ވޮޝިންޓަން (ޖުލައި 25) - ލީކުވެފައިވާ އީމެއިލްތަކުގެ މައްސަލައިގައި އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ޑެބީ ވަސަމެން ޝޫލްޒް އިސްތިއުފާ ދެއްވާނެ ކަމަށް އެ ކަމަނާ އިއުލާން ކުރައްވައިފި އެވެ.
ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުގެ ގޮތުގައި ހިލަރީ ކްލިންޓަން ހަމަޖެއްސުމަށް ބާއްވާ ޕާޓީގެ ގައުމީ ޖަލްސާ މިއަދު ފެށި އިރު ލީކުވި މެއިލްތަކުގެ މައްސަލައިގައި ޕާޓީގެ އެއްބައިވަންތަ ކަމަށް ވަނީ ހުރަސް އެޅިފަ އެވެ. މި މަހު 22 ވަނަ ދުވަހު ވިކިލީކްސް އިން ބޭޒާރުކޮށްލި ޕާޓީގެ އެތެރޭގެ މުއާމަލާތްތަކުގެ ގާތްގަނޑަކަށް 20،000 މެއިލްގައި ވަނީ ޕްރައިމަރީގައި ހިލަރީއާ ވާދަކުރެއްވި ބާނީ ސެންޑާސްއާ ދެކޮޅަށް ޕާޓީގެ އިސް ބައެއް ފަރާތްތަކުން ކެމްޕޭން ކުރިކަން ފަޅާ އަރައިފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީން މި އަހަރުގެ މެއި މަހާ ދެމެދު ހިންގާފައިވާ މުއާމަލާތްތަކެވެ.
ވާމޮންޓުގެ ސެނޭޓާ ސެންޑާ ވަނީ ޝުލްޒް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕާޓީގެ ގައުމީ ޖަލްސާގެ ރިޔާސަތު އޭނާ އަށް ނުބެލެހެއްޓޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ޝުލްޒް ވެސް ނިންމަވާފައި ވަނީ ހަތަރު ދުވަހުގެ ކޮންވެންޝަން ނިމުމާ އެކު އިސްތިއުފާ ދެއްވުމަށެވެ.
ހިލަރީގެ ކެމްޕޭން މެނޭޖަރު ރޮބީ މޫކް ތުހުމަތު ކުރައްވަނީ އީމެއިލްތައް ލީކުކޮށްލީ ރަޝިޔާ އިން އެހީވެގެން ކަމަށެވެ.
ޕާޓީގައި ޝުލްޒް ކޮށްދެއްވި މަސައްކަތަށް ރައީސް ބަރަކް އޮބާމާ ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
ހިލަރީގެ ނައިބެއްގެ ގޮތުގައި ވާޖީނިއާގެ ސެނޭޓަ ޓިމް ކޭން ހަމަޖެއްސުމުން ވެސް ސެންޑާސްގެ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެކަމަކު ސެންޑާސް ވިދާޅުވީ ޓިމް އަކީ އޭނާ ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް ކަމަށާއި އެއީ ރަނގަޅު ބޭފުޅެއް ކަމަށެވެ.
ޑިމޮކްރެޓިކް ޕާޓީގެ ނޭޝަނަލް ކޮންވެންޝަނުގެ ފުރަތަމަ ދުވަހު ސޭންޑާސްގެ އިތުރުން ފަސްޓް ލޭޑީ މިޝޭލް އޮބާމާ ވެސް ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ކުރީގެ ރައީސް ބިލް ކްލިންޓަން މާދަމާ ތަގްރީރު ކުރައްވާނެ އެވެ. އަދި ރައީސް އޮބާމާ އާއި ނައިބް ރައީސް ޖޯ ބައިޑަން ބުދަ ދުވަހު ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އީމެއިލްތައް ލީކުވި ނަމަވެސް ސެންޑާސް ވަނީ ޕާޓީގެ އެއްބައިވަންތަ ކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕާޓީގެ މިޝަނަކަށް ވާން ޖެހޭނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ބިލިއަނަރު ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ކުރި ހޯދާ އެމެރިކާގެ 45 ވަނަ ރައީސްގެ މަގާމަށް ހިލަރީ އިންތިޚާބު ކުރުން ކަމަށް ވިދާޅުވި އެވެ.