާނުން ފޮހެލަން ދަތި ބައެއް ކަންކަން ކުރެއްވި އެވެ. ހާއްސަކޮށް އޭނާ ފާހަގަކުރައްވާ އެއް ކަމަކީ ކާފަ އަލި މަނިކާ އެކު މިސްކިތް ފޮޅާ ސާފުކުރެއްވި ދުވަސްތަކެވެ. އަމީތު ވިދާޅުވި ގޮތުގައި އޭރު ގާތްގަނޑަކަށް އުމުރުން ވާނީ 10-12 އަހަރެވެ. ކޮންމެ ދުވަހަކު ވެސް މިސްކިތް ފޮޅާ ސާފުކުރުމަކީ އޭނާގެ އާދައެކެވެ.

"މިސްކިތް ސާފުކުރަން ކާފައާ އެކު ދާނީ ފިހިގަނޑު ހިފައިގެން. އެކަން ކުރީ އުޖޫރައަކަށް ނޫން. ކުރާ ހިތުން ކުރި މަސައްކަތެއް އެއީ،" މެލޭޝިއާގައި އިންޖިނިއަރިންގެ ދާއިރާ އިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ އަމީތު ވިދާޅުވި އެވެ.

ތަޖުވީދު މަގަށް ގުރުއާން ވިދާޅުވޭ

ގައްދޫގައި ކިޔެވި ދުވަސްވަރު އޭނާއަކީ ތަޖުވީދު މަގަށް ގުރުއާން ވިދާޅުވާން ފަރިތަ ބޭފުޅެކެވެ. އެ ރަށު ސްކޫލްގައި ބޭއްވި ގުރުއާން މުބާރާތްތަކުން ރަން ވަނަތަކެއް ހާސިލްކުރެއްވި އެވެ. ރަށު ސްކޫލުން އެއްވަނަ ލިބިވަޑައިގަތުމުން ގައުމީ މުބާރާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ވެސް ލިބިވަޑައިގެންނެވި އެވެ.

އުމުރުން 16 އަހަރުގައި އާއިލާއާ އެކު މާލެ ވަޑައިގެން ކުއްޔަށް ކުޑަކުޑަ ތަންކޮޅެއްގައި އުޅުއްވީ "ވަރަށް ދަތި ހާލުގައި" ކަމަށް ވިދާޅުވި އެވެ.

ކަރޯކޭ ޖެއްސުމަކީ އަމީތުގެ ވަރަށް ބޮޑު ޝައުގެކެވެ. ލަވަ ވިދާޅުވާން ސްޓޭޖަކަށް އަރުއްވަން ވެސް އޭނާ ހުންނެވީ ތައްޔާރަށެވެ.